04 އޮކްޓޯބަރ 2016
ސަރުކާރުން ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމަކީ ލިބުނު ކުއްލި ސިހުމެއް ކަމަށާއި ކާޑުގެ ބާވަތްތައް އަތްފޯރާ ފަށަށް ގެންނަން ހުއްޓާނުލައްވާ މަސައްކަތް ކުރައްވާނެ ކަމަށް މާފަންނު މެދު ދާއިރާގެ ޕީޕީއެމް މެމްބަރު އަސްމާ ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމަކީ ލިބުނު ކުއްލި ސިހުމެއް ކަމަށާއި ކާޑުގެ ބާވަތްތައް އަތްފޯރާ ފަށަށް ގެންނަން ހުއްޓާނުލައްވާ މަސައްކަތް ކުރައްވާނެ ކަމަށް މާފަންނު މެދު ދާއިރާގެ ޕީޕީއެމް މެމްބަރު އަސްމާ ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކާޑު ސަބްސިޑީ ހަމައެކަނި ފަގީރުންނަށް އެކަނި ހާއްސަކޮށް، ކާޑުގެ އަގު 100 ޕަސެންޓް ބޮޑުކުރި މައްސަލާގައި އެންމެ ބޮޑަށް އެކަމާ ދެކޮޅު ހައްދަވާ އެއް މެމްބަރަކީ، ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ އަސްމާ އެވެ.
"މިހާރު"އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި ކާޑުގެ ބާވަތްތައް އަގުބޮޑު ކުރުމުން ދާއިރާގެ ހުރިހާ އެންމެން ވެސް ޝަކުވާ ކުރެ އެވެ.
ނަމަވެސް ސަރުކާރުން ކާޑުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެންނާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި އެސްޓީއޯ މެދުވެރިކޮށް އެ މަސައްކަތް ކުރަމުން އަންނާތީ އެއީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު: ކާޑުގެ އަގުބޮޑުވުމާ ގުޅިގެން އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާ އެއް މެމްބަރަކީ އަސްމާ - ފޮޓޯ: މަޖިލިސް
އަސްމާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަބްސިޑީ އަށް އެދި ފަގީރުން ފޯމް ހުށަހަޅަން މުއްދަތެއް ދިނުމެއް ނެތި ކުއްލިއަކަށް ސަބްސިޑީ ކަނޑާލުމެވެ. އަދި ކާޑުގެ ހުރިހާ ބާވަތްތަކުން އެއްފަހަރާ ސަބްސިޑީ ކަނޑާލުމުން ވެސް އޭނާ ހިތްހަމަޖެހިވަޑައެއް ނުގަންނަވަ އެވެ.
"މިއީ ދިވެހިންނަށް ލިބުނު ޝޮކެއް، މިކަމުގެ ސަބަބުން ރައްޔިތުން ދަތި ހާލުގައި އުޅެން ޖެހޭނީ، އެމީހުން މާޔޫސްވާން ޖެހުނީ ކުއްލިއަކަށް މި ބަދަލު އައިމަ،" އަސްމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަބްސިޑީ ފޯމް ހުށަހަޅަން ވަގުތު ދިނުން ނުވަތަ އެސްޓީއޯއިން އަގަށް ބަދަލެއް ގެނެވޭނެ ގޮތެއް ހޯދާފައި އެކަން ކުރި ނަމަ، އެކަމުގެ ޝަކުވާ ނުކުރީހެވެ. ނަމަވެސް ސަރުކާރުން ކާޑުގެ ބާވަތްތައް އަގުހެޔޮ ކުރަން މަސައްކަތް ކުރުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހުރިހާ ދުވަހެއް ވީއިރު ކީއްވެގެންތޯ އަގުހެޔޮ ވާނެ ގޮތެއް އެސްޓީއޯ އިން ނުހެދީ؟" އަސްމާ ވިދާޅުވި އެވެ.
ދާއިރާގައި ދިރިއުޅޭ މީހުންގެ ހާލަތު ގަވާއިދުން ބައްލަވަމުން ގެންދަވާ އަސްމާ ވިދާޅުވީ އަގަށް އައި ބަދަލުގެ ސަބަބުން ބައެއް ގެތަކުން ކާޑުގެ ބައެއް ބާވަތްތައް ގަތުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އެހީ ހޯދަން އުޅޭ މީހުން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"އަޅުގަނޑު އިއްޔެ ހަވީރު ދިޔައިން ގެއަކަށް ސައިބޯން. ދިޔައިރު، ހުރީ ސަޔަށް ހަކުރު ވެސް ނާޅާ. އެމީހުންނަށް ދެން ބޮވޭނީ އެގޮތަށް ނޫންތޯ؟ އަޅުގަނޑުމެން މަސައްކަތް ކުރަނީ ކާޑުގެ ބާވަތްތައް އަގުހެޔޮ ކުރެވޭނެ ގޮތަކަށް އެކަން ހައްލުކުރަން،" އަސްމާ ވިދާޅުވި އެވެ.
"ރަށްތަކުގައި ދިރިއުޅޭ މީހުންނަށް މިކަމުގެ ސަބަބުން ވަރަށް ދަތި ހާލުގައި އުޅެން ޖެހޭނީ. ބައެއް ދުވަސްވަރު މަސް ނުބޭނޭ ހާލަތުގައި ލާރިއެއް ނުލިބިގެން ކުޑަ ބޮއްކުރައެއްގައި ގޮސް މަހެއް ބާނައިގެން ކާން ބަލާއިރު ހަނޑޫ އަގު ބޮޑުވީމަ ބޮޑު އުނދަގުލަކާ އެމީހުން ކުރިމަތިލާން ޖެހޭނެ."
އަސްމާ ވިދާޅުވި ގޮތުގައި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމުގެ ބަދަލުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ނަގަމުން އަންނަ އިންކަމް ޓެކްސް ރާއްޖޭގައި އުޅޭ ބޮޑެތި މަހުޖަނުންގެ އަތުން ނެގިދާނެ އެވެ.
ކާޑުގެ އަގު ބޮޑުކުރި މައްސަލާގައި ރައީސް ޔާމީނާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށާއި އެކަމުގައި ރައީސް ގޮތެއް ހޯއްދަވައިދެއްވާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ ކާޑުގެ އަގު ބަދަލުކޮށްދެއްވާނެ ކަމުގެ. މެމްބަރުން އެބަ މަސައްކަތް ކުރަން، އަޅުގަނޑު އެކަނި ވެސް ހުއްޓާ ނުލާ މަސައްކަތް މި ކުރަނީ،" އަސްމާ ވިދާޅުވި އެވެ.
ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހަނޑޫ، ހަކުރު އަދި ފުށް ރާއްޖެ ގެނެސް ވިއްކުމުގައި ވީހާ ވެސް އަގުހެޔޮ ކުރެވޭނެ ގޮތްތަކެއް ހޯދަން ސަރުކާރާ އެކު މަޝްވަރާކުރަން ފަށާފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ. ކާޑުގެ ބާވަތްތައް އަގުހެޔޮ ކުރުމުގެ މަސައްކަތް މި ފެށީ ޕީޕީއެމް މެމްބަރުން ހިމެނޭ ގޮތަށް އެކި ސިޔާސީ ޕާޓީތަކާއި ކައުންސިލްތަކުން އެކަމާ ދެކޮޅު ހަދަނިކޮށެވެ.
މާލޭގައި ކުރިން 3.98ރ. އަށް ލިބުނު ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96ރ. އަށެވެ. ކުރިން ހަތަރު ރުފިޔާ އަށް ވިއްކި ހަކުރު ކިލޯގެ އަގު ދެ ގުނަވެ އަށް ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއްގެ އަގު ވަނީ 2.96ރ. އިން 5.96ރ. އަށް ބޮޑުވެފަ އެވެ. މި އަގުތަކަށް ވުރެ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވާނެ އެވެ.
ކާޑުގެ ސަބްސިޑީ ކަނޑާލަން ޖެހުނީ، ސަރުކާރުން ބުނެފައިވާ ގޮތުގައި، ރާއްޖެ އަށް ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދަން އުނދަގޫވެފައި ވާތީ އެވެ. ފަގީރުންގެ ގޮތުގައި ބަލާ މީހުންނަށް ދޭ ސަބްސިޑީގެ އިތުރުން އެސްޓީއޯ އަށް އަދިވެސް 15 ޕަސެންޓްގެ ސަބްސިޑީއެއް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް މިދިއަ ހުކުރު ދުވަހު ސަރުކާރުން ބުނެފައިވެ އެވެ.
ވިޔަފާރިކުރާ ތަނަކަށް މަޖިލިސް ވެގެން ނުވާނެ: ވައްޑެ
ކާޑުގެ މައްސަލާގައި ދެ މިނިސްޓަރަކު ކޮމެޓީ އަށް
ކާޑު އަގު ބޮޑުކުރި މައްސަލާގައި ކުއްލި މައްސަލައެއް
"އެއް އަގެއްގައި ކާޑު ވިއްކަން ފަސޭހައެއް ނުވާނެ"
"އިގްތިސާދީ ހެޔޮ ބަދަލުތަކުން މުސާރަތައް ބޮޑުވާނެ"
ކާޑުގެ އަގު ހެޔޮ ކުރާކަށް މެމްބަރުން ނޫޅޭ: ސައުދުﷲ
ކާޑު ސަބްސިޑީ ކުރިން ވެސް އޮތް ގޮތަށް ބާއްވަން އެދެފި
"އިގްތިސާދު އަނދަވަޅަކަށް ވައްޓާލަން ބޭނުމެއް ނޫން"
"ކާޑު އަގުހެޔޮކުރޭ، ރައީސް ވަނީ ހައްދުފަހަނައަޅާފައި"
ކާޑުގެ އަގު ބޮޑުކުރި މައްސަލަ މަޖިލީހުން ބަލަނީ