09 އޮކްޓޯބަރ 2016
ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ބައެއް މެމްބަރުންނަކީ ދުރަށް ވިސްނަވާ ބައެއް ނޫން ކަމަށާއި ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރަން އެ މެމްބަރުން މާ ބޮޑު މަސައްކަތެއް ނުކުރައްވާ ކަމަށް ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ބައެއް މެމްބަރުންނަކީ ދުރަށް ވިސްނަވާ ބައެއް ނޫން ކަމަށާއި ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރަން އެ މެމްބަރުން މާ ބޮޑު މަސައްކަތެއް ނުކުރައްވާ ކަމަށް ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު"އާ ވާހަކަ ދައްކަވަމުން ސައުދުﷲ ވިދާޅުވީ ޕީޕީއެމް ތެރެއިން ކާޑުގެ އަގު ހެޔޮކުރަން މަސައްކަތް ކުރާ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. ކާޑު އަގުބޮޑުވުމުގައި މެމްބަރުންގެ ކަންބޮޑުވުންތަކެއް ހުރި އިރު، އެ މައްސަލަ ހައްލުކުރެވޭނީ ސަރުކާރާ ވާހަކަ ދައްކައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަނޑޫ، ހަކުރާއި ފުށުން ސަބްސިޑީ ކަނޑާލައި، ހަމައެކަނި ފަގީރުންނަށް ލިބޭ ގޮތަށް ސަރުކާރުން ހަމަޖެއްސުމާ ގުޅިގެން އެކަމާ ޕީޕީއެމް ބައެއް މެމްބަރުން ދެކޮޅެވެ. އަދި އަނެއް ބައި މެމްބަރުން ގެންދަވަނީ ސަރުކާރުގެ އެ ނިންމުން ދިފާއުކުރައްވަމުންނެވެ.
ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރަައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދިފައި އޮތް ހިޔާލު ތަފާތުވުމާ ގުޅިގެން ޕާޓީ ތެރޭގައި ވަނީ ދެ ފެކްޝަން އުފެދިފަ އެވެ.
ސައުދުﷲ ވިދާޅުވީ ޕީޕީއެމްގެ އެތެރޭގެ ކޯޅުންގަނޑު ބޮޑުވަނީ ހިޔާލު ތަފާތުވުންތައް އެއްގޮތް ކުރެވޭނެ މާހައުލެއް ނެތީމާ ކަމަށެވެ. އަދި އެއްވެސް ބަޔަކު ދޫދޭން ބޭނުން ނެތް ނަމަ، ހިޔާލު ތަފާތުވުންތައް ހައްލު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބައެއް މެމްބަރުންނަކީ ވިސްނަން ޖެހޭ ވަރަށް، އެހާ ދުރަށް ވިސްނާ ބައެއް ނޫން، އެ މެމްބަރުން އަބަދުވެސް ވިސްނަވަނީ އެ މެމްބަރެއްގެ ކައިރިއަށް،" ސައުދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުއްލިއަކަށް ސަބްސިޑީ ކަނޑައިލުމާ ގުޅިގެން ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ހުރިހާ ސަބްސިޑީއެއް ދެވޭނެ ހަމަޖެހޭ އުސޫލެއް ގާއިމުވެފައި އޮންނަން ޖެހޭނެ ކަމަށާއި ސަބްސިޑީ ކަނޑާލާ ނަމަ، މުއްސަނދިންގެ އަތުން އެ ކަނޑާލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބައެއް މީހުން ހަރަދުތައް ހަމަޖައްސާފައި ހުންނާނީ ތަފާތު ގޮތް ގޮތަށް، ގޭ ކުލި ފަދަ ކަންކަމަށް ފައިސާ ބަހާފައި ހުންނާނީ. އެހެން ހުރެއްޖެއްޔާ ދަތި ކަމަކަށް ވާނީ،" ސައުދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތުން ވީހާވެސް އަވަހަކަށް ކާޑުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުންމީދު އެބަ އޮތެވެ. އަދި އެސްޓީއޯ އިން އެކަން ކުރާނެ ކަމުގެ ފެހި ސިގްނަލް ދީފައި އޮތް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ސަބްސިޑީ ކަނޑާލުމުން ހަނޑޫ ކިލޯއެއް މިހާރު މާލޭން ގަންނަން ލިބެނީ 7.96ރ. އަށެވެ. މީގެ ކުރިން ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރާފަ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގު މި އަށް ވުރެ ބޮޑުވާނެ އެވެ.
ކާޑުގެ ސަބްސިޑީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަގީރުންނަށް އެކަނި ދިނުމަށް ސަރުކާރުން ނިންމައި އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ކާޑުގެ ސަބްސިޑީގެ ގޮތުގައި ސަރުކާރުން ފަގީރުންނަށް ދޭން ނިންމާފައި ވަނީ ގޭބިސީއަކަށް މަހަކު ގިނަވެގެން 240ރ. އެވެ. މިއީ އާއްމުކޮށް ގޭބިސީއެއްގައި ހަ މީހުން ތިބޭނެ ކަމަށް ބަލާފައި ބޮލަކަށް 40ރ. ގެ ނިސްބަތުން ކަނޑައަޅާފައިވާ މިންވަރެކެވެ.
ވިޔަފާރިކުރާ ތަނަކަށް މަޖިލިސް ވެގެން ނުވާނެ: ވައްޑެ
"އެއް އަގެއްގައި ކާޑު ވިއްކަން ފަސޭހައެއް ނުވާނެ"
ކާޑުގެ މައްސަލާގައި ދެ މިނިސްޓަރަކު ކޮމެޓީ އަށް
ކާޑު އަގު ބޮޑުކުރި މައްސަލާގައި ކުއްލި މައްސަލައެއް
ކާޑު މައްސަލާގައި ކެނޑިނޭޅި މަސައްކަތް ކުރާނަން:އަސްމާ
ކާޑު އަގު ހެޔޮކުރަން އެސްޓީއޯ އިން މަސައްކަތް ފަށައިފި
ކާޑުގެ މައްސަލާގައި ޕީޕީއެމް ބައެއް މެމްބަރުން ރަތަށް!
ޒަރޫރީ ކާބޯތަކެތީގެ ކޯޓާ އިންޑިއާ އިން އާކޮށްދީފި
މާލެއާ އެއްއަގެއްގައި ރަށްރަށުގައި ކާޑުވިއްކަން ފަށައިފި
ކާޑު ވިއްކާ މީހުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި