Roadha Mihaaru
ކާޑުގެ ބާވަތްތަކުގެ އަގުހެޔޮ ކުރަން ނިންމައިފި

ކާޑުގެ ބާވަތްތަކުގެ އަގުހެޔޮ ކުރަން ނިންމައިފި

04 އެޕްރީލް 2018

ކާޑުގެ ބާވަތްތަކުގެ އަގު މާދަމާ އިން ފެށިގެން ހެޔޮކުރަން އެސްޓީއޯ އިން މިއަދު ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކާޑުގެ ބާވަތްތަކުގެ އަގު މާދަމާ އިން ފެށިގެން ހެޔޮކުރަން އެސްޓީއޯ އިން މިއަދު ނިންމައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކާޑުގެ ބާވަތްތަކުގެ އަގު އެންމެ ފަހުން ބޮޑުކުރީ އޮކްޓޯބަރު 2016 ގަ އެވެ. ނަމަވެސް އެސްޓީއޯ އިން މިހާރު ވަނީ ކާޑުގެ ބާވަތްތަކުގެ އަގު އޭރު ބޮޑުކުރުމުގެ ކުރިން، ހުރި އަގަށް މާދަމާ އިން ފެށިގެން ދަށްކޮށްފަ އެވެ. ކާޑުގެ ބާވަތްތަކުގެ އަގު ކުރިން ބޮޑުވީ ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކަނޑާލައި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި އެ ހެދުމުންނެވެ.

އެސްޓީއޯ އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، ކާޑުގެ އަގު ކުރިން ބޮޑު ކުރުމާ ގުޅިގެން ވަރަށް ގިނަ މީހުންގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި އެ ޝަކުވާތަކާ ގުޅިގެން، ސަރުކާރުން ވަރަށް ބޮޑަށް ވިސްނި ކަމަށާއި މާލެ އާއި ރަށްރަށުގައި ވިއްކާ ކާޑުގެ ބާވްތަތަކުގެ އަގު ހެޔޮ ކުރަން ނިންމީ ކަމަށް އެހެންވެ އޭނާ ވިދާޅުވި އެވެ.

ކާޑުގެ އަގަށް ގެނައި ބަދަލު (ރީޓެއިލްކޮށް ވިއްކާ އަގު)

- މާދަމާ އިން ފެށިގެން ހަކުރު ކިލޯއެއް ވިއްކާނީ 4ރ. އަށް (މިހާތަނަށް ވިއްކީ 6.80ރ އަށް)

- މާދަމާ އިން ފެށިގެން ހަނޑޫ ކިލޯއެއް ވިއްކާނީ 3.98ރ. އަށް (މިހާތަނަށް ވިއްކީ 6.76ރ އަށް)

- މާދަމާ އިން ފެށީގެން ފުށް ކިލޯއެއް ވިއްކާނީ 2.98ރ. (މިހާތަނަށް ވިއްކީ 5.26ރ. އަށް)

އިކޮނޮމިކް މިނިސްޓްރީން ވަނީ ކާޑުގެ އަގަށް ގެނައި ބަދަލާ ގުޅިގެން، ރާއްޖޭގެ އެކި ރަށްރަށަށް ކާޑުގެ ބާވަތްތައް ވިއްކުމަށް ޚަރަދުގެ ގޮތުގައި ނާލާއި މަޖޫރީ އަދި ފައިދާ ހިމަނައިގެން ކިލޯ އަކަށް ގިނަވެގެން އިތުރު ކުރެވޭނެ ވަރު ކަނޑައަޅައިފަ އެވެ.

އެގޮތުން ޒޯން އެކެއްގައި ހިމެނޭ ރަށްރަށަށް ކިލޯއަކަށް ނަގާނީ 1.02ރ. އެވެ. އަދި ޒޯން ދޭއްގައި ހިމެނޭ ރަށްތަކަށް ކިލޯއަކަށް ނަގާނީ 82 ލާރި އެވެ. ޒޯން ތިނެއްގެ ރަށްތަކަށް 1.21ރ. އެވެ.

އެސްޓީއޯގެ އެމްޑީ ޝަހީރު (މ) މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެސްޓީއޯގެ އެމްޑީ ޝަހީރު (މ) މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"މި ގޮތަށް ބަދަލު ގެނައީ ރައްޔިތުންގެ ޝަކުވާތަކެއް ހުރީމަ، ރައީސް އަބްދުﷲ ޔާމީން މިކަމާ ވިސްނަވައި ރައީސް އޮފީހުން،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކާޑުގެ ބާވަތްތަކަކީ ވަރަށް ބޮޑަށް ސަބްސިޑައިޒް ކޮށްގެން ވިއްކާ ބާވަތްތަކެކެވެ. އެގޮތުން ދުވާލަކަށް ހަނޑޫ، ހަކުރު، ފުށް ސަބްސިޑައިޒް ކުރުމަށް ސަރުކާރުން ގާތްގަނޑަކަށް 850،000ރ. ޚަރަދު ކުރަމުން އަންނަ ކަމަށް ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަނޑޫ، ހަކުރު އަދި ފުށަކީ ބޭރުން އެތެރެ ކުރާ ބާވަތަކަށް ވެފައި، ސަރުކާރުން ކާޑުގެ ބާވަތްތައް ވިއްކަނީ ބޭރުގެ މާކެޓަށް ބަލައިގެން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކާޑުގެ ބާވަތްތަކުގެ އަގު ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން ޝަހީރު ދެއްވި އެވެ. ކާޑުގައި ޓާގެޓެޑް ސަބްސިޑީއެއް ނެތުމުން، ހުރިހާ އެންމެންނަށް ވެސް ވިއްކަނީ އެއް އަގެއްގައި ކަމަށް ޝަހީރު ވިދާޅުވި އެވެ.