Roadha Mihaaru
ކާޑާއި ތެލުގެ އަގު ހެޔޮކޮށްފި

ކާޑާއި ތެލުގެ އަގު ހެޔޮކޮށްފި

20 އެޕްރީލް 2017

އެސްޓީއޯއިން ވިއްކާ ކާޑާއި ޕެޓްރޯލް އަދި ޑީސަލްގެ އަގު އަންނަ އާދީއްތަ ދުވަހުން ފެށިގެން ހެޔޮކުރަން ނިންމައިފި އެވެ.

އެސްޓީއޯއިން ވިއްކާ ކާޑާއި ޕެޓްރޯލް އަދި ޑީސަލްގެ އަގު އަންނަ އާދީއްތަ ދުވަހުން ފެށިގެން ހެޔޮކުރަން ނިންމައިފި އެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ކާޑާއި ތެލުގެ ބާވަތްތައް އެތެރެކުރާ ކުންފުނިން ހަނޑޫ، ހަކުރު އަދި ފުށް ހެޔޮކުރަން ނިންމިކަން އިއުލާންކުރައްވަމުން މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިއަދު ނޫސްވެރިންނަށް ވިދާޅުވީ، އެ ބަދަލުތައް ގެނައީ އެތަކެތި އެތެރެކުރުމަށް ކުރާ ހަރަދުތަކާއި ސަރުކާރުން ދައްކަން ޖެހޭ ފައިސާ މިހާރަށް ވުރެ ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުމުން ކަމަށެވެ.

އެސްޓީއޯ އިން ނިންމާފައި ވަނީ ހަނޑޫ، ހަކުރު ބަސްތާއަކުން 60 ރ. ކުޑަކުރުމަށެވެ. އެއީ މިހާރުގެ އަގަށް ވުރެ 15 ޕަސެންޓް ހެޔޮވުމެކެވެ. އޭގެ އިތުރުން ފުށް ބަސްތާއަކުން 35ރ. ހެޔޮކުރަން ވެސް ނިންމާފައިވެ އެވެ. އެއީ ގާތްގަނޑަކަށް 12 ޕަސެންޓެވެ.

އޭގެ އިތުރުން ޕެޓްރޯލް ލީޓަރަކުން 20 ލާރި އަދި ޑީސަލް ލީޓަރަކުން 10 ލާރި ހެޔޮކުރަން ވެސް އެ އެސްޓީއޯ އިން ނިންމި އެވެ.

ކާޑަށް ދެމުންގެންދިޔަ ސަބްސިޑީ ކަނޑާލުމަށް ފަހު، ހަނޑޫ ކިލޯއެއް މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވިއްކަނީ 7.96ރ. އަށެވެ. އޭގެ ކުރިން ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އެ ދުވަހުން ފެށިގެން ބޮޑުކޮށްފަ އެވެ. ފުށް ކިލޯއެއް އޭގެ ކުރިން ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.

އެސްޓީއޯ އިން އަންނަ އާދީއްތަ ދުވަހުން ފެށިގެން ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރި ނަމަވެސް ކޮންޓްރޯލް އަގަށް ގެނައި ބަދަލެއް އިކޮނޮމިކް މިނިސްޓްރީން އަދި އިއުލާނެއް ނުކުރެ އެވެ.

ކާޑާއި ތެލުގެ އަގަށް ގެނައި ބަދަލުތައް އިއުލާންކުރުމަށް މިއަދު މެންދުރުފަހު އެސްޓީއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މެނޭޖިން ޑިރެކްޓަރު ޝަހީރު ވިދާޅުވީ، ކާޑުގެ ބާވަތްތަކުގެ އަގު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ބޮޑުކުރުމަށް ނިންމުމަށް ފަހު އެ އަގުތައް ހެޔޮކުރެވޭ ގޮތްތަކެއް ހޯދުމަށް ދިރާސާކުރި ކަމަށެވެ.

"އެގޮތުން ލޮޖިސްޓިކްސް ޕޭމަންޓް ޓާމްސް އާއި ސޯސްކުރުން ފަދަ ތިންކަންތައް އަޅުގަނޑުމެން ބެލިން. އަޅުގަނޑުމެންނަށް ކާޑުގެ އަގު ކުޑަކުރެވޭނީ. އެގޮތުން މިހާރަށް ވުރެ އަގުހެޔޮކޮށް ސޯސްކުރުމާއި ލޮޖިސްޓިކްސް ހަރަދު ކުޑަކުރުމާއި އަދި މިހާރު އެއްބަސްވެފައިވާ ޕޭމަންޓް ޓާމްސް މިއަށް ވުރެ ރަނގަޅު ގޮތަކަށް ހަމަޖެއްސޭތޯ އަޅުގަނޑުމެން ބެލިން،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯއިން ކާޑާއި ތެލުގެ އަގަށް ގެނައި ބަދަލާ ބެހޭ ގޮތުން މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އަދި ސީއެފްއޯ މިހާދު މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އެސްޓީއޯއިން ކާޑާއި ތެލުގެ އަގަށް ގެނައި ބަދަލާ ބެހޭ ގޮތުން މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އަދި ސީއެފްއޯ މިހާދު މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އެސްޓީއޯ އަށް ދޭންވާ އެކި ޕޭމަންޓްތައް މިހާރަށް ވުރެ ރަނގަޅަށް އަދި ހާއްސަ ގޮތަކަށް ލިބޭނެކަމުގެ ޔަގީންކަން މިހާރު ވަނީ ދީފަ އެވެ.

"އެ ތިން ކަންތަކަށް ބޭސްކޮށްފައި އަޅުގަނޑުމެން މިއަދު މިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން، އެސްޓީއޯއިން މިހާރު ވިއްކާ ކާޑުގެ ތިން ބާވަތާއި އަދި ހަމަ ތެލުގެ އަގުތައް ކޮންމެ ވެސް ވަރަކަށް ކުޑަކުރަން ނިންމާފައި،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރުމާ ގުޅިގެން ދިވެހިންނެކޭ އެއްގޮތަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ވެސް އެއް އަގެއްގައި ގަންނަން ލިބޭނެ ކަމަށެވެ. އަދި އަތޮޅުތަކަށް ކާޑު ގެންގޮސް ވިއްކާ ފަރާތްތަކަށް އާއްމު ކްރެޑިޓް އުސޫލާ ހިލާފަށް ވަރަށް ލުއި ގޮތަކަށް ލިބޭނެ އިންތިޒާމް އެ ކުންފުނިން ހަމަޖައްސާފައިވާނެ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނިން ތެލުގެ އަގު ހެޔޮކުރިއިރު ބައިނަލްއަގުވާމީ ބާޒާރުގައި ދަނީ ކޮންމެ ވެސް ވަރަކަށް އުފުލެމުން ކަމަށެވެ. އަދި އެ އަގުތަކުގައި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހިފެހެއްޓޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން އެ ކުންފުނިން ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރިއިރު ބައިނަލްއަގުވާމީ ބާޒާރުގައި ހުރީ އެއްވަރެއްގައި ހިފެހެެއްޓިފައި ކަމަށެވެ. އަދި އެ އަގުތަކަށް ބަދަލު ގެނައީ ބައިނަލްއަގުވާމީ ބާޒާރުގައި އަންނަ ބަދަލުތަކަށް ވެސް ބަލާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.