Roadha Mihaaru

ފުލުހުންގެ އަމުރަށް ތަބާނުވެ، ބާރު ސްޕީޑުގައި ކާރު ދުއްވި މީހާގެ ވަނަވަރު އާންމުކޮށްފި

ފުލުހުންގެ އަމުރަށް ތަބާނުވެ، ހުޅުމާލޭގައި ރޭ ބާރު ސްޕީޑުގައި ކާރު ދުއްވި މީހާގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

ބާރު ސްޕީޑުގައި ކާރު ދުއްވިމީހާގެ ވަނަވަރު އާންމުކޮށްފި
އިފްރާޒް އަލީ
އިފްރާޒް އަލީ

10 އޯގަސްޓް 2025

ފުލުހުންގެ އަމުރަށް ތަބާނުވެ، ހުޅުމާލޭގައި ރޭ ބާރު ސްޕީޑުގައި ކާރު ދުއްވި މީހާގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެ، ހ. ފިލިމާގެ، އައިކް ހައިޝަމް ހަސަން، 18، އެވެ.

އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށް ފުލުހުން "މިހާރު"އަށް ބުންޏެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލައާ ގުޅިގެން އެ އިދާރާގެ ބެލުމުގެ ދަށަށް ރޭ ގެންދިޔަ އަންހެން މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އެ އަންހެން މީހާއަކީ ބާރު ސްޕީޑުގައި ދުއްވި ކާރުގެ ކުރީ ސީޓުގައި އިން މީހާ އެވެ.

ފުލުހުން ރޭގައި ބުނި ގޮތުގައި، އެ ކާރު މަޑުކުރަން ފުލުހުން އެންގުމުން އެ އަށް އިޖާބަ ނުދީ، ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގައި ދުއްވި އެވެ. އަދި އެ ކާރުގެ ފަހަތުން އެ ވަގުތު ދިޔަ ފުލުހުންގެ ސައިކަލުގައި ކާރުން ޖައްސައި ވައްޓާލި އެވެ. އެ ހާދިސާގައި ފުލުހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ.

ފުލުހުން އެ ކާރު ހުއްޓުވީ ހުޅުމާލޭގެ ދިރާގު އޮފީހާ ހިސާބުން ހުޅުމާލެ 2 ގެ ޗެނަލް ބްރިޖު ކައިރިންނެވެ.

ފުލުހުން މިއަދު ބުނީ އަނިޔާވި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާ ހޯދުމަށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް އޭނާ ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.