23 އެޕްރީލް 2022
އިއްޒުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އިސްމާއިލް ނަސީރާ ދެކޮޅަށް ބަޔާން ދީފައި ވަނިކޮށް އެ ސްކޫލުގެ ހަތަރު ޓީޗަރަކު ކުއްލި ގޮތަކަށް އެހެން ސްކޫލަކަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލުކުރީ "ބަދަލު ހިފަން" ކަމަށް އެޗްއާރުސީއެމްގެ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ނިންމައިފި އެވެ.
އިއްޒުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އިސްމާއިލް ނަސީރާ ދެކޮޅަށް ބަޔާން ދީފައި ވަނިކޮށް އެ ސްކޫލުގެ ހަތަރު ޓީޗަރަކު ކުއްލި ގޮތަކަށް އެހެން ސްކޫލަކަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލުކުރީ "ބަދަލު ހިފަން" ކަމަށް އެޗްއާރުސީއެމްގެ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ނިންމައިފި އެވެ.
އެ ހަތަރު ޓީޗަރުން މިދިޔަ އަހަރު، ޕްރިންސިޕަލާ ދެކޮޅަށް ބަޔާން ދިނީ ޖިންސީ ފުރައްސާރަކުރަމުންދާ ކަމަށް ތުހުމަތުކޮށެވެ. މި މައްސަލައިގެ ބަޔާން ނަގައި ކަން ހިނގި ގޮތް ބަލަމުން ދަނިކޮށް އެޑިއުކޭޝަނުން ނިންމީ ހަތަރު ޓީޗަރުން އެހެން ސްކޫލަކަށް ބަދަލުކުރުމަށެވެ.
މިއީ ބޭއިންސާފެއް ކަމަށް ބުނެ ޓީޗަރުން ކަންބޮޑުވުންފާޅުކުރުމުން އޭރު މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ޓީޗަރުން އެހެން ސްކޫލްތަކަށް ބަދަލުކުރުމުގައި ހުށަހެޅި ޖިންސީގޯނާގެ މައްސަލައާ ގުޅުމެއް ނެތް ކަމަށެވެ. މިކަމުގެ ހިތްހަމަނުޖެހުމުގައި ހަތަރު ޓީޗަރުން ވެސް އިސްތިއުފާ ދިނީ އެވެ.
ޖިންސީފުރައްސާރައިގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަންގެ ވިސްލްބްލޯވާ ޔުނިޓަށް ހުށަހެޅުމުން މައްސަލަ ނިމުނީ ޓީޗަރުންނާ އެއްކޮޅަށެވެ.
އެ ޔުނިޓުން ޓީޗަރުންނަށް ފޮނުވި ލިއުމުގައި ބުނެފައި ވަނީ އެ މައްސަލައިގައި ވަށައިގެންވާ ކަންތައްތަކަށް ރިއާޔަތްކުރުމުން އެނގެނީ ހަތަރު ޓީޗަރުން ވެސް އެހެން ސްކޫލަކަށް ބަދަލުކުރީ "ވިސްލްބުލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު" ގެ ދަށުން ވިސްލްބްލޯކުރުމުގެ ސަބަބުން ހިފި ބަދަލެއްގެ ގޮތުން ކަމަށެވެ.
"ޔުނިޓްގެ މި ނިންމުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް އަންގަން ޖެހޭ އެންގުންތައް އެންގުމުގެ މަސައްކަތް މި ޔުނިޓުން ކުރިއަށް ގެންދާނެ ވާހަކަ ވެސް ދަންނަވަމަވެ،" އެ ލިޔުމުގައިވެ އެވެ.
ޓީޗަރުން ބަދަލުކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅިގެން ނޫން ކަމަށް ބަޔާންކޮށް ކުރިން މިނިސްޓްރީން ބަޔާނެއް ނެރެފައިވީ ނަމަވެސް އެ ޔުނިޓުން މައްސަަލަ ދިރާސާކުރިއިރު އެ ޓީޗަރުން ބަދަލުކުރީ ހަމަ އެ ސަބަބާ ހުރެ ކަމަށް ލިޔުމުގައި ބުނެފައިވެ އެވެ.
"މި ޖަމިއްޔާއިން މި މައްސަލަ ދިރާސާކުރިއިރު ހަތަރު ޓީޗަރުން އެހެން ސްކޫލުތަކަށް ބަދަލުކުރުމަށް މެދުވެރިވެފައިވާ ސަބަބަކީ ޖިންސީ ފުރައްސާރަކުރި މައްސަލަ ހުށަހެޅުމާއި އެކަމާ ދެކޮޅަށް އަޑުއުފުލުމާއި ހެކި ބަސް ދިނުމުގެ ސަބަބުން ކަން މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށާއި ހެއްކާއި ގަރީނާއަށް ބެލުމުން އެނގެން އޮވޭ،" ލިއުމުގައިވެ އެވެ.
އެ ޔުނިޓުން ބުނީ ޓީޗަރުންތައް އެހެން ސްކޫލަކަށް ބަދަލުކުރަން ނިންމި ގާނޫނާ ހިލާފު ނިންމުން ބާތިލުކޮށްދިނުމަށް އެދި އެ ޓީޗަރުންގެ ފަރާތުން ސިވިލް ސާވިސް ކޮމިޝަނުގެ މައްޗަށް ރައްދުވާ ގޮތަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ. އެ ފިޔަވަޅު ދިފާއުކޮށް ސީއެސްސީން ވާހަކަ ދެއްކިޔަސް އެ ފިޔަވަޅު އަޅާފައި ވަނީ ގާނޫނާ އެއްގޮތަށްކަން ސާބިތުވާނެ އެއްވެސް ހެއްކެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އަޑުއެހުންތައް ނިމުނުއިރު ވެސް ހުށަހަޅާފައިނުވާ ކަމަށް އެ ޔުނިޓުން ބުންޏެވެ.
މި މައްސަލައިގައި އެޑިއުކޭޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ހަތަރު ޓީޗަރުން އެހެން ސްކޫލަކަށް ބަދަލުކުރަން ނިންމީ އެ މައްސަލަ ހައްލުކުރުމަށްޓަކައި ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ހާއްސަ ކޮމިޓީއަކުން ހިންގި ލީޑާޝިޕް އެންޑް މެނޭޖްމަންޓް ރިވިއު އަށް ރިއާތްކުރުމަށް ފަހު ކަމަށެވެ. އެ މައްސަލައިގައި ޓީޗާސް އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނުގައި ހަގީގަތާ ހިލާފު މައުލޫމާތުތައް ހުރި ކަމަށް ބުނެ އެކަން ވެސް މިނިސްޓްރީގެ ބަޔާނުގައި ކުށްވެރިކޮށްފައިވެ އެވެ.
ޓީޗާސް އެސޯސިއޭޝަނުން ބުނެފައިވާ ގޮތުގައި ހަ ޓީޗަރަކަށް އިއްޒުއްދީންގެ ޕްރިންސިޕަލް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއަށް މައްސަލަ ހުށަހެޅުމުން، ހާއްސަ ކޮމިޓީއަކުން އެ މައްސަލަ ބެލިއިރު އޭނާގެ މައްޗަށް އެ އަމަލު ސާބިތު ވި އެވެ.
ތުހުމަތުކުރި ޓީޗަރުންނާ ވަކިން އިންޓަވިއުކޮށް ބަޔާން ވެސް ނަގައި އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިޓީން 19 ސޮފްހާގެ ރިޕޯޓެއް އެކުލަވާލާފައިވެ އެވެ.
މި މައްސަލަ ސާބިތުވެފައި ވަނިކޮށް، އަނިޔާ ދިން މީހާގެ މަސްލަހަތު ހިމާޔަތްކުރުމަށް، އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރާ ކަމަށް އެސޯސިއޭޝަނުން ބުނީ އޭނާއާ މެދު ފިޔަވަޅު ނާޅާއި އެހެން ސްކޫލަކަށް ބަދަލު ކުރުމުންނެވެ. އިއްޒުއްދީންގެ ޕްރިންސިޕަލަށް އެއްވެސް ފިޔަވަޅެއް ނާޅާއި އޭނާ ބަދަލުކުރީ އެހެން ރަށެއްގެ ސްކޫލުގެ ޕްރިންސިޕަލަކަށެވެ.
އިއްޒުއްދީންގެ ޓީޗަރުން ކުރި ތުހުމަތު ޕްރިންސިޕަލް ވަނީ ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެއީ އިސްތިއުފާ ދެއްވި ލީޑިން ޓީޗަރުންތަކެއް އޭނާއާ ދެކޮޅަށް އުފައްދައިގެން އުޅޭ އަގު ވައްޓާލުމުގެ މައްސަލައެއް ކަމަށެވެ.
ދަރިވަރުންނާ ބެހުނު ތުހުމަތަށް 3 ޓީޗަރަކު ސަސްޕެންޑް!
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
250 ބައިވެރިންނާއެކު ޓީޗަރުންގެ ކޮންފަރެންސް ފަށައިފި
ޓީޗަރުންގެ ދުވަހަށް ފައިސާ ނުނަގަން އަންގައިފި
ތައުލީމީ ދާއިރާ ރަނގަޅު ކުރަން ބޮޑު މަޝްރޫއެއް!
އިތުރަށް 2،000 އަށް ވުރެ ގިނަ ޓީޗަރުން ބޭނުންވޭ
ޓާމްޗުއްޓީތަކުގައި ޓީޗަރުން ނުނެރެން އަންގައިފި
ކްލާސްތަކަށް ވަކިން ވައިބާގްރޫޕްތައް ނުހަދަން އަންގައިފި
ޓީޗަރުންގެ މުސާރަ ބޮޑު ވިޔަސް ބަދަލެއް ނުފެނޭ!