Roadha Mihaaru

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހުގެ 5 ގައި ރިލީޒްކުރަން ނިންމި އެޑްވެންޗަ ފިލްމު "ޖަންގްލީ" މި މަހުގެ 29 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

12 މާޗް 2019

އަންނަ މަހުގެ 5 ގައި ރިލީޒްކުރަން ނިންމި އެޑްވެންޗަ ފިލްމު "ޖަންގްލީ" މި މަހުގެ 29 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

ކުރިން ރިލީޒްކުރަން އޮތް ތާރީހަށް ވުރެ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ކުރިއަށް ފިލްމު ޖެއްސި އިރު، މި މަހުގެ 29 ގައި ރިލީޒް ނިންމާފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި އައު ދެ ތަރިއަކު ބޮލީވުޑަށް ތައާރަފު ކުރަން ސަލްމާން ހާން ގެނެސްދޭ "ނޯޓްބުކް" ހިމެނެ އެވެ.

ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޗަކް ރަސަލްގެ ޑައިރެކްޝަނެއް ކަމަށްވާ "ޖަންގްލީ" އަކީ އެތަކާއި ޒުވާނަކާ ދެމެދު އޮންނަ ގުޅުމަށް ބިނާކޮށް ހަދާފައިވާ އާއިލީ އެޑްވެންޗާއެކެވެ. މި ފިލްމުގެ ބަތަލަކީ ބޮލީވުޑްގައި އެކްޝަން ހީރޯއެއްގެ ދަރަޖަ ހޯދާފައިވާ އެކަމަކު އަދި އެހާ މަޝްހޫރު ނޫން ތަރިއެއް ކަމަށްވާ ވިދުޔަތު ޖަމްވަލް އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަތުކް ކުލްކަރްނީ، މަކްރަންދު ދޭޝްޕާންޑޭ، އަކްޝޭ އޮބެރޯއީ، ޕޫޖާ ސާވަންތު އަދި އާޝާ ބަޓް ހިމެނެ އެވެ.

"މަދާ ތެރޭސާ" ގެ ބައޮޕިކް

މަދާ ތެރޭސާގެ ނަމުން މަޝްހޫރުވި ވަރުގަދަ އަންހެން ޝަހުސިއްޔަތު މޭރީ ތެރޭސާ ބޮޖާޒިހޫގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައި، އަންނަ އަހަރު އެ ފިލްމު ބެލުންތެރިންނަށް ގެނެސް ދޭން ނިންމައިފި އެވެ.

ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

ހޮލީވުޑާއި ބޮލީވުޑް ކާސްޓެއް މަސްހުނިކޮށްގެން ގެނެސްދޭ "މަދާ ތެރޭސާ: ދަ ސެއިންޓް" ލިޔެ، ޑައިރެކްޓް ކުރަނީ ސީމާ އުޕަދޭ އެވެ. މީގެ ޕްރޮޑިއުސަރުންނަކީ ޕްރަދީޕް ޝަރްުމާ، ނިތިން މަންމޯހަން، ގިރިޝް ޖޯހަރް އަދި ޕްރަޗީ މަންމޯހަން އެވެ.

އަންނަ އަހަރު "މަދާ ތެރޭސާ" ގެނެސް ދޭން ނިންމި ނަމަވެސް ފިލްމު ރިލީޒް ކުރާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. މެސެޑޯނިއާ އަށް 1910 ގައި އުފަންވި މަދާ ތެރޭސާ މަރުވީ 1997 ގައި އިންޑިއާގަ އެވެ.

ކާތިކާއި ސާރާގެ ފިލްމު ކުރިއަށް

ކާތިކް އާރިޔަން އާއި ސާރާ އަލީ ހާން ލީޑް ރޯލް ކުޅޭ އިމްތިއާޒް އަލީގެ ފިލްމު ރަސްމީކޮށް އަދި އިއުލާން ނުކުރި ނަމަވެސް ފިލްމުގެ ޝޫޓިން ކުރިއަށްދާކަން ކަށަވަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމަކީ ސާރާގެ ބައްޕަ ސައިފް އަލީ ހާނާއި ދީޕިކާ ޕަދްކޯން އެކީގައި ކުޅުނު 2009 ގެ ފިލްމު "ލަވް އާޖް ކަލް" ގެ ދެވަނަ ބައެވެ. އަދި ފިލްމުގެ ނަމަކީ "ލަވް އާޖް ކަލް 2" ކަމަށް ވެސް މީޑިއާތަކުން ބުނެ، ފިލްމުގެ ސެޓުން ލީކްވެފައިވާ ފޮޓޯތަކެއް ވެސް ވަނީ ހިއްސާކޮށްފަ އެވެ.

މިދިޔަ ހަފުތާގައި ވަނީ ސެޓްގައި ސާރާ އާއި ކާތިކްގެ ގައިގޯޅި މަންޒަރެއްގެ ވީޑިއޯއެއް ވެސް ލީކްވެފަ އެވެ.

ސާރާ އާއި ކާތިކް ހިމަނައިގެން ފިލްމެއް ހަދާކަން އިމްތިއާޒް މީގެ ކުރިން ވަނީ ކަށަވަރު ވެސް ކޮށް ދީފަ އެވެ.

އަދި ކާތިކް ވެސް އިމްތިއާޒްގެ ފިލްމަކަށް ސޮއިކޮށްފައިވާކަން ޔަގީންކޮށް ދީފައިވާ އިރު، ސާރާގެ ދޮންމަންމަ އަދި މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް "ކޮފީ ވިތު ކަރަން" ޝޯގައި ވަނީ ސާރާ ކާތިކާއާ އެކު ފިލްމެއް ކުޅޭކަން ކަށަވަރުކޮށް ދީފަ އެވެ.

ރާޖްމޯލީގެ ފިލްމު އާލިއާ ދޫކޮށްލައިފި

"ބާހްބަލީ" ގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ މިހާރު ޝޫޓް ކުރަމުން އަންނަ އައު ފިލްމު "އާރްއާރްއާރް" ގެ ބަތަލާގެ ރޯލް އާލިއާ ބަޓަށް ހުށަހެޅުމުން، ފިލްމަށް ބޮޑު އަގެއް ކިޔާފައި، އޭނާ ފިލްމު މިހާރު ދޫކޮށްކާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އާލިއާ ކިޔާ ކޮންމެ އަގެއް ދޭން ތައްޔާރަށް ރާޖަމޯލީ ހުރި ނަމަވެސް، ބޮލީވުޑްގެ ކާމިޔާބު ބަތަލާ ފިލްމު ދޫކޮށްލީ ވަގުތު ދެވެން ނެތުމުންނެވެ. އޭނާގެ އަތުގައި މި ވަގުތު ވެސް ގިނަ ޕްރޮޖެކްޓްތަކެއް ހުރި އިރު، އާލިއާ އުޅެނީ ވަރަށް ބިޒީކޮށެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 17 ގައި ރިލީޒް ކުރާ "ކަލަންކް" އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ރާޖަމޯލީ ވަނީ ފިލްމު ޕަރިނީތީ ޗޯޕްޅާ އަށް ވެސް ހުށަހަޅައިފަ އެވެ. މި ފިލްމުގެ ބަތަލުންނަކީ އިންޑިއާގެ ސައުތުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ.