Roadha Mihaaru

އިތުބާރު ނެތް ކަމުގެ މައްސަލައިގައި އިސްތިޝާރީ ލަފައަށް އެދެވޭނީ ގަރާރަކުން: ސުޕްރީމް ކޯޓު

ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމާ ގުޅޭ އުސޫލެއް މަޖިލިހުގެ ގަވައިދުގައި ހިމަނަން އާންމު ކޮމިޓީން ނިންމި މައްސަލައިގައި އިސްތިޝާރީ ލަފައަކަށް އެދެވޭނީ މަޖިލިހުން ފާސް ކުރާ ގަރާރަކުން ކަމަށް އެ ކޯޓުން ބުނެފި އެވެ.

އިތުބާރުނެތްކަމުގެ މައްސަލާގައި ލަފާ ހޯދޭނީ ގަރާރަކުން
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

27 މާޗް 2019

ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމާ ގުޅޭ އުސޫލެއް މަޖިލިހުގެ ގަވައިދުގައި ހިމަނަން އާންމު ކޮމިޓީން ނިންމި މައްސަލައިގައި އިސްތިޝާރީ ލަފައަކަށް އެދެވޭނީ މަޖިލިހުން ފާސް ކުރާ ގަރާރަކުން ކަމަށް އެ ކޯޓުން ބުނެފި އެވެ.

މަޖިލިހުގެ އާންމު ކޮމިޓީން ގެނައި ބަދަލުގައި ވަނީ ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވެއްޖެނަމަ، ގާނޫނުއަސާސީގެ ދަށުން އެ ބޭފުޅުން މަގާމުން ވަކިވާނެ ކަމަށް ބުނެފަ އެވެ. މިއީ، ސުޕްރީމް ކޯޓުގެ ހުކުމާ މުޅިން ހިލާފަށް އާންމު ކޮމިޓީން ނިންމި ނިންމުމެއް ކަމަށް ބުނެ، އެމްޑީޕީން ކުރިން ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ.

ސުޕްރީމް ކޯޓުން މީގެ ދެ އަހަރު ކުރިން، 2017 ގައި އިމްޕީޗްމަންޓާ ބެހޭ ގޮތުން ކުރި ހުކުމްގައި ހުރި ބައިތައް މަޖިލިހުގެ ގަވައިދަށް އިތުރު ނުކުރާ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އެހެންވެ، މަޖިލިހުގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންގެ މަޝްވަރާ ކުރުމަށް ފަހު، ގަވައިދަށް ކޮމިޓީން ގެނައި އިސްލާހާ މެދު ހިޔާލު ހޯދަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް އެވެ.

މަޖިލިހުން ފޮނުވި ސިޓީގެ ޖަވާބުގައި ސުޕްރީމް ކޯޓުން ބުނީ ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުން ފާސް ކުރާ ގަރާރެއްގެ ދަށުން ސުޕްރީމް ކޯޓުގައި އިސްތިޝާރީ ލަފަޔަކަށް އެދެވިދާނެ ކަމަށެވެ. މީގެކުރިން، އެ ކަމުގެ ލަފައެއް ހޯދަން ސުޕްރީމް ކޯޓަށް ހުށަހެޅީ ގާރަރަކުން ނޫނެވެ.

ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައި ވަނީ ގާނޫނުގައި ކަން އޮތް ގޮތަކާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި މަޖިލީހުން ފާސް ކުރާ ގަރާތަކުން އެ ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. އެގޮތުން ގާނޫނުއަސާސީ މާނަ ކުރުމުގެ މައްސަލަތަކާއި ވަކި ގާނޫނެއްގެ ސައްހަ ކަމާމެދު އުފެދޭ ސުވާލުތަކުގެ މައްސަލަތައް ވެސް ހުށަހެޅިދާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

ނަމަވެސް، އެ މައްސަލަ އަށް މިއަދު ބަހުސް ކުރެއްވި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ގޮތެއް ނިންމުމަކީ ގާނޫނުއަސާސީން މަޖިލިހަށް ދީފައި އޮންނަ ބާރެއް ކަމަށެވެ. އެހެންވެ، އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ނުޖެހޭނެ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އިމްޕީޗްމަންޓާ ބެހޭ ގޮތުން ކުރި ހުކުމްގައި ބުނީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން، އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކަކަށް ބިނާވެފައިވާ އިމްޕީޗްމެންޓަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެގޮތަށް މަޖިލީހުން ފާސް ކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ހުކުމުގައި ކަނޑައަޅާފައިވެ އެވެ.

މަޖިލިހުގެ ގަވައިދަށް ބަދަލު ގެންނަން ހުށަހެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.

މަޖިލިހުގެ އާންމު ކޮމިޓީން ގަވައިދަށް ގެނައި އިސްލާހުގައި ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މީހުން ވަކި ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކާއި އެ ބޭފުޅުންނަށް ލިބިދޭން ޖެހޭ ހައްގުތަކާއި ޖަވާބުދާރީވުމުގައި އަމަލު ކުރަން ޖެހޭ ގޮތްތައް ވަރަށް ތަފްސީލްކޮށް ހިމަނާފައިވެ އެވެ.