Roadha Mihaaru
ކާޑުގެ އަގު ބޮޑުކުރުމަކީ ސަލާން ޖެއްސުވުން: ވައްޑެ

ކާޑުގެ އަގު ބޮޑުކުރުމަކީ ރައްޔިތުން ސަލާން ޖައްސުވަން މަގުފަހިކުރުން: ވައްޑެ

03 އޮކްޓޯބަރ 2016

ސަރުކާރުން ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމަކީ ރައްޔިތުން ސަލާން ޖައްސުވަން ހުޅުވައިލި ފުރުސަތެއް ކަމަށް ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ސަރުކާރުން ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމަކީ ރައްޔިތުން ސަލާން ޖައްސުވަން ހުޅުވައިލި ފުރުސަތެއް ކަމަށް ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) މިއަދު ވިދާޅުވެއްޖެ އެވެ.

ކާޑު ސަބްސިޑީ ނިކަމެތިންނަށް އެކަނި ހާއްސަކޮށް، ކާޑުގެ އަގު 100 ޕަސެންޓް ބޮޑުކުރި މައްސަލާގައި "މިހާރު"އާ ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ، ސަރުކާރުގެ ނިންމުމާ ގުޅިގެން އޭނާގެ ދާއިރާގެ ރައްޔިތުން މިހާރު ތިބީ "ސަލާންޖަހާ ހިސާބުގައި" ކަމަށެވެ. އަދި ދާއިރާގެ ހަތަރު ރަށް ކަމަށްވާ ތުލުސްދު އާއި ހުރަ އާއި ހިންމަފުއްޓާއި ދިއްފުށީގެ ރައްޔިތުންގެ ޝަކުވާ އިންތިހާ އަށް ލިބެމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީހާ އަށް ލިބޭ މުސާރައިން، އުޅޭ ތަނުގެ ކުލި ދައްކާފައި، ޒަރޫރީ ގޮތުން ކޮންމެ މަހަކު ގެއަށް ހޯދަންޖެހޭ އެތިކޮޅު ހޯދާފައި ކާޑުގެ އަގު ބޮޑުވެފައި ހުރީމާ އޭނާ އަށް ލިބޭ މުސާރައިން ދެން ދެކޮޅެއް ނުޖެހޭނެ. ދެން ޖެހޭނީ ސަލާން ޖަހަން ނުކުންނަން. އެހެންވީމާ ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވުމަކީ ސަލާން ޖައްސުވަން ހުޅުވައިލި ފުރުސަތެއް،" ވައްޑެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކާޑުގެ އަގުބޮޑުކޮށް، އަދި ސާޗާޖުގެ ގޮތުގައި ކަރަންޓު ޔުނިޓަކަށް މަހަކު ހަތަރު ލާރި ނަގަން ސްޓެލްކޯއިން ނިންމި ނިންމުން އިޔާދަ ކުރުމަށް ނުވަތަ އަގު ހެޔޮ ކުރުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

"މިގޮތަށް މި ކަންތައްތައް ނުކުރެވޭނެ. މިފަދަ ޒާތުގެ ކަންކަން ބަޔަކަށް ތަކުލީފަކަށް ޖައްސުވާކަށް ނުވާނެ. އަޅުގަނޑު ހިތަށް އަރާ ކޮން ކަމެއް ނުވެގެންބާއޭ މި ބަދަލުތައް މި ގެންނަނީ،" ވައްޑެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ބޭނުންކުރާ ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރާ ނަމަ، ރައްޔިތުންނަށް އެކަމުން އުނދަގޫ ނުވާ ގޮތަށް ނުވަތަ ބޮޑު ބުރައެއް އުފުލަން ނުޖެހޭނެ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭ ކަމަށެވެ. އަދި ކާޑުގެ ބާވަތްތަކަކީ އަސާސީ އެއްޗަކަށް ވާއިރު، އެތަކެތި އާންމުންނަށް އަގު ހެޔޮކޮށް ލިބެންޖެހޭނެ ކަމަށް ވައްޑެ ވިދާޅުވި އެވެ.

ކާޑު އަގު ބޮޑުކުރުން ފަދަ ކަމެއް ސަރުކާރުން ނިންމިއިރު ރައްޔިތުންގެ މަޖިލިހާ އެކަން ހިއްސާ ނުކުރި މައްސަލާގައި ވެސް ވައްޑެ ފާޑު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް އޮތް އިރު، އެ މަޖިލީހާ އެއްވެސް ކަމެއް ހިއްސާ ނުކުރުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"އިގުތިސޯދީ މާހިރުންނޭ އަޅުގަނޑުމެން ކިޔަނީ، އިގުތިސޯދީ ގޮތުން ހެޔޮ އަގެއްގައި ފުދުންތެރި ބަޔަކަށް ހަދައި ދިނުމަށް ކިޔާ އެއްޗަކަށް. އެއީ އިގުތިސޯދީ މާހިރުން ކުރާ ކަމަކީ. އޭގެ ބަދަލުގައި އިގުތިސޯދީ މާހިރުންނަކީ ރައްޔިތު މީހާގެ ޖީބުގައި އޮންނަ ފައިސާ ކޮޅު ނަގައިގެން ބައިތުލްމާލަށް ލައިގެން އެއާ ކުޅޭ ބައެއް ނޫން،" ވައްޑެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަރަންޓުގެ އަގު ބޮޑުކުރުމުން އެކަމުން ސަލާމަތް ނުވެ އުޅެނިކޮށް، ކުރިން ނޯޓިހެއް ވެސް ނުދީ، ކުއްލި ގޮތަކަށް ކާޑުގެ އަގު ބޮޑުކުރުމަކީ އެންމެންނަށް އަންނާނެ ބޮޑު ސިހުމެކެވެ.

"އެއްކަލަ ފަގީރު މީހާ ހޮޓަލަށް ގޮސްފައި، އިއްޔެ ފަސް ރުފިޔާއަށް ކާން ލިބުނު އެތިކޮޅު މިއަދު މި ޖެހެނީ 25ރ.-30ރ. އަށް. ނޫނިއްޔާ އޭނާއަށް ކާއެތިކޮޅެއް ލިބޭ ވަރެއް ނުވޭ. އެހެންވީމާ ރައްޔިތުންގެ މަޖިލިސް ތަންކޮޅެއް ޒިންމާދާރުވާންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން،" ވައްޑެ ވިދާޅުވި އެވެ.

އިގުތިސޯދީ މާހިރުންނޭ އަޅުގަނޑުމެން ކިޔަނީ، އިގުތިސޯދީ ގޮތުން ހެޔޮ އަގެއްގައި ފުދުންތެރި ބަޔަކަށް ހަދައި ދިނުމަށް ކިޔާ އެއްޗަކަށް. އެއީ އިގުތިސޯދީ މާހިރުން ކުރާ ކަމަކީ. އޭގެ ބަދަލުގައި އިގުތިސޯދީ މާހިރުންނަކީ ރައްޔިތު މީހާގެ ޖީބުގައި އޮންނަ ފައިސާ ކޮޅު ނަގައިގެން ބައިތުލްމާލަށް ލައިގެން އެއާ ކުޅޭ ބައެއް ނޫން.

އޭނާ ވިދާޅުވީ ސަރުކާރުން ހިންގާ މި ކަހަލަ ކަންކަން، ރައްޔިތުންގެ މަޖިލިހުގެ ހުއްދަ ނެތި ނުކުރެވޭނެ ގޮތަށް ގާނޫނެއް ފާސްކުރަންޖެހޭ ކަމަށެވެ.

"އެހެން ނޫނިއްޔާ ހައްދު ފަހަނައަޅައިގެން ހިނގައިދާނެ. ރައްޔިތުންގެ މަޖިލިހުގެ ޒިންމާއެއް، ބަހެއް ނެތި ރައްޔިތުންނަށް ހިތު ހުރިހާ ގޮތެއް ހަދަމުންދާއިރު، އަޅާނުލައި ތިބުމަކީ ޒިންމާދާރު ގޮތެއް ނޫން. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ސަރުކާރާއެކު ތިއްބެވިޔަސް އެ މެމްބަރުންނަކީ ސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭ ބައެއް. ސަރުކާރުން ކުރާ ހުރިހާ ކަމަކަށް އާދެ ލައްބަ ކިޔައިގެން ތިބެގެން ވާނެ ކަމަށް ނުދެކެން،" ވައްޑެ ވިދާޅުވި އެވެ.

ކާޑުގެ އަގު ބޮޑުކުރި މައްސަލާގައި ވައްޑެ ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ވައިބާގައި ވެސް ފާޑުވިދާޅުވެފަ އެވެ.

"ބޭރު މީހުންނަށް އަގުބޮޑު ކުރިޔަސް، ދިވެހި ރައްޔިތުންގެ ފައިސާއިން ގެންނަ އަސާސީ ކާޑުގެ ތިން ބާވަތް ކުއްލިއަކަށް ދިވެހި ރައްޔިތުންނަށް ދެ ގުނަ އަގުބޮޑުކޮށް، އަތްނުފޯރާފަށަށް ގެންދިއުމަށް ސަރުކާރުގެ އިގުތިސޯދީ މާހިރުން ނިންމިޔަސް، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަކަށް ވާތީ، ލަސްނުކޮށް މި ނިންމުން ރުޖޫއަ ކުރުމަށް އަޅުގަނޑު ގޮވާލަން. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އެއީ އެއްވެސް ބަޔަކަށް ނުހަދައި މަޝްވަރާ ކުރުމެއް ނެތި، މިގޮތަށް ކުއްލިއަކަށް ކާޑުގެ ތިން ބާވަތް އަގުބޮޑު ކުރީ ކޮން ކަމެއް ނުވެގެންތޯ؟،" ރައީސް ޔާމީން ވެސް ހިމެނޭ ޕީޕީއެމްގެ ޕީޖީގެ ވައިބަ ގުރޫޕްގައި ވައްޑެ ސުވާލު ކުރައްވާފައިވެ އެވެ.