06 އޮކްޓޯބަރ 2016
ކާޑުގެ ބާވަތްތަކަށް ދެމުން އައި ސަބްސިޑީ ހަމަ ކުރިއެކޭ ވެސް އެއްގޮތަށް ބާއްވަން ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.
ކާޑުގެ ބާވަތްތަކަށް ދެމުން އައި ސަބްސިޑީ ހަމަ ކުރިއެކޭ ވެސް އެއްގޮތަށް ބާއްވަން ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.
ކާޑަށް ކުރިން ސަބްސިޑީ ދެމުން އައި ގޮތް އުވާލުމުން އޭގެ އަގު ކުއްލިއަކަށް 100 ޕަސެންޓަށް ބޮޑުވި މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ ސަބްސިޑީ ދިނުން ހުއްޓާލުމުން ތަކެތީގެ އަގު އަތް ނުފޯރާ ފަށަށް ގޮސް، ދިވެހިން ދަތި ހާލުގައި އުޅެމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ވިދާޅުވީ ސަރުކާރުން ކޮންމެ ފިޔަވަޅެއް ވެސް އަޅަނީ އިގްތިސާދަށް ހީނަރުކަން ނާންނަ ގޮތަށް ކަމަށެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި ހުރި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެންނަވާނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާއެއްގައި އަބްދުލްގަފޫރު މޫސާ ވާހަކަ ދައްކަވަނީ: ސަބްސިޑީ ކަނޑާލަން ބޭރުގެ އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށް ވިދާޅުވި
ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ މިދިޔަ އަހަރު ދައުލަތުގެ ބަޖެޓު ފާސްކުރިއިރު، ކާޑުގެ ގޮތުގައި 180 މިލިއަން ރުފިޔާ ދޭން ނިންމި ކަމަށެވެ. މަޖިލީހުން އެގޮތަށް ނިންމާފައި އޮއްވާ ސަބްސިޑީ ކަނޑާނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރަކީ ރައްޔިތުންނަށް އަނިޔާކޮށް ބިކަކުރުމަށް އަރާ އޮތް ސަރުކާރެއް،" އޭނާ ވިދާޅުވި އެވެ.
ގަފޫރު ވިދާޅުވި ގޮތުގައި ސަބްސިޑީ ކަނޑާލަން ބޭރުގެ އެއްވެސް ފަރާތަކުން އަންގާފައެއް ނުވެ އެވެ. އެހެންވެ ކާޑުގެ ބާވަތްތަކުން ދެމުން އައި ސަބްސިޑީ ހުރިހާ އެންމެންނަށް ދޭން ޖެހޭނެ ކަމަށާއި އެކަން ނުކުރެވޭ ނަމަ، ސަރުކާރުގެ އިސް ވެރިން ތިއްބެވީ ރައްޔިތުންނަށް ޣައްދާރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ އެތައް ޒަމާނެއް ވަންދެން ދެމުން އައި ސަބްސިޑީ ކަނޑާލިއިރު، ފަގީރުންނަކީ ކޮބައިކަން ނޭނގޭ ކަމަށެވެ. އެއްވެސް ރޭވުމެއް ނެތި އަދި މަޖިލީހުގައި މަޝްވަރާނުކޮށް ނިންމި ނިންމުން އޭނާ ސިފަކުރެއްވީ ސަލާން ޖަހަން ހުޅުވާލި ފުރުސަތެއްގެ ގޮތުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވައްޑޭ ވާހަކަ ދައްކަވަނީ. ވައްޑެއަކީ ކާޑުގެ ބާވަތްތައް އަގުބޮޑުކުރި މައްސަލައިގައި އެންމެ ބޮޑަށް ދެކޮޅުހައްދަވާ ޕީޕީއެމްގެ އެއް މެމްބަރު -- ފޮޓޯ: މަޖިލިސް
"ބިދޭސީންނަށް ކާޑުގެ ބާވަތްތަކުގެ އަގު ބޮޑު ކުރިޔަސް، ދިވެހިންނަށް ކާޑުގެ ބާވަތްތައް ގަންނަން ލިބެން ޖެހޭނީ ހެޔޮ އަގެއްގައި،" ވައްޑެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ތާއީދުކުރުމަކީ މަޖިލިސް މެމްބަރުންގެ ދައުރު އަދާ ކުރުމެއް ނޫނެވެ. އަދި ސަރުކާރުން ކުރާ ކަމަކާ ދެކޮޅު ހެދުމަކީ ސަރުކާރާ ދެކޮޅުވުން ނޫން ކަމަށް ވެސް ކާޑުގެ މައްސަލާގައި ޕީޕީއެމް ތެރެއިން އެންމެ ބޮޑަށް ފާޑު ވިދާޅުވާ ވައްޑެ ވިދާޅުވި އެވެ.
ތޮއްޑޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު އިބްރާހިމް ހަސަން ވިދާޅުވީ މަޝްވަރާ ކުރުމެއް ނެތި ކާޑުގެ އަގު ބޮޑުކުރުމާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ބިދޭސީން ކާޑުގެ ބާވަތްތައް ބޭނުން ކުރުމަކީ އޭގެ އަދަބު ދިވެހިންނަށް ލިބެން ޖެހޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކިތަންމެ ގިނަ ހަނޑުލެއް، ކިތަންމެ ގިނަ ފުށެއް ބޭނުން ކުރިޔަސް، ދިވެހިންނަށް އެ އަދަބު ލިބޭކަށް ނުޖެހޭ،" އިބްރާހިމް ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާއެއްގައި އަނާރާ ވާހަކަ ދައްކަވަނީ: ދިރާސާތައް ކުރި ނަމަ، ރައްޔިތުންގެ ޝަކުވާތައް ކުޑަވީސް
ފުނަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ ސަލީމް ވިދާޅުވީ ރައްޔިތުންނަށް ލިބެމުންދިޔަ ސަބްސިޑީ ކަނޑާލި ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ދައުލަތަށް ވެސް ފައިދާވާނެ ގޮތެއް ހޯދަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުއްލިއަކަށް ސަބްސިޑީ އަށް ބަދަލެއް ގެނައިމަ ރައްޔިތުންގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުޅޭނެ، ބޮޑު ނުތަނަވަސްކަމެއް ވެސް އުޅެފާނެ،" ސަލީމް ވިދާޅުވި އެވެ.
މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ކާޑުގެ ބާވަތްތައް އަގު ބޮޑު ކުރުމާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އަދި ބައެއް ގޭތަކުގެ ކުލި ވެސް ބޮޑު ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަނާރާ ވިދާޅުވި ގޮތުގައި މިފަދަ ބޮޑެތި ބަދަލުތައް ކާޑުގެ ބާވަތްތަކަށް ގެންނަ ނަމަ، ދިރާސާ ކުރަން ޖެހޭނެ އެވެ. ދިރާސާތަކެއްކޮށްގެން ބަދަލުތައް ގެންނަ ނަމަ، އެ ޝަކުވާތަކާއި ނުތަނަވަސްކަން އިތުރުވެގެން ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަނާރާ ވަނީ މިހާރުން މިހާރަށް ސަބްސިޑީ ފަސޭހަ ގޮތެއްގައި ލިބޭނެ މަގު ފަހިކޮށްދެއްވުމަށް ގޮވާލައްވައިފަ އެވެ.
"އިގްތިސާދީ ހެޔޮ ބަދަލުތަކުން މުސާރަތައް ބޮޑުވާނެ"
ވިޔަފާރިކުރާ ތަނަކަށް މަޖިލިސް ވެގެން ނުވާނެ: ވައްޑެ
ކާޑުގެ މައްސަލާގައި ދެ މިނިސްޓަރަކު ކޮމެޓީ އަށް
"އިގްތިސާދު އަނދަވަޅަކަށް ވައްޓާލަން ބޭނުމެއް ނޫން"
"ކާޑު އަގުހެޔޮކުރޭ، ރައީސް ވަނީ ހައްދުފަހަނައަޅާފައި"
ކާޑު އަގު ބޮޑުކުރި މައްސަލާގައި ކުއްލި މައްސަލައެއް
ކާޑުގެ އަގު ބޮޑުކުރި މައްސަލަ މަޖިލީހުން ބަލަނީ
ކާޑު މައްސަލާގައި ކެނޑިނޭޅި މަސައްކަތް ކުރާނަން:އަސްމާ
"އެއް އަގެއްގައި ކާޑު ވިއްކަން ފަސޭހައެއް ނުވާނެ"
"މިއީ ސިޔާސީ ނިންމުމެއް ނޫން، އިގުތިސާދީ ނިންމުމެއް"