26 މާޗް 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހއ. މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓު ހޯރަފުއްޓަށް ބަދަލުކޮށްފައިވާއިރު، މުޅި އަތޮޅުގެ ތަރައްގީ އަށް ބަލާއިރު އެއީ އެއާޕޯޓް އެޅުމަށް އެންމެ ރަނގަޅު ސަރަހައްދު ނޫން ކަމަށް ހއ. އަތޮޅުގެ ބައެއް ކައުންސިލްތަކުން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހއ. މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓު ހޯރަފުއްޓަށް ބަދަލުކޮށްފައިވާއިރު، މުޅި އަތޮޅުގެ ތަރައްގީ އަށް ބަލާއިރު އެއީ އެއާޕޯޓް އެޅުމަށް އެންމެ ރަނގަޅު ސަރަހައްދު ނޫން ކަމަށް ހއ. އަތޮޅުގެ ބައެއް ކައުންސިލްތަކުން މިއަދު ބުނެފި އެވެ.
މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓް ހޯރަފުށީ ހުޅަނގު ފަރާތު ފަޅު ހިއްކައިގެން އެތަނުގައި ހަދާ ނަމަ އެހެން ރަށްރަށުން އެއާޕޯޓަށް ދާ މީހުން ޖެހޭނީ ހޯރަފުއްޓަށް ގޮސް ވެހިކަލެއްގައި އިތުރު ދަތުރެއް ކުރުމަށެވެ. އެއާޕޯޓް ހަދަން ނިންމާފައިވާ ސަރަހައްދުގައި ބަނދަރެއް ނޯންނާނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާގެ އުފަން ރަށް ހޯރަފުށީގައި އެއާޕޯޓް އެޅުމަށް ނިންމައި އެ މަސައްކަތް އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފައިވާއިރު، އެއީ އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ އަހުމަދު ސަލީމް (ސައްލެ) ގެ ކެމްޕެއިން ވައުދެކެވެ. އަދި އެމްޓީސީސީއާ އެ މަސައްކަތް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ސަލީމް ބައިވެރިވެ ވަޑައިގަތެވެ.
އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ އެކު ހަވާލުކުރުމަށް ހޯރަފުށީގައި އިއްޔެ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި މިނިސްޓަރު އައިޝާ ވަނީ ސަލީމަށް ވޯޓު ދިނުމަށް ގޮވާލައްވައިފަ އެވެ.
ހޯރަފުށީ ފަޅު ތެރޭގައި އެއާޕޯޓް އެޅުމާ ދެކޮޅަށް އިހަވަންދޫގައި ދަމާފައިވާ ބެނާއެއް
ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި އެ އަތޮޅުގެ ބައެއް ކައުންސިލަރުން ވިދާޅުވީ، ހޯރަފުށީގައި އެއާޕޯޓް އަޅަން ނިންމުމަކީ ސިޔާސީ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށެވެ. އެއީ މިނިސްޓަރު އައިޝާގެ ރަށް ކަމަށް ވެފައި ސަލީމުގެ ކެމްޕެއިނަށް ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި އެބޭފުޅުން އެ މަޝްރޫ ސިފަ ކުރައްވަ އެވެ. އަދި އެކަން އެގޮތަށް ނިންމީ އެ ސަރަހައްދުގެ އެއްވެސް ރަށެއްގެ ކައުންސިލާ އަދި ރައްޔިތުންނާ ވެސް އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް އެ ކައުންސިލަރުން ވިދާޅުވެ އެވެ.
ހއ. އަތޮޅު ކައުންސިލް މެމްބަރުކަން ކުރައްވާފައިވާ، މިހާރު އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި، މުޅި އަތޮޅުގެ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް އެއާޕޯޓް ތަރައްގީކުރާ ނަމަ އެ މަސައްކަތް ކުރަން ޖެހޭނީ ހއ. މޮޅަދޫގަ އެވެ. އޭރުން އަތޮޅުގެ ގިނަ ރަށްތަކާއި އެއާޕޯޓާ ކައިރިވެ ގިނަ ބަޔަކަށް އެ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިހަވަންދޫ އާއި ހޯރަފުއްޓަކީ ވިޔަފާރިވެރިން ތިބި ތަނަވަސް މީހުން ދިރިއުޅޭ ދެ ރަށް. އޭގެ ތެރެއިން ހޯރަފުށީ ރައްޔިތުންނަށް ޓެކްސީގައި އެއާޕޯޓުން ގެއަށް ދެވޭނެ. އިހަވަންދޫ ރައްޔިތުންނަށް 200ރ. އަށް ދަތުރު ކުރެވޭނެ. އެކަމަކު މީގައި ވިސްނަންވީ މުޅި އަތޮޅަށް. އެހެން ކަމަށްވާ ނަމަ މި ނިންމުން ރަނގަޅެއް ނޫން،" ހޯރަފުއްޓާ ޖެހިގެން އޮންނަ އިހަވަންދޫ ކައުންސިލްގެ ރަޝީދު ވިދާޅުވި އެވެ.
ހއ. އަތޮޅުގެ ރަށްތައް: ހޯރަފުށީގައި އެއާޕޯޓް އަޅަން ނިންމުމުން އަންނަނީ ފާޑު ކިޔަމުން--
ހއ. އަތޮޅަށް ލޯކަލް ޓޫރިޒަމް ތައާއަރަފު ކުރުމަށް ވެސް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ވައިގެ ދަތުރުފަތުރުގެ ނިޒާމެއް ނެތުމެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމަށް އިހަވަންދިއްޕޮޅުގެ ރަށްތަކުން ލޯންޗުގައި ގަޑިއެއްހާއިރުގެ ދަތުރެއް ކުރަން ޖެހެ އެވެ.
ރަޝީދު ވިދާޅުވި ގޮތުގައި، މޮޅަދު އަކީ ބިން ބޮޑު އަދި ގުދުރަތީ ގޮތުން ރީތި ރަށަކަށް ވާއިރު ގެސްޓް ހައުސްގެ ވިޔަފާރި އަށް ވެސް އެ ފުރުސަތު އޮތީ މޮޅަދޫގައި އެއާޕޯޓް އަޅައިގެންނެވެ. އަދި އެއީ ބައިމަދު މޮޅަދޫ އާއި އެ އަތޮޅުގެ އެހެން ރަށްތަށް ތަރައްގީ ކުރެވެން އޮތް ގޮތް ކަމަށް ވިދާޅުވި އެވެ.
ހޯރަފުށީގައި އެެއާޕޯޓް އެޅުމަކީ ގިނަ ދުވަސްވީ ވައުދަކަށް ވާއިރު އެކަން ކުރަން އެ ރަށުގެ ރައްޔިތުން ތިބީ ވަރަށް ބޭނުން ވެފަ އެވެ.
އެ ރަށު ކައުންސިލް މެމްބަރު އަލީ ނަސީރު އާދަމް ވިދާޅުވީ، އެއާޕޯޓް އަޅަނީ ވަކި ނުފޫޒެއް ބޭނުންކޮށްގެން އެ ރަށަށް އަމާޒުކޮށްގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ހޯރަފުށީގައި އެއާޕޯޓް އެޅުމާބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ކުރެހުމެއް
އޭނާ ވިދާޅުވީ ހޯރަފުއްޓާ އެއް ފަޅެއްގައި ގިނަ އަދަދެއްގެ ފަޅު ރަށްތައް ހުރުމުން، އެއާޕޯޓާ އެކު މުޅި ސަރަހައްދަށް ޓޫރިޒަމް ފުޅާކުރެވޭނެ ކަމަށެވެ.
"އެއާޕޯޓާ އެކު ރަށަށް ވަޒީފާ ލިބޭނެ. ކުރިއެރުން ވެސް ލިބޭނެ. ހަމައެއާ އެކު މުޅި ސަރަހައްދަށް ވެސް އެކަން ލިބޭނެ. މި ފަޅުގައި އެއާޕޯޓް އަޅައިގެން ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ކުރަން ވިސްނިޔަސް އެއޮތީ ޖާގަ،" އަލީ ނަސީރު ވިދާޅުވި އެވެ.
އެ މަޝްރޫގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށަން ވަނީ ނިންމާފަ އެވެ. އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ޝާހު އިއްޔެ ވިދާޅުވި ގޮތުގައި، އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު ކުރިއަށް އޮތް ދެ ތިން ދުވަސް ތެރޭގައި ހޯރަފުށްޓަށް ގެންދާނެ އެވެ.
ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީ އަށް
ގެއްލުންވީ އެއާޕޯޓްގައި ތޮށި ލާން އުޅެނިކޮށް: އަސްލަމް
ހޯރަފުށި އެއާޕޯޓް ސެޕްޓެމްބަރުގައި ނިމޭނެ: އެމްޓީސީސީ
ހޯރަފުށީގައި އެއާޕޯޓު އަޅަން ބިން ހިއްކަން ފަށައިފި
މާފިނޮޅު އެއާޕޯޓް ހޯރަފުއްޓަށް ބަދަލު ކުރަނީ
ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ހުރަސްތަކެއް
ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި
ހޯރަފުށީ އެއާޕޯޓަށް ބިން ހިއްކުން އެމްޓީސީސީ އަށް
މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަނެއްކާވެސް ފަށައިފި
މުލީ އެއާޕޯޓް ޖުލައި 26ގައި ހުޅުވަން އަމާޒު ހިފައިފި