Roadha Mihaaru
ބާރަށް ދުއްވައިގެން 50 މީހަކަށް އިންޒާރުގެ މެސެޖު

ބްރިޖުގައި ބާރަށް ދުއްވައިގެން މިއަދު އެކަނިވެސް 50 މީހަކަށް އިންޒާރުގެ މެސެޖު

15 އޮކްޓޯބަރ 2023

ސިނަމާލެ ބްރިޖުގައި ބާރު ސްޕީޑުގައި ދުއްވައި ގަވައިދާ ހިލާފަށް ލޭން ބަދަލުކުރާ މީހުންނަށް މިއަދު އިންޒާރުގެ މެސެޖު ފޮނުވަން ފަށާފައި ވާއިރު މިއަދުގެ މިހާތަނަަށް 50 އަށް ވުރެ ގިނަ މެސެޖު ފޮނުވާފައިވާ ކަމަަށް ފުލުހުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސިނަމާލެ ބްރިޖުގައި ބާރު ސްޕީޑުގައި ދުއްވައި ގަވައިދާ ހިލާފަށް ލޭން ބަދަލުކުރާ މީހުންނަށް މިއަދު އިންޒާރުގެ މެސެޖު ފޮނުވަން ފަށާފައި ވާއިރު މިއަދުގެ މިހާތަނަަށް 50 އަށް ވުރެ ގިނަ މެސެޖު ފޮނުވާފައިވާ ކަމަަށް ފުލުހުން ބުނެފި އެވެ.

އުޅަނދު ދުއްވި ބާރުމިނާއި ލޭން ބަދަލުކުރިކަން ފުލުހުން ދެނެގަންނަނީ ސިނަމާލެ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑް ބަލާ ކެމަރާތައް މެދުވެރިކޮށެވެ.

ސިނަމާލެ ބްރިޖް އެންޑް ހައިވޭގެ ހެޑް، ޗީފް އިންސްޕެކްޓާ މުހައްމަދު ލުތުފީ "މިހާރު" އަށް ވިދާޅުވީ މިވަގުތާ ހަމައަށް 50 އުޅަނދަކަށް އިންޒާރުގެ މެސެޖު ފޮނުވާފައިވާނެ ކަމަށެވެ. އެ އެންމެންނަކީ ވެސް ބްރިޖުގައި ބާރު ސްޕީޑުގައި ދުއްވައިގެން އިންޒާރުދިން މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބްރިޖުގެ ސްޕީޑު ލިމިޓަކީ 50 ކިލޯމީޓަރެވެ. އެހެންވެ، އެޔަށްވުރެ ބާރަަށް ދުއްވާ ނަމަ އިންޒާރުގެ މެސެޖު ލިބޭނެ އެވެ.

މުހައްމަދު ވިދާޅުވީ މިވަގުތަށް ނިންމާފައި ވަނީ ހަމައެކަނި އިންޒާރުގެ މެސެޖެއް ފޮނުވަން ނަމަވެސް ޖޫރިމަނާ ނުވަތަ ޓޯ ކުރުން ފަދަ އަދަބެއް ދޭންޖެހޭ ހާލަތްތަކެއް ހުންނާނެ ކަމަށެވެ.

"އަދި އަޅުގަނޑުމެން މި ފޮނުވަނީ މެސެޖެއް. އަޅުގަނޑުމެންގެ ނެތް ކުއްލިއަށް ޖޫރިމަނާތަކެއް ކުރާކަށް. މިއީ އަލަށް ފެށި ކަމެއް ވީމަ، ފުރަތަމަ އަޅުގަނޑުމެން މި ބަލަނީ މި ކަމަށް ބޮޑަށް އާންމުން ހޭލުންތެރި ކުރުވުމަށް. އެއަށްފަހު އަޅުގަނޑުމެން ނިންމާނީ ފިޔަވަޅު އަޅާނީ ކިހާތާކުތޯ އާއި އަޅާނީ ކޮން ފިޔަވަޅެއްތޯ،" ލުތުފީ ވިދާޅުވި އެވެ.

ބްރިޖު ސަރަހައްދު ބެލެހެއްޓުމަށް ޓްރެފިކް ފުލުހުން ހަރަކާތްތެރިވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު

ބްރިޖު ސަރަހައްދު ބެލެހެއްޓުމަށް ޓްރެފިކް ފުލުހުން ހަރަކާތްތެރިވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވީ ކުށް ތަކުރާރުވާ އުޅަނދުތަކަށް ފިޔަވަޅު އަޅަން ޖެހިއްޖެ ހާލަތުގައި އެކަން ކުރާނެ ކަމަށެވެ.

"ކެމެރާއިން އެކަނި ނޫނަނަސް، ބާރަށް ދުއްވާ އުޅަނދުތައް ފާހަގަވާނެ. އެގޮތަށް ދުއްވައިގެން ބޮޑު އެކްސިޑެންޓެއް ވީ، ނޫނީ ފިލައިގެން ދިޔައީ، އެހެން ވެއްޖެއްޔާ ކެމެރާގެ އަލީގައި އަޅުގަނޑުމެން އެ އުޅަނދެއް ހޯދައި އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެންނާނެ."

އިންޒާރުގެ މެސެޖު ދާނީ އުޅަނދުގެ ރަޖިސްޓްރީ އޮންނަ މީހާއަަށެވެ.

ޓްރެފިކް ވަޔަލޭޝަންގައި ގާނޫނީ ގޮތުން ފިޔަވަޅު އެޅެނީ ވެހިކަލް ދުއްވާ މީހާއަށެވެ. އެހެންވެ ބްރިޖުގައި ގަވައިދާ ހިލާފަަށް ދުއްވާ މީހުންނަށް ޖޫރިމަނާގެ މެސެޖު ފޮނުވުމުގެ ކުރިން ގަވައިދު ވެސް ބަދަލުކުރަން ޖެހެ އެވެ.

މުހައްމަދު ވަނީ، ނަމްބަރު ބޯޑާއި ލޯގަނޑާއި ގަވައިދަށް ނުފެތޭ ހެލްމެޓު އަޅައިގެން ބްރިޖުގައި ދުއްވުން އާންމުވާތީ އެކަން ނުކުރަން އިލްތިމާސް ކުރައްވާފަ އެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހަދާފައިވާ ގަވައިދުތަކުގައި ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރަށް އުޅަނދު ނުދުއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.