Roadha Mihaaru
ކަރަންއާ އެކު އިބްރާހީމް މަސައްކަތްކުރާތީ ސައިފް އުފަލުން

ކަރަންގެ އެސިސްޓަންޓެއްގެ ގޮތުގައި އިބްރާހީމް މަސައްކަތްކުރާތީ ސައިފް އުފަލުން

03 އޮކްޓޯބަރ 2021

ގާތް އެކުވެރިޔާ ކަރަން ޖޯހަރް މިހާރު ޑައިރެކްޓްކުރަމުން އަންނަ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެސިސްޓަންޓެއްގެ ގޮތުގައި ކަރަންއާ އެމު ދަރިފުޅު އިބްރާހީމް އަލީ ޚާން މަސައްކަތްކުރަމުން އަންނަކަން ސައިފް އަލީ ޚާން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގާތް އެކުވެރިޔާ ކަރަން ޖޯހަރް މިހާރު ޑައިރެކްޓްކުރަމުން އަންނަ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެސިސްޓަންޓެއްގެ ގޮތުގައި ކަރަންއާ އެމު ދަރިފުޅު އިބްރާހީމް އަލީ ޚާން މަސައްކަތްކުރަމުން އަންނަކަން ސައިފް އަލީ ޚާން ކަށަވަރުކޮށް ދީފި އެވެ.

ކަރަންއާ އެކު އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި އިބްރާހީމް، 20، މަސައްކަތްކުރާނެކަން ފިލްމު ރަސްމީކޮށް އިއުލާންކުރުމުގެ ކުރިން ވެސް މި އަހަރުގެ ކުރީކޮޅު މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލު ކުޅޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ޖުލައި މަހުގެ ކުރީކޮޅު ރަސްމީކޮށް އިއުލާންކޮށް، ޝޫޓން ފެށީ އެ މަހުގެ ފަހުކޮޅު އެވެ. މީގެ ކާސްޓްގައި ދަރްމެންދުރާ އާއި ޖަޔާ ބައްޗަނާއި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ސައިފް ބުނީ ބޮލީވުޑްގެ އެންމެ ހުނަރުވެރި އެއް ޑައިރެކްޓަރު ކަމަށްވާ ކަރަންއާ އެކު އިބްރާހީމް މަސައްކަތްކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެކަމާ ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށާއި ކަރަންގެ ފަރާތުން ދަރިފުޅު ފިލްމީ މަސައްކަތުގެ ގިނަ ހުނަރުތަކެއް ދަސްކުރާނެ ކަމަށް ސައިފް ބުންޏެވެ.

އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި އިބްރާހީމް ފުރަތަމަ މަސައްކަތްކުރި ނަމަވެސް އޭނާ ވެސް ރަސްމީކޮށް ބޮލީވުޑަށް ނުކުންނާނީ އާއިލާގެ އެހެން މީހުން ގޮތަށް ފިލްމީ ތަރިއެއްގެ ގޮތުގަ އެވެ. އެ އާއިލާ އިން އެންމެ ފަހުން ފިލްމު ކުޅެން ފެށީ އިބްރާހީމްގެ ދައްތަ ސާރާ އަލީ ޚާނެވެ. އިބްރާހީމްގެ ބައްޕަ އާއި މަންމަ އަމްރިތާ ސިންގް އާއި ދޮންމަންމަ ކަރީނާ ކަޕޫރާއި މާމަ ޝަރުމީލާ ޓެގޯރް އާއި ބޮޑުދައިތަ ސޯހާ އަލީ ޚާނާއި އޭނާގެ ފިރިމީހާ ކުނާލް ކޭމޫ އަކީ ވެސް ފިލްމީ ތަރިންނެވެ.

ފިލްމު ކުޅެން ފެށުމުގެ ކުރިން ބޮލީވުޑްގެ ބައެއް ޑައިރެކްޓަރުންގެ އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތްކުރުމަކީ ޒުވާން ފަންނާނުން އާންމުކޮށް ކުރާ ކަމެކެވެ. ކަރަންއާ އެކު ކުރިން އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތްކޮށް، މަޝްހޫރު ތަރިންނަށްވި އެކްޓަރުންގެ ތެރޭގައި ވަރުން ދަވަނާއި ސިދާތު މަލްއުތުރާ ފާހަގަކޮށްލެވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިބްރާހީމް ބޮލީވުޑަށް ނުކުންނާނީ ޑައިރެކްޓަރު ޒޯޔާ އަހްތަރު "އާޗީ" ކޮމިކްސް އަށް ބިނާކޮށް ހަދާ ސީރީޒަކުންނެވެ. އަދި އޭގައި ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާނާއި ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު އަންހެން ދަރިފުޚު ޖާންވީ ކަޕޫރް ވެސް ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު މިކަން އަދި ކަށަވަރެއް ނުވެ އެވެ.

އެކަމަކު ޔަގީންވާ ކަމަކީ އާއިލާގެ އެހެން މީހުންގެ ފިޔަވަޅު މަތިން އިބްރާހީމް ވެސް ފިލްމު ކުޅޭނެކަމެވެ.