Roadha Mihaaru
ޖުވާކުޅުން ހުއްޓުވަން ގާނޫނު އިސްލާހު ކުރަނީ

އޮންލައިންކޮށް ޖުވާކުޅުން ހުއްޓުވަން ގާނޫނު އިސްލާހު ކުރަނީ

30 އޮކްޓޯބަރ 2024

ވެބްސައިޓްތަކާއި އެޕްތައް ބޭނުންކޮށްގެން ޖުވާ ކުޅުން ނުވަތަ ބެޓްކުރުން ހުއްޓުވަން ގާނޫނުތަކަށް އިސްލާހު ގެންނާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ވެބްސައިޓްތަކާއި އެޕްތައް ބޭނުންކޮށްގެން ޖުވާ ކުޅުން ނުވަތަ ބެޓްކުރުން ހުއްޓުވަން ގާނޫނުތަކަށް އިސްލާހު ގެންނާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ޖުވާކުޅުން ފަދަ ކަންކަން ކުރާ ކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެއީ ގާނޫނު އިސްލާހު ކޮށްގެން ހައްލު ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް އަޅުގަނޑުމެން ގެންނާނަން،" އުޝާމް ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހު ސަރުކާރުން ވަނީ ޖުވާ ކުޅެން ނުވަތަ ބެޓްކުރަން ބޭނުންކުރާ ވެބްސައިޓްތައް ރާއްޖޭގައި ބްލޮކް ކުރަން ފަށައިފި އެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފައިވަނީ ޖުވާ ކުޅެން ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ވެބްސައިޓްތަކެއް ފުލުހުންގެ އެންގުމަށް ބްލޮކް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ބްލޮކް ކުރީ ކިތައް ވެބްސައިޓް ހާމައެއް ނުކުރެ އެވެ.

ޖުވާ ކުޅޭ ސައިޓްތައް ބޭނުންކުރާ މިންވަރު މިފަހަކަށް އައިސް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ޓެލެގްރާމާއި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ޖުވާ ކުޅޭ ވެބްސައިޓްތައް ޕްރޮމޯޓް ކުރުން ވެސް ވަނީ އާންމުވެފަ އެވެ.

މިފަދަ ސައިޓްތައް ބްލޮކް ކުރަން ފެށި އިރު، މިދިޔަ އަހަރު ފަހުކޮޅު ބަރަހަނާ ވެބްސައިޓް ވެސް ރާއްޖޭގައި ބްލޮކް ކުރަން ވަނީ ފަށައިފަ އެވެ.