Roadha Mihaaru
ބުލީކުރުމާ ދެކޮޅު އެމްބެސެޑަރަށް ސީރިއަސް ތުހުމަތުތަކެއް

ބުލީކުރުމާ ދެކޮޅަށް ހަމަޖެއްސި އެމްބެސެޑަރަށް ކުރި ތުހުމަތުތަކާ އެކު އެކަހެރިކޮށްފި

17 މާޗް 2019

ބުލީކުރުމާ ދެކޮޅަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖެއްސި އެންޓި ބުލީން އެމްބެސެޑަރު އާލިފް ނަސީރު (އާލް) އަށް ސީރިއަސް ތުހުމަތުތަކެއް ކުރުމާ އެކު، އޭނާއާ އެކު މަސައްކަތްކުރުން ބައެއް ތަންތަނުން ހުއްޓާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބުލީކުރުމާ ދެކޮޅަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖެއްސި އެންޓި ބުލީން އެމްބެސެޑަރު އާލިފް ނަސީރު (އާލް) އަށް ސީރިއަސް ތުހުމަތުތަކެއް ކުރުމާ އެކު، އޭނާއާ އެކު މަސައްކަތްކުރުން ބައެއް ތަންތަނުން ހުއްޓާލައިފި އެވެ.

ސްކޫލު މާހައުލުގައި ބުލީކުރުމާ ދެކޮޅަށް އަމަލުކުރާނެ އުސޫލެއް ހަދައި އެކަންތަކާ ދެކޮޅަށް މަަސައްކަތްކުރާނެ އެމްބެސަޑަރަކަށް އާލިފް ހަމަޖައްސައި އެކަމުގެ ލިޔުން ހަވާލުކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އެއާ އެކު އޭނާއާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދައްކައި ތުހުމަތުތަކެއް ކުރި އެވެ. އޭގެ ތެރޭގައި އަންހެން ކުދިން ބްލެކްމެއިލްކުރުމާއި ފުރައްސާރަކުރުން ފަދަ ތުހުމަތުތައް ކޮށްފައިވެ އެވެ.

ޓްވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިދިޔަ ހޯމަ ދުވަހު ވިދާޅުވީ އެމްބެސެޑަރަކަށް އާލިފް، 21، ހަމަޖެއްސީ އެ މިނިސްޓްރީގެ އިތުބާރުކުރެވޭ މުވައްޒަފުން ނަން ހުށަހެޅުމުން ކަމަށެވެ. އެހެންވެ އާލިފާ ގުޅޭ މައުލޫމާތު ސާފުކުރިއިރު ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ފާހަގަ ނުވި ކަމަށް ވިދާޅުވި އެވެ.

މީހެއްގެ ޓްވީޓަކަށް، އެޑިއުކޭޝަން މިނިސްޓަރު ދެއްވި ޖަވާބު.

ތުހުމަތުތަކާ ގުޅިގެން އާލިފް މާފަށް އެދި ކުރި ޓްވީޓަކަށް ލައިކް ދެއްވީ، ނުރަނގަޅު މާނައެއް ނެގޭ ގޮތަކަށް އާލިފަށް ބުނެވުނު އެއްޗަކާ ގުޅިގެން މާފަށް އެދުނު ކަމަށް ބައްލަވާފައި ކަމަށާއި އެކަމަކު އެކަމުގެ ސީރިއަސްކަން އެނގިވަޑައިގަތުމުން "އަންލައިކް" ކުރައްވާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

"ޖިންސީ ފުރައްސާރަކުރުމާ ދެކޮޅަށް އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް ގެންގުޅޭނީ ޒީރޯ ޓޮލެރެންސް. އެ އުސޫލު އަބަދު ވެސް ދަމަހައްޓާނެ. ގަދަރުވެރި އަދި ތުހުމަތެއް ނެތް މީހަކަށް ވުމަކީ އެމްބެސެޑަރުގެ މަގާމަށް ބޭނުން ކަމެއް. އެ ކަންކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު އެންޓި ބުލީން އެމްބެސެޑަރުކަމުން އާލިފް އަދި ވަތްކެއް ނުކުރެ އެވެ.

ތުހުމަތުތަކާ ގުޅިގެން އާލިފްކުރި ޓްވީޓް

ތުހުމަތުތަކާ ގުޅިގެން އާލިފް މިިދިޔަ މަހު ކުރި ޓްވީޓުގައި، އޭނާއާ ގުޅޭ ގޮތުން ކުރި ތުހުމަތުތަކަށް އެއްބަސްވެފައިވެ އެވެ. އޭނާ ބުނީ އެހެން މީހުންނަށް ވެސް ކުށްކުރެވޭ ފަދައިން އޭނާއަށް ވެސް ގޯސްކޮށް ކަންތައް ކުރެވިފައިވާ ކަމަށެވެ. އެހެންވެ އެ މީހުންގެ ކިބައިން އަމިއްލައަށް މާފަށް އެދެން ބޭނުންވާ ކަމަށާއި ކުރެވުނު ގޯސް ކަންތައްތައް ތަކުރާރު ނުކުރާނެ ކަމަށް ބުނެފައިވެ އެވެ.

އާލިފަކީ އެކި ކަންކަމާ ގުޅޭ ތަފާތު ވީޑިއޯތައް ހަދާ ވްލޮގަރެކެވެ. މީގެ ކުރިން ލެކިއުޓާއި ލޮޓަސް ފިހާރަ އާއި ބައިސްކޯފު ފަދަ ތަންތަނާ ގުޅިގެން އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް ތުހުމަތުތަކާ ގުޅިގެން އެތަންތަނުން ވަނީ އާލިފާ ގުޅިގެން މަސައްކަތްކުރުން ހުއްޓާލައިފަ އެވެ.