08 އޯގަސްޓް 2017
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑެ) ޕީޕީއެމުން ވަކި ކުރިކަން ޕީޕީއެމުން އެންގީ މިދިޔަ ޖުލައި މަހު ކަމަށާއި އޭނާ ޕާޓީން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ސޮއި ކުރުމުން ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑެ) ޕީޕީއެމުން ވަކި ކުރިކަން ޕީޕީއެމުން އެންގީ މިދިޔަ ޖުލައި މަހު ކަމަށާއި އޭނާ ޕާޓީން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ސޮއި ކުރުމުން ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ވައްޑެގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިިންމުން ބާތިލްކުރަން ވައްޑެގެ ފަރާތުން ހުށަހެޅި މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނި ގޮތުގައި ވައްޑެ ޕާޓީން ވަކި ކުރިކަން ޕީޕީއެމުން ކޮމިޝަނަށް އެންގީ ޕާޓީން ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ފަހުން، މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަމަށެވެ.
އެގޮތަށް ބުނުމުން އޭގެ ރައްދުގައި ވައްޑެ ވިދާޅުވީ މަސީހުގެ މައްސަލާގައި އޭނާއާ މެދު ފިޔަވަޅެއް އެޅިކަން އެނގިވަޑައިގަތީ އަދި ކިރިޔާ ކަމަށެވެ. މިދިޔަ މާޗް މަހު އޭނާ ވަކިކުރި ކަން ޕާޓީން އަންގާފައި ވަނިކޮށް ދެވަނަ ފަހަރަށް އޭނާ ވަކިކުރެވެނީ ކިހިނެއްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރާ އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލާ މާޝާ ލުތުފީ ވިދާޅުވީ ވައްޑެ މިދިޔަ މާޗް މަހު ޕާޓީން ވަކިކުރިކަން އަންގައި، ޕީޕީއެމުން ވައްޑެ އަށް ފޮނުވި ސިޓީގެ ކޮޕީއެއް އިލެކްޝަންސް ކޮމިޝަނަށް ލިބުނު ކަމަށެވެ. ނަމަވެސް އެއީ ވައްޑެ ޕާޓީން ވަކިކޮށްދޭން އެދި ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއެއް ނޫން ކަމަށާއި އެއީ ވައްޑެ އަށް ފޮނުވި ސިޓީއެއް ކަމަށް ވާތީ އެ ސިޓީގެ ދަށުން ވައްޑެ ޕާޓީން ވަކިކޮށްދޭން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާޝާ ވިދާޅުވީ ވައްޑެ ޕާޓީން ވަކިކުރި ކަމަށް މީޑިއާތަކުގައި އޭރު ރިޕޯޓް ކޮށްފައި އޮތަސް ކޮމިޝަނުން ކަންކަން ނިންމުމުގައި އެ ރިޕޯޓްތަކަށް ރިއާޔަތްނުކުރާާނެ ކަމަށެވެ. މެމްބަރަކު ޕާޓީގެ ދަފްތަރުން ވަކިިކޮށްދޭނީ ޕާޓީން އެގޮތަށް އެދުމުން ކަމަށާއި ވައްޑެ ވަކިކޮށްދޭން ޕީޕީއެމުން އެދިފައިވަނީ ޖުލައި، 18 ވަނަ ދުވަހު ކަމަށް ވާތީ ސުޕްރީމް ކޯޓުގެ ހުކުމުގެ ދަށުން ވައްޑެގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާޝާ ވިދާޅުވި ގޮތުގައި މިދިޔަ ޖުލައި 18 އާ ހަމައަށް މަޖިލީހުގައި ވެސް ވައްޑެ ހުންނެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގަ އެވެ. ވައްޑެ މަޖިލީހުގައި ވާހަކަ ދައްކާފައި ހުރީ ވެސް ޕީޕީއެމަށް ކަނޑައެޅިފައިވާ ވަގުތުތަކުގެ ތެރޭގައި ކަމަށާއި އެކަން ސާބިތުކުރަން ދައުލަތުން ވަނީ މަޖިލީހުގެ ބައެއް ލިޔުންތައް ވެސް ޝަރީއަތާ ހިއްސާކޮށްފަ އެވެ.
ދައުލަތުން އެގޮތަށް ބުނުމުން ވައްޑެގެ ވަކީލުން ވިދާޅުވީ ދަފްތަރުން އުނިނުކުރާހާ ހިނދަކު ޕާޓީއަކުން މެމްބަރަކު ވަކިނުވާނެ ކަމަށް އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ވެސް ނޯންނާނެ ކަމަށެވެ. އަދި މާޗް މަހު ވައްޑެ ޕީޕީއެމުން ވަކިކޮށްފައިވާއިރު ދެވަނަ ފަހަރަށް އެ ޕާޓީން އޭނާ ވަކިކުރީ ކިހިނެއްތޯ ވެސް އޭނާގެ ވަކީލުން ސުވާލު އުފެއްދެވި އެވެ. އޭރު ވައްޑެ ޕާޓީން ވަކިކުރި ކަން އަންގައި، ވައްޑެ އަށް ފޮނުވި ސިޓީގެ ކޮޕީ ކޮމިޝަނަށް ލިބިފައިވާ ކަން އެ ކޮމިޝަންގެ އިސް ވެރިއަކު ކުރިން އޮތީ ކަށަވަރުކޮށް ދީފައި ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.
"އެއްފަހަރު ވަކިކޮށްފައި ހުރި މީހަކު އަލުން އެ ޕާޓީއަކާ ނުގުޅެނީސް ކިހިނެއްތޯ ދެވަނަ ފަހަރަށް އެ މީހާ ވަކިކުރާނީ؟. ދައުލަތުން މި ވިދާޅުވަނީ ދެވަނަ ފަހަރަށް ވެސް ވަކިި ކުރެވޭނެއޭ،" ވައްޑެގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވި އެވެ.
އޭގެ ރައްދުގައި ދައުލަތުން ބުނީ ކުރިން ވައްޑެ ވަކިކުރި ކަމަށް ދައުލަތުން އެއްބަސްނުވާ ކަމަށާއި މާޗް މަހު ވައްޑެ ވަކިކުރި ކަން ވައްޑެ އަށް އަންގާފައި އޮތަސް ޕީޕީއެމުން އެކަން ކޮމިޝަނަށް އަންގާފައި ނެތުމުން ވައްޑެ އޭރު އޮތީ ޕާޓީން ވަކިނުކޮށް ކަމަށެވެ. ވައްޑެ ވަކިކުރިކަން އެ ޕާޓީން ކޮމިޝަނަށް އެންގީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރުމުން، މިދިޔަ ޖުލައި މަހު ކަމަށް ވާތީ ވައްޑެ މެމްބަރކަމުން ވަކިކުރީ އޭގެ ފަހުން ކަމަށް ވެސް ދައުލަތުން ކޯޓުގައި ބުންޏެވެ.
އަމިއްލަ ދިފާއުގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ނިންމާފައިވާތީ އޭނާ އަށް ނުހައްގު އަނިޔާތަކެއް ލިބެމުންދާ ކަމަށެވެ. މިވަގުތު ވެސް ބަންދެއްގައި ހުންނެވީ އޭގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
ވައްޑެ ބަންދުގައި ހުންނެވީ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ނިންމާފައި ވަނިކޮށް މަޖިލީހަށް ވެންނެވި މައްސަލައެއްގަ އެވެ. އޭނާ މިއަދު ކޯޓަށް ވަޑައިގަތީ ވެސް ފުލުހުންގެ ބެލުމުގެ ދަށުންނެވެ.
"ކޮބައިތޯ އަޅުގަނޑު ކުރި ކުށަކީ؟ ނުހައްގު އަނިޔާއެއް ދެމުން މިދަނީ. އަނެއްކާ މިއަދު ކަން ނޭނގެ މި މައްސަލާގައި ދެވަނަ ފަހަރަށް މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދާނީ،" އަސަރުކޮށްފައި ހުންނެވިލެއް ބޮޑުކަމުން ތުރުތުރުއަޅާ އަޑަކުން ވައްޑެ ވިދާޅުވި އެވެ.
އެ މައްސަލަ ނިމެންދެން ވައްޑެގެ މެމްބަރުކަން ނުގެއްލޭ ކަމަށާއި އަދި ތުލުސްދޫ ދާއިރާގެ ބައި އިލެކްޝަން ނުބާއްވަން ވަގުތީ އަމުރެއް ނެރެދޭން ވެސް ވައްޑެގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދުނެވެ.
ދެ ގަޑިއެއްހާ އިރަށް ދިގު ދެމިގެންދިޔަ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރުމަށް ފަހު އެވެ.
އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ އެކު ސުޕްރީމް ކޯޓުގެ ފަަަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ޕީޕީއެމުން ވައްޑެ ވަކިކުރި ތާރީޚާ ބެހޭ ގޮތުން މިހާ ބޮޑު ތަފާތެއް އައިސްގެން މި އުޅެނީ، އިންތިހާބުގައި ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް ހޮވޭ މެމްބަރަކު ޕާޓީން ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅުމުން ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. ޖުލައި 13 ގައި އެ ކޯޓުން ކުރި ހުކުމަށް ފަހު ނެރުނު ވަކި އަމުރެއްގައި ބުނީ ޖުލައި 13 ގެ ކުރިން ހިނގާފައިވާ ކަމަކަށް އެ ހުކުމް ތަންފީޒުނުވާނެ ކަމަށެވެ.
ޕީޕީއެމުން ވަކިވާން ހުށަހެޅުމާ އެކު ވަކިވާނެ
އިންސާފުގެ މަގަށް ކުރި ދަތުރު ކާމިޔާބު އެބަވޭ: ވައްޑެ
އިންސާފު ކަށަވަރުވާނީ 12 މެމްބަރުންނާ އެކު: ސައުދު
މަޖިލިހުގެ ގޮނޑި ގެއްލުނު މެމްބަރުން ސުޕްރީމް ކޯޓަށް
ޕީޕީއެމް 10 މެމްބަރުންގެ ގޮނޑި ނުގެއްލޭނެ: ވަކީލުން
"ޕީޕީއެމުން ވަކިވި މެމްބަރުން ގޮނޑި ނުގެއްލޭނެ"
އިތުބާރުނެތްކަމުގެ މައްސަލާގައި ލަފާ ހޯދޭނީ ގަރާރަކުން
ގަވައިދަށް ގެންނަ ބަދަލަށް ކޯޓުގެ ލަފަޔަށް އެދެފި
ގަވައިދު އެކުލަވާލީ ހުކުމާ އެއްގޮތަކަށް ނޫން: އަސްލަމް
އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހުން ފާސްކޮށްފި