Roadha Mihaaru

ގަވައިދު އެކުލަވާލީ ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަކަށް ނޫން: އަސްލަމް

ރައްޔިތުން މަޖިލިހަށް މެމްބަރުން ހުށަހަޅުއްވާ އިތުބާރު ނެތް ކަމުގެ މައްސަލަތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ އުސޫލުތައް މަޖިލިހުގެ އާންމު ކޮމިޓީން ފާސް ކުރީ ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް ނޫން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ގަވައިދު އެކުލަވާލީ ހުކުމާ އެއްގޮތަކަށް ނޫން: އަސްލަމް
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

18 މާޗް 2019

ރައްޔިތުން މަޖިލިހަށް މެމްބަރުން ހުށަހަޅުއްވާ އިތުބާރު ނެތް ކަމުގެ މައްސަލަތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ އުސޫލުތައް މަޖިލިހުގެ އާންމު ކޮމިޓީން ފާސް ކުރީ ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް ނޫން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި އާންމު ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން އަސްލަމް ވިދާޅުވީ މަޖިލިހުގެ ގަވައިދަށް ގެންނަން އުޅޭ އިސްލާހަށް ތާއީދު ކުރެވެން ނެތް ކަމަށެވެ. ސަބަބެއްގެ ގޮތުގައި އަސްލަމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމްގައި ހިމެނޭ ކަންކަން ގަވައިދަށް އިތުރުކޮށްފައި ނެތީމަ އެވެ.

"ހުކުމްގައިވާ ގޮތުން ވަރަށް ސާފުކޮށް އެނގޭ އަޅުގަނޑު ކިޔާލީމަ، އިމްޕީޗްމަންޓަކަށޭ ވާން ޖެހޭނީ. ގަވައިދުގައި ބަޔާން ވާން ޖެހޭނެ ކޮން ކަހަލަ ހާލަތެއްގައި ކަން ވަކި ކުރެވޭނީ،" މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ފުރިހަމަ ގޮތަކަށް ވާނީ މަޖިލިހުގެ ގަވައިދަށް ބަދަލު ގެނައުމުގެ ބަދަލުގައި ސުޕްރީމް ކޯޓުގެ ހުކުމާ ގުޅޭ ބައިތައް ގާނޫނެއްގެ ތެރެއިން ގެނައުމެވެ. އޭގެ ކުރިން، ސުޕްރީމް ކޯޓުގެ ހުކުމެއް މުރާޖައާކޮށްދޭން އިލްތިމާސް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ފުރިހަމަ އަށް ގަބޫލު ކުރަން ގާނޫނުއަސާސީގެ ބެލެނިވެރިއެއް ނޫން ސުޕްރީމް ކޯޓަކީ... ސުޕްރީމް ކޯޓުގެ ހުކުމެއް މުރާޖައާ ނުވެ، ހުކުމެއްގެ ގޮތުގައި ހުކުމް ދެމި އޮންނަހާ ހިނދަކު ހުކުމަށް އިހްތިރާމް ކުރަން ޖެހޭނެ،" އާންމު ކޮމިޓީގެ ނިންމުމާ ދެކޮޅު ހައްދަވައި އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވަނީ އިމްޕީޗްމަންޓާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމްގައިވާ ހުރިހާ ކަންކަމަކީ އޭނާ އަށް ގަބޫލު ކުރެވޭ ކަންކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، ހުކުމެއް ވަކި ގޮތެއްގައި ދެމިއޮންނަ ނަމަ، ހުކުމެއް ގަބޫލު ކުރަން ޖެހޭނެ ކަމަށް ތަކުރާރުކޮށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމްގެ ވާހަކަތަކާ ގުޅިގެން މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ އަސްލަމްގެ ވާހަކަތަކާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން މީގެ ދެ އަހަރު ކުރިން، 2017 ގައި އިމްޕީޗްމަންޓާ ބެހޭ ގޮތުން ކުރި ހުކުމްގައި ހުރި ބައިތައް މަޖިލިހުގެ ގަވައިދަށް އިތުރު ކުރަން މިދިޔަ އަހަރު ވެސް މަޖިލިހުގައި މަސައްކަތް ކުރި އެވެ. އޭރު ގަވައިދަށް އިމްޕީޗްމަންޓާ ގުޅޭ މާއްދާތައް އިތުރު ނުކުރާތީ، ކުރީގެ ސަރުކާރުގެ ބައެއް ވަޒީރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނުނަގައި މަޑުޖައްސާލާފައިވެ އެވެ.

އެކަމަކު، އަލުން އެ ބަދަލު ގެނައުމުގެ މަސައްކަތް ފެށީ އިދިކޮޅު ފަރާތްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވަނިކޮށެވެ. މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ކުރިން ވިދާޅުވި ގޮތުގައި އެ މައްސަލަ މަޖިލިހުގައި ކުރިއަށް ގެންދެވެން އޮތީ މަޖިލިހުގެ ގަވައިދަށް ބަދަލު ގެނެސްގެންނެވެ.

ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސް ކުރި އިސްލާހުގައި ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މީހުން ވަކި ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކާއި އެ ފަރާތްތަކަށް ލިބިދޭން ޖެހޭ ހައްގުތަކާއި ޖަވާބުދާރީވުމުގައި އަމަލު ކުރަން ޖެހޭ ގޮތްތައް ހިމެނި އެވެ. އެކަމަކު، ސުޕްރީމް ކޯޓުގެ ހުކުމްގައި ހިމެނޭ މުހިންމު ބައެއް ބައިތައް ގަވައިދަކަށް އިތުރެއް ނުކުރެ އެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ ވޯޓަކަށް ވާންޖެހޭނެ ކަމަށާއި އަދި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ އެ ކޯޓުން ކަމަށެވެ.

ހުކުމުގައި ނިންމާފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭނެ ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކަކަށް ބިނާވެފައިވާ އިމްޕީޗްމެންޓަކަށް ވާންޖެހޭނެ ކަމަށެވެ. އެ ހުކުމުގައި ކަނޑައެޅި އެ އުސޫލުތަކަށް މަޖިލީހުން ތަަބާވާން ޖެހޭނެ ކަމަށް ހުކުމުގައި ވެ އެވެ. އެކަމަކު، މިއިން އެއްވެސް ބައެއް ކޮމިޓީން ފާސް ކުރިއިރު، އިތުރުކޮށްފައެއް ނުވެ އެވެ.