ދެހާސް ސަތާރައިގައި ރިލީޒްކުރި ކާމިޔާބު ތަމަޅަ އެކްޝަން ތުރިލާ "ވިކްރަމް ވޭދާ" ސައިފް އަލީ ޚާނާއި ރިތިކް ރޯޝަނާ އެކު ގެނެސްދޭކަން އިއުލާންކޮށްފި އެވެ.
11 ޖުލައި 2021
ދެހާސް ސަތާރައިގައި ރިލީޒްކުރި ކާމިޔާބު ތަމަޅަ އެކްޝަން ތުރިލާ "ވިކްރަމް ވޭދާ" ސައިފް އަލީ ޚާނާއި ރިތިކް ރޯޝަނާ އެކު ގެނެސްދޭކަން އިއުލާންކޮށްފި އެވެ.
މި ފިލްމުގެ ވާހަކަ ދެކެވޭތާ ދެ އަހަރެއްހާ ދުވަސް ފަހުން ފިލްމު ރަސްމީކޮށް އިއުލާންކުރި އިރު، ހިންދީ ފިލްމު ކުޅެން ކުރިން އޮތީ އާމިރު ޚާނާއި ސައިފެވެ. އެކަމަކު އާމިރު މިދިޔަ އަހަރު ފުރުސަތު ދޫކޮށްލުމުން ރިތިކަށް ފިލްމު ދިނީ އެވެ.
ރިތިކާއި ސައިފާ އެކު "ވިކްރަމް ވޭދާ" ގެ ހިންދީ ފިލްމު އިއުލާންކޮށްފައި މި ވަނީ ރިތިކް ވެސް ފިލްމު ދޫކޮށްލިކަމުގެ އަޑުތަކެއް ދާދި ފަހުން އަރާފައި ވަނިކޮށެވެ.
މި ފިލްމު ވެސް ޑައިރެކްޓްކުރާނީ އޮރިޖިނަލް ފިލްމު ގެނެސްދިން ޕުޝްކަރް-ގަޔަތުރީ އެވެ. "ވިކްރަމް ވޭދާ" އަކީ އާރް މާދުވަން އާއި ވިޖޭ ސެތުޕަތީ ކުޅުނު ފިލްމެކެވެ.
މީގެ ހިންދީ ފިލްމު ސައިފާއި ރިތިކާ އެކު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ގައި ކަމަށް ފިލްމު ކްރިޓިކް ތަރަން އަދާޝް ބުންޏެވެ. އެ ތާރީހަކީ ރިތިކާއި ދީޕިކާ ޕަދްކޯންގެ "ފައިޓާ" ވެސް ތާވަލުކޮށްފައި އޮތް ދުވަހެވެ.
ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމާފައިވާ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ސެޕްޓެމްބަރު މަހުގެ 17 ގައި ގެނެސްދޭން ނިންމައިފި އެވެ.
ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށް، ޕަވަން ކިރްޕަލާނީ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ މައިގަނޑު ތަރިންނަކީ ސައިފާއި އަރުޖުން ކަޕޫރާއި ޖެކްލިން ފެނާންޑޭޒްގެ އިތުރުން ޔާމީ ގޯތަމް އެވެ. މިއީ 2018 ގައި ރިލީޒްކުރި ކާމިޔާބު ހޮރޯ-ކޮމެޑީ "އިސްތިރީ" ކަހަލަ ފިލްމެކެވެ.
"ބޫތު ޕޮލިސް" ގައި ކިޔައިދޭނީ ބިރުވެރި ކަންކަމާ އެކު ކުރިމަތިވާ މަޖާ ހާދިސާތަކެކެވެ.
ޝޫޓިން ނިންމާފައި އޮތް ސަލްމާން ޚާންގެ ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" މި އަހަރުގެ ފަހުކޮޅު ރިލީޒްކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ސަލްމާނާއި ޑައިރެކްޓަރު މަހޭޝް މަންޖްރޭކަރް މިހާރު އަންނަނީ މި އަހަރުގެ އޮކްޓޯބަރު ނޫނީ އެއަށް ވުރެ ފަހުގެ ތާރީހެއްގައި ފިލްމު ސިނަމާތަކަށް ގެނައުމާ ބެހޭ ގޮތުން މަޝްވަރާކުރަމުންނެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު "އަންތިމް" ގެ ޝޫޓިން ނިންމާލައި އޭގެ ޓީޒާއެއް ވެސް އާންމުކުރި އެވެ. އޭރު ވެސް މި އަހަރު ފިލްމު ގެނެސްދޭނެކަމުގެ އިޝާރާތެއް ދީފައިވެ އެވެ. މި ފިލްމަކީ ސަލްމާނާއި ޅިޔަނު އާޔޫޝް ޝަރުމާ އެކީގައި ފެންނާނެ ފިލްމެކެވެ.
"އަންތިމް" އަކީ 2018 ގެ މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.
މި އަހަރު ރިލީޒްކުރި ސަލްމާންގެ ފުރަތަމަ ފިލްމަކީ ފިތުރު އީދުގައި ޑިޖިޓަލްކޮށް ޕްރީމިއާކުރި "ރާދޭ" އެވެ.
ކްރިތީ ސެނަންގެ އާ ފިލްމު "މިމީ" ގެ މި މަހުގެ 30 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމައިފި އެވެ.
މީގެ ޓްރެއިލާ ނެރެން ނިންމާފައި ވަނީ އަންގާރަ ދުވަހު އެވެ.
"މިމީ" އަކީ ލަކްޝަން އުޓޭކަރް ޑައިރެކްޓްކޮށްފައިވާ ޑްރާމާ ފިލްމެކެވެ. މީގައި ކްރިތީ ކުޅެފައި ރަހިމު ވިއްކައިގެން ދަރިން ހޯދައިދޭ ސަރޮގޭޓް މަދާއެއްގެ ރޯލެވެ.
ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ "މިމީ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޕަންކަޖް ތުރިޕަތީ، ސާއީ ތަމްހާކަރް، ސުޕްރިޔާ ޕަތަކް އަދި މަނޯޖް ޕަހްވާ ހިމެނެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސަލްމާންގެ އަންތިމް އާއި އަޖޭގެ މައިދާން ޑިޖިޓަލްކޮށް؟
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
މި އަހަރު ވެބް ސީރީޒްތަކުން ފެންނާނެ ތަރިން
މަނީޝާ 26 އަހަރު ފަހުން ބަންސާލީއާ އެކު