Roadha Mihaaru
ބޭރުގައި ޕީއެޗްޑީއަށް ކިޔަވަން ވެސް މިހާރު ލޯނު ލިބޭނެ

ޕީއެޗްޑީގެ ފުރުސަތާއެކު ރާއްޖޭން ބޭރުގައި ކިޔެވުމަށް މަތީ ތައުލީމުގެ ލޯނު ހުޅުވާލައިފި

21 މާޗް 2019

ރާއްޖޭން ބޭރުގައި ކިޔެވުމަށް މަތީ ތައުލީމުގެ ލޯނު ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭން ބޭރުގައި ކިޔެވުމަށް މަތީ ތައުލީމުގެ ލޯނު ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ރާއްޖޭގައި ކިޔެވެން ނެތް ޕްރޮގްރާމްތަކަށް މަތީ ތައުލީމް ހާސިލްކުރަން އެދުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ރާއްޖޭން ބޭރުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުން ވެސް، ކޯހުގެ 50 ޕަސެންޓް ފުރިހަމަކޮށްފައި ނުވިޔަސް ލޯނަށް އެދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފުރުސަތުތަކަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލުން އޮންލައިންކޮށް ހުށަހެޅޭނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ބުރުގައި ހުޅުވާލި 242 ފުރުސަތަށް 54 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އަދި މީގެ ކުރިން ހުޅުވާލި ސްކީމްތަކާ ހިލާފަށް، ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު މިފަހަރު އޮންނާނެކަމަށް ވިދާޅުވި އެވެ.

ކިޔެވުމަށް ހުޅުވާލާ ފުރުސަތުތަކުގެ ތެރެއިން ރާއްޖެއަށް މުހިއްމު ދާއިރާތައް ކަމަށްވާ، ސައިކޮލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕެޝަލް އެޑިއުކޭޝަން، ސްޕީޗް ތެރަޕީ، ސްޕޯޓްސް މެނޭޖްމަންޓް، ރިނިއުބަލް ގްރީން އެނާޖީ އަދި ކަލްޗާ އެެންޑް ހެރިޓޭޖްގެ ޕްރޮގްރާމްތަކަށް ވަކި ހާއްސަ ޖާގަތަކެއް ކަނޑައަޅާފައިވާކަން ފާހަގަކުރެއްވި އެވެ.

މަތީ ތައުލީމަށް މިހާތަނަށް 91 މިލިއަން ރުފިޔާގެ 318 ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ވަނީ މަތީ ތައުލީމަށް ދޫކުރާ ލޯނުގެ އިންޓްރެސްޓް ކުޑަކޮށް އެ ދައްކަން ލިބޭ މުއްދަތު ވެސް އިތުރުކޮށްފަ އެވެ. މީގެ ކުރިން ފަސް ޕަސެންޓުގައި ހުރި އިންޓްރެސްޓް ތިން ޕަސެންޓަށް ކުޑަކޮށްފައިވާއިރު ލޯނު ދެއްކުމުގެ މުއްދަތު ވަނީ 25 ޕަސެންޓަށް އިތުރުކޮށްފަ އެވެ.