Roadha Mihaaru
ވިޔަފާރިކުރާ ތަނަކަށް މަޖިލިސް ވެގެން ނުވާނެ: ވައްޑެ

މެމްބަރުން ވިޔަފާރި ކުރާ ތަނަކަށް މަޖިލިސް ވެގެން ނުވާނެ: ވައްޑެ

07 އޮކްޓޯބަރ 2016

ރައްޔިތުންގެ މަޖިލީހަކީ މެމްބަރުން ވިޔަފާރި ކުރާ ތަނަކަށް ވެގެން ނުވާނެ ކަމަށާއި އެއީ ރައްޔިތުންގެ އިހްސާސްތައް ދަންނަ ބަޔަކަށް ވާން ޖެހޭނެ ކަމަށް ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހަކީ މެމްބަރުން ވިޔަފާރި ކުރާ ތަނަކަށް ވެގެން ނުވާނެ ކަމަށާއި އެއީ ރައްޔިތުންގެ އިހްސާސްތައް ދަންނަ ބަޔަކަށް ވާން ޖެހޭނެ ކަމަށް ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެ އެވެ.

ކާޑަށް ކުރިން ސަބްސިޑީ ދެމުން އައި ގޮތް އުވަލުމުން އޭގެ އަގު ކުއްލިއަކަށް 100 ޕަސެންޓަށް ބޮޑުވި މައްސަލާގައި ރައްޔިތުންގެ މަޖިލިހަށް އިދިކޮޅު މެމްބަރުން އިއްޔެ ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ވައްޑެ ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަކީ ދާއިރާތަކަށް ކަނޑައަޅުއްވާފައި ތިއްބެވި ބޭފުޅުން ކަމަށާއި އެ މެމްބަރުން ވާން ޖެހޭނެ ރައްޔިތުންގެ އިހްސާސްތައް ދަންނަ ބަޔަކަށް ކަމަށެވެ. އަދި މެމްބަރުން ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހަށް ހޮވުމާއެކީގައި މަޖިލީހަކީ އޭނާ ވިޔަފާރި ކުރަން އޮތް ފިހާރައިގެ ވަތްގަނޑަކަށް ވެގެން ނުވާނެ، ވިޔަފާރި ކުރަން އޮތް މުދަލަކަށް ވެސް ވެގެން ނުވާނެ،" ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި ނިންމުންތަކަށް ފަހަކަށް އައިސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ވައްޑެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތައް ޒަމާނެއް ވަންދެން ދެމުން އައި ސަބްސިޑީ ކަނޑައިލިއިރު، ފަގީރުންނަކީ ކޮބައިކަން ނޭނގޭ ކަމަށެވެ. އެއްވެސް ރޭވުމެއް ނެތި އަދި މަޖިލީހުގައި މަޝްވަރާނުކޮށް ނިންމި ނިންމުން ވައްޑެ ސިފަކުރެއްވީ ސަލާން ޖެހުމަށް ހުޅުވައިލި ފުރުސަތެއްގެ ގޮތުގަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ތާއީދުކުރުމަކީ މަޖިލިސް މެމްބަރުންގެ ދައުރު އަދާ ކުރުމެއް ނޫނެވެ. އަދި ސަރުކާރުން ކުރާ ކަމަކާ ދެކޮޅު ހެދުމަކީ ސަރުކާރާ ދެކޮޅުވުން ނޫން ކަމަށް ވެސް ކާޑުގެ މައްސަލާގައި ޕީޕީއެމް ތެރެއިން އެންމެ ބޮޑަށް ފާޑު ވިދާޅުވާ ވައްޑެ ވިދާޅުވި އެވެ.

"އާދެ، ލައްބަ ކިޔައިގެން މިކަން ކުރަންވެއްޖެ ކަމުގައި ވަނީނަމަ، އަޅުގަނޑުމެންނަކީ ޒިންމާދާރުކަމާއެކީގައި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ބައެއް ކަމުގައި ނުދެކެން،" ވައްޑެ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ބިދޭސީންނަށް ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރި ނަމަވެސް ދިވެހިންނަށް ބޮޑުވެގެން ނުވާނެ އެވެ.

ވައްޑެ ވިދާޅުވީ ރިސޯޓުތަކަށް ބާސްމަތީ ހަނޑޫ ނުގެންދާ ކަމަށާއި އޭގެ މާނައަކީ ސަރުކާރުން ސަބްސިޑީޒް ދީގެން އެތެރެކުރާ ކާޑުގެ ބާވާތްތައް ބޭނުންކުރީ ފަގީރުން ކަމަށެވެ.

ކާޑުގެ އަގު ބޮޑުކުރި މައްސަލާގައި ވައްޑެ ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ވައިބާގައި ވެސް ފާޑުވިދާޅުވެފަ އެވެ. އަދި ވައްޑެއާއެކު މީގެ ކުރިން ހިޔާލު ތަފާތުނުވާ މެމްބަރުން ވެސް ވަނީ ކާޑުގެ ބާވަތްތަކަށް ދެމުން އައި ސަބްސިޑީ ހަމަ ކުރިއެކޭ ވެސް އެއްގޮތަށް ބޭއްވުމަށް ގޮވާލައްވައިފަ އެވެ.