Roadha Mihaaru
އޭޕްރީލް މަހުން ފެށިގެން ކާޑުގެ އަގު އެއް އަގަކަށް

އޭޕްރީލް މަހުން ފެށިގެން ކާޑުގެ އަގު އެއް އަގަކަށް ގެންނަނީ

07 ފެބުރުއަރީ 2019

އޭޕްރީލް މަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މާލެއާ އެއް އަގަކަށް ކާޑުގެ އަގު ހެޔޮކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އޭޕްރީލް މަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މާލެއާ އެއް އަގަކަށް ކާޑުގެ އަގު ހެޔޮކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކުގައި ހަމަހަމަ އުސޫލެއް ގާއިމުކުރުމަށްޓަކައި މާލެއެކޭ އެއް އަގެއްގައި ކާޑުގެ ބާވަތްތައް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.

މިބަދަލު ގެންނަން ސަރުކާރުން ނިންމާފައިވާ އިރު މިހާރު ކާޑުގެ ބާވަތްތަކުގެ އަގުތައް މާލެ އާއި ރަށްރަށުގައި ލިބޭ އަގުގައި ބޮޑު ފަރަގެއް އުޅެ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މާލެއިން އެތަކެތި ރަށްރަށަށް ގެންދިއުމަށް ދާ ހަރަދެވެ.

މިހާރު މާލެ އިން ހަކުރު ކިލޯއެއް ވިއްކަނީ 4ރ. އަށެވެ. ހަނޑޫ ކިލޯއެއް 3.98ރ. އަށް ވިއްކާ އިރު ފުށް ކިލޯއެއް ވިއްކަނީ 2.98ރ. އަށެވެ.

ރައީސް ވިދާޅުވީ، ތަރައްގީއާ ގުޅޭ އެކި މަޝްރޫއުތަކަށް ފައިސާ ހޯދައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށްޓަކައި އާ ކުންފުންޏެއް އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ. "ގަވަންމެންޓް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން"ގެ ނަމުގައި މި އަހަރުގެ ތެރޭގައި ކުންފުންޏެއް ގާއިމް ކުރާނެ ކަމަށާއި މި ނިޒާމުގެ ތެރެއިން އެކިއެކި ސަބަބުތަކާ ހުރެ ނުހެދި ހުރި ރަށްތަކަށް ތަރައްގީ ކުރާނެ ފައިސާ ވެސް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކުގައި ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލު ގާއިމު ކުރުމަކީ މި ސަރުކާރުން އެންމެ އިސް އެއް ސިޔާސަތު،" އޭނާ ވިދާޅުވި އެވެ.