Roadha Mihaaru
ސްކޫލުގައި ބުލީކުރުމާ ދެކޮޅަށް އަމަލުކުރާނެ އުސޫލެއް

ސްކޫލް މާހައުލުގައި ބުލީކުރުމާ ދެކޮޅަށް އަމަލުކުރާނެ އުސޫލެއް ހަދައިފި

13 ފެބުރުއަރީ 2019

ތައުލީމީ ނިޒާމުގައި ބުލީކުރުން ހުއްޓުވައި އަނިޔާލިބޭ ފަރާތްތަކަށް އެހީތެރިވާނެގޮތުގެ އުސޫލެއް އެޑިއުކޭޝަން މިނިސްޓްރީން ހަދައި މިރޭ ނެރެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތައުލީމީ ނިޒާމުގައި ބުލީކުރުން ހުއްޓުވައި އަނިޔާލިބޭ ފަރާތްތަކަށް އެހީތެރިވާނެގޮތުގެ އުސޫލެއް އެޑިއުކޭޝަން މިނިސްޓްރީން ހަދައި މިރޭ ނެރެފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އުސޫލު ނެރެދެއްވީ ޔުނިސެފްގެ ރެޕްރެޒެންޓިވް މުހައްމަދު އަލްމުނީރު ސަފީއުއްދީނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ފުރިހަމަ ސިއްހަތެއްގައި ދަރިވަރުން ތިބެގެން ނޫނީ ކިޔެވުމުގެ ކަންތައްތައް އެންމެ ފުރިހަމައަށް ތަރުތީބުކުރަން ދަތިވާނެ ކަމަށެވެ. އަދި ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ހަޔާތް ކާމިޔާބުކުރުމަށްޓަކައި ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

އެންޓި-ބުލީން އެމްބެސެޑަރަށް ހަމަޖެއްސި އާލް ނަސީރަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެންޓި-ބުލީން އެމްބެސެޑަރަށް ހަމަޖެއްސި އާލް ނަސީރަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ބުލީގެ ޝިކާރަކައަކަށްވާ ކޮންމެ މީހަކަށް ވެސް ނޭދެވޭ އަސަރުކޮށް ދިރިއުޅުމުގެ އެހެންކަންކަމުން މާޔޫސްކުރުވައި މުޅި މީހާ ދަތި އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމެއްކަން ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ އެފަދަ އުސޫލެއް ހެދީ ސްކޫލަކީ ދަރިވަރުންނަށް ރައްކާތެރިކަމާ އެކު ތައުލީމީ ފުރުސަތުތައް ތަނަވަސްވެފައިވާ މާހައުލަކަށް ހަދައި ސްކޫލުތަކާއި ސްކޫލުން އިންތިޒާމުކުރާ ހަރަކާތްތަކުގައި ބުލީކުރުން ހުއްޓުވާނެ އުސޫލުތަކެއް ކަނޑައެޅުމަށް ކަމަށެވެ. އޭގެ އިތުރުން އެކަންކަމަށް ދަރިވަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުން ހޭލުންތެރިކުރުވުމަކީ ވެސް އޭގެ އެއް ބޭނުމެވެ.

އޭނާ ވިދާޅުވީ އުސޫލު ހެދިއިރު ދަރިވަރުންނާ އެކު މަސައްކަތްކުރާ އެކި އިދާރާތަކުގެ ބޭފުޅުންނާއި ބެލެނިވެރިންނާއި ޓީޗަރުންނާއި ސްކޫލުތަކުގެ ޕްރިންސިޕަލުން ހިމަނައިގެން 488 ފަރާތެއްގެ މަޝްވަރާ ހޯދާފައިވާ ކަމަށެވެ.

ތައުލީމީ ނިޒާމުގައި ބުލީކުރުން ހުއްޓުވައި އަނިޔާލިބޭ ފަރާތްތަކަށް އެހީތެރިވާނެގޮތުގެ އުސޫލު ނެރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވި ބައެއް ބޭފުޅުން-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އުސޫލުގެ އިތުރުން މިރޭ ވަނީ އެންޓި-ބުލީން އެމްބެސެޑަރެއް ހޮވައިފަ އެވެ. އެމްބެސެޑަރަކަށް ހޮވާފައިވަނީ ކުރިއަރަމުން އަންނަ މަޝްހޫރު ވުލޮގަރު އާލިފް ނަސީރު (އާލް ނަސީރު)، 21، އެވެ. މިނިސްޓްރީއާ ގުޅިގެން ބުލީކުރުމާ ދެކޮޅަށް އޭނާ ހަރަކާތްތައް ހިންގާނެ އެވެ.

ސްކޫލު މާހައުލުގައި ދަރިވަރުންނަށް ބުލީކުރުމަކީ އާއްމު ކަމެކެވެ. އޭގެ ސަބަބުން ދަރިވަރުން ސްކޫލަށް ދާން ފޫހިވުމާއި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވުން ހިމެނެ އެވެ. ނަމަވެސް ބުލީކުރުމާ ދެކޮޅަށް ސްކޫލުތަކުގައި އެކަށީގެންވާ ފިޔަވަޅުތައް ނާޅާކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާކުރެ އެވެ.