Roadha Mihaaru
ޑިޕްލޮމެޓިކް ސައިކަލެއްގައި ހެލްމެޓް ނާޅައި ދަތުރުކޮށްފި

ޑިޕްލޮމެޓިކް ސައިކަލެއްގައި ހެލްމެޓް ނާޅައި ބްރިޖުން ދަތުރުކުރި މައްސަލައެއް ފެންމަތިވެއްޖެ

25 މާޗް 2019

ސިނަމާލެ ބްރިޖުން މިއަދު ޑިޕްލޮމެޓިކް ސައިކަލެއްގައި މީހަކު ހެލްމެޓު ނާޅައި ދަތުރުކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިނަމާލެ ބްރިޖުން މިއަދު ޑިޕްލޮމެޓިކް ސައިކަލެއްގައި މީހަކު ހެލްމެޓު ނާޅައި ދަތުރުކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ބްރިޖާއި ހައިވޭގައި ސައިކަލުގައި ދާއިރު، ހެލްމެޓް އެޅުން މި މަހުގެ 10 ން ފެށިގެން ސަރުކާރުން ވަނީ މަޖުބޫރުކޮށްފަ އެވެ. އެހެންވެ، ފުލުހުން އަންނަނީ ހެލްމެޓް ނާޅައި ބްރިޖާއި ހައިވޭގައި ދަތުރުކުރާ މީހުން ހުއްޓުވަމުންނެވެ. އަދި ހެލްމެޓު ނާޅައި ސައިކަލްގައި ދާ މީހުން ބްރިޖާއި ހައިވޭ އަށް އެރުން ވެސް ފުލުހުން ވަނީ މަނާކޮށްފަ އެވެ. އެކަމަކު، އެއާ ޚިލާފުވާ މީހުން ޖޫރިމަނާ ކުރަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ.

ނަމަވެސް، މީހަކު ސޯޝަލް މީޑިއާގައި މިއަދު އާންމު ކޮށްފައިވާ ފޮޓޯއެއްގައި ފެންނަނީ ޑިޕްލޮމެޓިކް ނަމްބަރު ބޯޑު ހަރުކޮށްފައިވާ ސައިކަލެއް ބްރިޖްގެ ހުޅުލެއާ ވީ ދިމާލުން ޓްރެފިކް ލައިޓްގައި މަޑުކޮށްގެން އިން އިރު، އެ ސައިކަލުގެ ފަހަތުގައި އިން މީހާ ހެލްމެޓް ނާޅައި އިންނަ ތަނެވެ. ކޯޓް ފަޓުލޫނުގައި ހުރި އެ މީހާ ހެލްމެޓް ނާޅައި ހުއްޓަސް، އެ ސައިކަލު ދުއްވަން އިނީ ހެލްމެޓް އަޅައިގެން އިން މީހެކެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ޑިޕްލޮމެޓިކް އުޅަނދުތަކުން ޓްރެފިކް ގަވާއިދާ ޚިލާފްވެއްޖެ ނަމަ، އެކަމެއް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ރަނގަޅު ކުރުވާ ކަމަށެވެ. އަދި ހެލްމެޓް ނާޅައި ދުއްވުމުން ފިޔަވަޅު އަޅަން ފަށާނީ އަންނަ މަހު ކަމަށާއި މިހާރު އެފަދަ ފަރާތްތަކަށް ނަސޭހަތްތެރިވަނީ ކަމަށް ފުލުހުން ބުންޏެވެ.

ނޫ ކުލައިގެ ބޯޑު ހަރު ކޮށްފައި ހުންނަ ޑިޕްލޮމެޓިކް އުޅަނދުތަކަކީ ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކާއި ކޮންސިއުލޭޓްތަކުން ބޭނުންކުރާ އުޅަނދުތަކެވެ. ޑިޕްލޮމެޓިކް އިމްތިޔާޒްގެ ދަށުން އެފަދަ އުޅަނދުތައް ހުއްޓުވުމާއި ބަލައި ފާސް ކުރުން ފަދަ ކަންކަން އާންމު އުސޫލުން ފުލުހުންނަކަށް ނުކުރެވޭނެ އެވެ.

މީގެ ކުރިން ސަރުކާރުން ބުނެފައި ވަނީ ބްރިޖާއި ހައިވޭގައި ދެން ސައިކަލްގައި ދެވޭނީ ހެލްމެޓު އަޅައިގެން ކަމަށެވެ.

ބްރިޖާއި ހެލްމެޓު މަޖުބޫރު ކުރުމުގެ އެއް ދުވަސް ކުރިން ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު އަހުމަދު އާދިލް، 'މިހާރު' އަށް ވިދާޅުވީ ހެލްމެޓް ނާޅައި ބްރިޖް މަތިން ދަތުރު ކުރުމުގެ ހުއްދަ މި މަހުގެ ނުވަ ވަނަ ދުވަހު ހަމަވާނެތީ، އެ ދުވަހުގެ ރޭ 12 ގެ ފަހުން ހެލްމެޓާ ނުލައި ދަތުރު ނުކުރެވޭނެ ކަމަށެވެ. އަދި ހައިވޭއަށް އެރުމުގެ ކުރިން، ހެލްމެޓް އަޅައިގެން ތިބިތޯ ފުލުހުން ޔަގީން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.

"ހެލްމެޓް ނާޅައި ދަތުރު ކުރުމުގެ ފުރުސަތެއް ދެން ފުލުހުން ނުދޭނެ. މިރޭން [މި މަހުގެ 10 ވަނަ ދުވަހުގެ ރޭ 12 ގެ ފަހުން] ފެށިގެން ފުލުހުން އެކަން ޔަގީންކުރާނެ،" އާދިލް އޭރު ވިދާޅުވި އެވެ.

ހެލްމެޓް ނާޅާ ތިބެ ބްރިޖުން ސައިކަލުގައި ދަތުރުކުރާ މީހުންނާއި ލޯގަނޑު ހަރު ނުކޮށް ދުއްވާ ސައިކަލުތައް ހުއްޓުވުމަށް އާންމުކޮށް ބްރިޖް ފެށޭ ހިސާބުގައި ފުލުހުން ތިބެ އެވެ.