Roadha Mihaaru
ރަޝިއާގެ ހެކަރަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފި

ރަޝިއާގެ ހެކަރަށް ކުށް ސާބިތު ވިޔަސް ރާއްޖޭން ވަގަށް ނެގި ކަމަށް ބުނެ އިސްތިއުނާފު ކުރަނީ

29 އޯގަސްޓް 2016

ހެކަރެއް ކަމަށް ބުނާ ރަޝިއާގެ ރޯމަން ސެލެޒްނޯވްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އެމެރިކާގެ ކޯޓަކުން ކަނޑައަޅައިފި އެވެ. އެކަމަކު، އޭނާ ރާއްޖޭގައި ހުއްޓާ އެމެރިކާގެ އެޖެންޓުން ވަގަށް ނަގާފައިވާ ކަމަށް ބުނެ އެ ހުކުމް އިސްތިއުނާފު ކުރަން ދިފާއީ ވަކީލުން ވަނީ ނިންމައިފަ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ހެކަރެއް ކަމަށް ބުނާ ރަޝިއާގެ ރޯމަން ސެލެޒްނޯވްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އެމެރިކާގެ ކޯޓަކުން ކަނޑައަޅައިފި އެވެ. އެކަމަކު، އޭނާ ރާއްޖޭގައި ހުއްޓާ އެމެރިކާގެ އެޖެންޓުން ވަގަށް ނަގާފައިވާ ކަމަށް ބުނެ އެ ހުކުމް އިސްތިއުނާފު ކުރަން ދިފާއީ ވަކީލުން ވަނީ ނިންމައިފަ އެވެ.

ލޯބިވެރިޔާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރަން ގޮސް އެއާޕޯޓުގައި ހުއްޓާ ސެލެޒްނޯވް ހައްޔަރު ކުރީ ޖުލައި 2014 ގަ އެވެ. އެމެރިކާގެ ސީކްރެޓް ސާވިސްގެ އެޖެންޓުން ރާއްޖެ އައިސް ހިންގި އޮޕަރޭޝަނެއްގައި ސެލެޒްނޯވް ހައްޔަރުކޮށް، އޭނާ ގެންދިޔައީ އެމެރިކާގެ ބާރުގެ ދަށުގައި އޮންނަ ރަށެއް ކަމަށްވާ ގުއާމަށެވެ.

ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ދަރިއެއް ކަމަށްވާ ސެލެޒްނޯވް އެމެރިކާ އަށް ބަދަލުކޮށް، ކުރިއަށް ގެންދިޔަ ޝަރީއަތުގައި މިދިޔަ ހުކުރު ދުވަހު ކޯޓުން ވަނީ އޭނާގެ މައްޗަށް އުފުލި 40 ދައުވާގެ ތެރެއިން 38 ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ. އޭނާ އަށް ދޭނެ އަދަބު ކަނޑައަޅާ ޝަރީއަތުގެ މަޖިލިސް ޑިސެމްބަރު ދެވަނަ ދުވަހު ބާއްވަން ނިންމާފައި ވާއިރު، އޭނާގެ މައްޗަށް ޖުމްލަ ހަތަރު އަހަރާއި 34 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ސެލެޒްނޯވްގެ މައްޗަށް ކުށް ސާބިތުވީ އޭނާ ހައްޔަރުކޮށް، އޭނާގެ ކޮމްޕިއުޓަރު ބެލި ބެލުމުން ފެނުނު ހެކިތަކުގެ މައްޗަށް ބިނާކޮށެވެ. ވޮޝިންޓަންގެ ސިއޭޓްލްގެ ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި ދައުލަތުން ބުނި ގޮތުގައި ވަގަށް ނަގާފައިވާ 1.7 މިލިއަން ކްރެޑިޓް ކާޑުގެ މައުލޫމާތު އޭނާގެ ކޮމްޕިއުޓަރުން ފެނުނެވެ.

އެމެރިކާގެ ސީކްރެޓް ސާވިސްގެ އެޖެންޓުން ރާއްޖެ އައިސް ހަރަކާތްތެރި ވިޔަސް، އެއާޕޯޓުން ސެލެޒްނޯވް ހައްޔަރުކުރީ ދިވެހި ފުލުހުން ކަމަށް އެމެރިކާ އާއި ދިވެހި ސަރުކާރުން ވެސް އޭރު ބުންޏެވެ. އެކަމަކު، "ހަވީރު"ން އޭރު ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެއާޕޯޓުގެ ޑިޕާޗާ ހޯލަށް ސެލެޒްނޯވް ވައްދައި އޭނާ ހައްޔަރަށް ގެންދިޔައީ އެެމެރިކާގެ އެޖެންޓުންނެވެ. ރާއްޖެ އައި އެމެރިކާގެ އެޖެންޓުން ދިވެހި ފުލުހުންނަށް ދެއްކީ ވެސް ވަގު އިންޓްޕޯލް ނޯޓިސްއެއްކަން ވެސް އެނގުނެވެ.

ރަޝިއާ އިން ވެސް ބުނާ ގޮތުން އެމެރިކާ އާއި ރާއްޖޭން ގުޅިގެން ސެލެޒްނޯވް ވަނީ "ރަހީނުކޮށްފަ" އެވެ. ރަސްމީ ޝަރީއަތުގެ ކުރިން، ސެލެޒްނޯވްގެ ބަންދާ މެދު ގޮތެއް ނިންމަން ގުއާމްގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި އޭނާގެ ވަކީލުން އެ މައްސަލަ ނަގަން ވެސް ނެގި އެވެ. ރާއްޖޭގެ ބައެއް ފަރާތްތަކުން ވެސް ހެކިބަސް ދިން އެ ޝަރީއަތްތަކުގައި، އެމެރިކާގެ ބާރުގެ ދަށުގައި އޮންނަ ރަށުގެ ކޯޓުން ނިންމީ ސެލެޒްނޯވް ހައްޔަރުކުރީ ރަނގަޅަށް ކަމަށެވެ. އަދި އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަކުން ވެސް ވަނީ އޭނާ ހައްޔަރުކުރި މައްސަލައާ މެދު އިތުރަށް ވާހަކަ ނުދެއްކޭނެ ކަމަށް ފަހުން ކަނޑައަޅާފަ އެވެ.

އެކަމަކު، ސެލެޒްނޯވްގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމާ އެކު އޭނާގެ ވަކީލުން ވަނީ ރާއްޖޭގައި ހުއްޓާ އޭނާ ހައްޔަރުކުރި ގޮތާ މެދު ސުވާލުތައް ފެންމަތިކޮށް، އެކަމުގެ މައްޗަށް ބިނާކޮށް އޭނާގެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"އޭނާ ވަނީ ރަހީނުކޮށް، ވަގަށް ނަގާފައި،" ދިފާއީ ވަކީލު ޖޯން ހެންރީ ބްރައުން ވިދާޅުވި އެވެ.

ސެލެޒްނޯވަކީ، އެމެރިކާ އިން ބުނާ ގޮތުގައި، އޮކްޓޫބަރު 2009 އިން ފެބްރުއަރީ 2011އާ ދެމެދު އެމެރިކާގެ އެކި ފިހާރަތަކުގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިންތަކެއް ހެކުކޮށް، މީހުންގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ވަގަށް ނަގާފައިވާ މީހެކެވެ. އެ މައުލޫމާތު އޭނާ އެކި ފަރާތްތަކަށް ވިއްކުމުގެ ސަބަބުން 169 މިލިއަން ޑޮލަރުގެ ގެއްލުން ތަފާތު 3،700 ބޭންކަށް ލިބުނު ކަމަށް އެމެރިކާ އިން ބުނެ އެވެ.

ސެލެޒްނޯވްގެ މައްޗަށް ބޭންކު ފްރޯޑުގެ ފަސް ދައުވާ، ރައްކާތެރިކޮށްފައިވާ ކޮމްޕިއުޓަރުތަކަކަށް ގެއްލުން ދިނުމުގެ އަށް ދައުވާ، ރައްކާތެރިކޮށްފައިވާ ކޮމްޕިއުޓަރުތަކަކުން މައުލޫމާތު ނެގުމުގެ އަށް ދައުވާ، 15 ނުވަތަ އެ އަށް ވުރެ ވެސް ގިނަ އެކްސެސް ޑިވައިސް ގެންގުޅުމުގެ ދައުވާ، މަނާކޮށްފައިވާ އެކްސެސް ޑިވައިސް ވިއްކުމުގެ ދެ ދައުވާ އަދި އައިޑެންޓިޓީ ތެފްޓުގެ ފަސް ދައުވާ މާޗު 2011 ގައި ކޮށްފައިވެ އެވެ. އޭނާ ހައްޔަރުކުރުމަށް ފަހު އިތުރު މައްސަލަތަކެއް ހިމަނައި ޖުމްލަ 40 ދައުވާ އޭނާގެ މައްޗަށް އުފުލި އެވެ.

ވޮޝިންޓަންގައި އުފުލި ދައުވާތަކުގެ ޝަރީއަތް ނިމުނަސް، ނަވާޑާ އަދި ޖޯޖިއާ ސްޓޭޓުގައި ވެސް ދާދި އެއް ދައުވާތަކެއް ވަނީ ސެލެޒްނޯވްގެ މައްޗަށް އުފުލާފަ އެވެ. އެ ދައުވާތަކުގެ ޝަރީއަތް އަދި ކުރިއަކަށް ނުގެންދެ އެވެ.