11 ޖެނުއަރީ 2019
މަތީ ތައުލީމާ ބެހޭ މިނިސްޓްރީ އަށް އެންމެ މުހިންމު ވާނީ ފެންވަރު ރަނގަޅު މަތީ ތައުލީމެއް ފޯރުކޮށްދިނުމުގެ ނިޒާމެއް ކަނޑައެޅިގެން ދިއުން ކަމަށާއި އެކަމުގައި އަމިއްލަ ފަރާތްތަކުގެ ހިއްސާ ވަރަށް ބޮޑުވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
މަތީ ތައުލީމާ ބެހޭ މިނިސްޓްރީ އަށް އެންމެ މުހިންމު ވާނީ ފެންވަރު ރަނގަޅު މަތީ ތައުލީމެއް ފޯރުކޮށްދިނުމުގެ ނިޒާމެއް ކަނޑައެޅިގެން ދިއުން ކަމަށާއި އެކަމުގައި އަމިއްލަ ފަރާތްތަކުގެ ހިއްސާ ވަރަށް ބޮޑުވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
މިިދިޔަ ބުދަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ދެ ޔުނިވާސިޓީ އަކަށް ހުރިހާ ފެންވަރެއްގެ ތައުލީމެއް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށެއް ނުދެވޭނެ ކަމަށެވެ. އެހެންވެ މަތީ ތައުލީމުގެ ދާއިރާގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.
ދައުލަތުން ބަޖެޓު ކަނޑައަޅައިގެން މިހާރު ހިންގަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އެވެ. އެ ތަންތަނުގެ އިތުރުން މަތީ ތައުލީމް ފޯރުކޮށްދޭ އަމިއްލަ ގިނަ ކޮލެޖުތައް އެބަހުއްޓެވެ.
މިނިސްޓަރު ވިދާޅުވީ އަމިއްލަ ފަރާތްތަކަކީ ވެސް ސަރުކާރުން ކަނޑައަޅާ ފެންވަރަކާއި އުސޫލުތަކުގެ ތެރެއިން މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް އެއްބާރުލުން ދީގެން މަސައްކަތް ކުރަން ތައްޔާރަށް ތިބި ބައެއް ކަމަށެވެ. މީގެ ކުރިން އެކަން ވަނީ ސާބިތު ކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މި ސަރުކާރުން މަތީ ތައުލީމަށް ހާއްސަ ކޮށްގެން މިނިސްޓްރީއެއް އުފައްދާފައި ވަނީ، ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ ގިނަ ތަންތަނުގެ ފެންވަރާ މެދު ސުވާލު އުފައްދައި އެ ތަންތަނުގައި ކިޔަވައި ދިނުމުގެ ފެންވަރު ދަށްކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. ރާއްޖޭގައި ކިޔަވައިދޭ ފެންވަރާ މެދު ހިތްހަމަޖެހިވަޑައިގަންނަވާތޯ ސުވާލު ކުރުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު އެކަމަށް ސީދާ ޖަވާބެއް ނުދެއްވި އެވެ. ވިދާޅުވީ ފެންވަރު އަބަދު ވެސް ރަނގަޅުކުރަންޖެހޭ ކަމަށެވެ.
"މިހާރު ތައުލީމު ދޭ ފެންވަރަކީ މީގެ ފަސް އަހަރު ފަހުން ތައުލީމު ދޭނެ ފެންވަރު ކަމަށް ގަބޫލު ކޮށްގެން ނުވާނެ. އަބަދު ވެސް އަޅުގަނޑުމެން ޖެހޭނީ ފެންވަރު އެއް އަހަރުން އަނެއް އަހަރަށް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
މަތީ ތައުލީމު ފޯރުކޮށްދޭ ބައެއް ތަންތަނުން ސެޓްފިކެޓް ވިއްކާ ކަމުގެ ތުހުމަތު ވެސް ކުރެ އެވެ. އެއީ ހިނގާ ކަމެއްތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ އެކަން މިވަގުތު އޮތީ އެހެން ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަން އެހެން އޮތް ކަމަށް ވާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ރެގިއުލޭޓްރީ އެޖެންސީގެ ހައިސިއްޔަތުން ސަރުކާރު ކަންބޮޑުވާނެ ކަމެއް ތިކަން ތިހެން އޮތް ކަމަށް ވަންޏާ. މަތީ ތައުލީމަކީ ސަނަދެއްގެ ބޭނުމުގައި ހޯދާ އެއްޗަކަށް ވެގެން ނުވާނެ. މަތީ ތައުލީމު ހޯދުމުގެ މަގުސަދަކަށް ވާން ޖެހޭނީ އެ ހޯދާ ތައުލީމުގެ ސަބަބުން ތިމާ، މިހާރު ހިދުމަތް ކުރާ ފެންވަރަށް ވުރެ ރަނގަޅު ފެންވަރުގެ ހިދުމަތް ކުރުން ނޫނީ ތިމާގެ އެމްޕްލޮއިބިލިޓީ މަތިވެގެން ދިއުން،" އިބްރާހިމް ހަސަން ވިދާޅުވި އެވެ.
"ތި ވިދާޅުވީ ބައެއް އެމްޕްލޯޔަރުން ހިތްހަމައެއް ނުޖެހޭ ބައެއް ޕްރައިވެޓް [ކޮލެޖު] ތަންތަނުގައި ކިޔަވައިދެވޭ ނިޒާމުގެ ސަބަބުން. އެހެން ކަމަށް ވާ ނަމަ އެ ތަންތަނުން ތައުލީމް ހާސިލްކުރަން ދާ ފަރާތްތަކަށް އެމްޕްލޯޔަރުން ވަޒީފާއެއް ނުދޭނެ. އެހެން ކަމަަށް ވަންޏާ އެ ތަންތަނާ ކޯހަށް ކުދިން ވަނުމާ ދޭތެރޭގައި ދެވަނަ ފަހަރަށް ވިސްނާނެ. ކޯހަށް ވަންނަ ކުދިން ވެސް މަދުވާނެ. އެހެންވީމާ އަޅުގަނޑު މި ދެންނެވީ ތިކަން ތިހެން ހިނގާ ކަމަކަށް އެނގިފައެއް ނެތް."
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންނާއި ހުރި ވަސީލަތްތަކުގެ ދަތިކަން ކަމަށާއި އެ ކަންކަމަށް ވެސް ވަރަށް އަވަހަށް ހައްލެއް ގެނެވި ހަރުދަނާކަމާ އެކު މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ލޯނު ލިބުނު ދަރިވަރުންގެ ލިސްޓު އާންމުކޮށްފި
މަތީ ތައުލީމުގެ ފުރުސަތު ދިނީ 52 ދަރިވަރަކަށް
އެޖެންޓުން ކަމަށްބުނެ ދަރިވަރުންގެ އަތުން ފައިސާ ނަގަނީ
އިންޓްރަސްޓް ކުޑަ ސްޓޫޑެންޓް ލޯނަށް ހުޅުވާލައިފި
ގިނަ ކުދިން ޑިސްކޮލިފައި ވުމުން ދެރަވި: މިނިސްޓަރު
"ގިނަ މީހުންނަށް ލޯނު ނުލިބުނީ އުސޫލާ ޚިލާފުވުމުން"
ބޭރުގައި ޕީއެޗްޑީއަށް ކިޔަވަން ވެސް މިހާރު ލޯނު ލިބޭނެ
ހިލޭ ޑިގްރީއަށް ކިޔެވުމުގެ އުސޫލޫ އާންމުކޮށްފި
މަތީ ތައުލީމާ މެދު ސުވާލު: ހައްލުކުރެވިދާނެ ބާ؟
މަތީ ތައުލީމަށް 700 އެއްހާ މިލިއަން ރުފިޔާ