Roadha Mihaaru
ކާޑު ވިއްކާ މީހުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

ކާޑު ވިއްކާނެ އޭޖެންޓުން ހޯދަން އަނެއްކާ ވެސް އިއުލާނުކޮށްފި

13 މާޗް 2019

އެސްޓީއޯ އިން ވިއްކާ ކާޑުގެ ބާވަތްތައް މާލެއެކޭ އެއްއަގެއްގައި ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދުމަށް އަނެއްކާ ވެސް އެ ކުންފުނިން އިއުލާނުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯ އިން ވިއްކާ ކާޑުގެ ބާވަތްތައް މާލެއެކޭ އެއްއަގެއްގައި ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދުމަށް އަނެއްކާ ވެސް އެ ކުންފުނިން އިއުލާނުކޮށްފި އެވެ.

މިއީ އޭޖެންޓުން ހޯދުމަށް އިއުލާނު ކުރި ތިން ވަނަ ފަހަރެވެ. އެހެން ނަމަވެސް އެކަށީގެންވާ ތަރުހީބެއް މިދިޔަ ދެ ފަހަރު ވެސް ލިބިފައި ނުވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި އިއުލާނުގައި ވާގޮތުން އެސްޓީއޯ އިން ވިއްކާ ކާޑުގެ ބާވަތްތައް މާލޭގެ ފިހާރަތަކުން ވިއްކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާފައިވާ އަގުގައި ރާއްޖޭގެ ރަށްރަށުގައި ވިއްކަން ޖެހޭނެ އެވެ.

އެކަން ކުރަން ބޭނުންވާ ފަރާތްތަކުން މާޗް މަހުގެ 18 ގެ ކުރިން އެ ރަށެއްގެ އެސްޓީއޯ ފާމަސީ އަށް ގޮސް ރަޖިސްޓާ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މިކަމަށް ބީލަން ކަރުދާސް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މާޗް 21 ގަ އެވެ.

މާލެއާ އެއް އަގެއްގައި ހުރިހާ ރަށެއްގައި ކާޑުގެ ބާވަތްތައް ވިއްކުމަށް އެސްޓީއޯއިން ނިންމީ މިދިޔަ މަހު އެވެ.

އެ ކުންފުނިން ނިންމާފައި ވަނީ އެޕްރީލް 1 އިން ފެށިގެން ރަށްރަށަށް ގެންދާ ކާޑުގެ ބާވަތްތަކަށް އެ ކުންފުނިން ނާލު ދޭ ގޮތަށެވެ. އޭރުން މާލެއެކޭ އެއް އަގެއްގައި ރަށްރަށުން ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެ އެވެ.

ކުރިންސުރެ ސަރުކާރުން ހަމަޖައްސާފައި އޮންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގެންދާ ކާޑުގެ ބާވަތްތަކަށް ނާލުގެ ގޮތުގައި ވަކި ވަރެއް، ވިޔަފާރިވެރިންނަށް ނެގޭ ގޮތަށެވެ. އެހެންކަމުން މާލެއާ ދުރު އަތޮޅުތަކުގެ ރަށްރަށުގައި ކާޑު ވިއްކާ އަގު މާލެއާ ކައިރި ސަރަހައްދަށް ވުރެ ބޮޑުވެ އެވެ.