Roadha Mihaaru
ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރު ރައީސަށް އަރުވައިފި

މައުސޫމް، ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސަށް އަރުވައިފި

06 މާޗް 2019

ރާއްޖެއިން ސިންގަޕޫރަށް ކަނޑައެޅި އާ ސަފީރު ޑރ. އަބްދުﷲ މައުސޫމް، ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ހަލީމާ ޔައުގޫބަށް އިއްޔެ އަރުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެއިން ސިންގަޕޫރަށް ކަނޑައެޅި އާ ސަފީރު ޑރ. އަބްދުﷲ މައުސޫމް، ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ހަލީމާ ޔައުގޫބަށް އިއްޔެ އަރުވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މަގާމުގެ ފަތްކޮޅު އެރުވުމަށް ފަހު ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން މައުސޫމްގެ ސަފީރުކަމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސިންގަޕޫރުގެ ރައީސް ވިދާޅުވި އެވެ.

މައުސޫމް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސަށް އެރުވުމުގެ ރަސްމިއްޔާތުގައި، ރާއްޖެ އިން އެ ގައުމަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސެޑަރު އީމާން ހުސައިން ވެސް ބައިވެރިވެވަޑައިގަތެވެ.

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ މައުސޫމާއި އޭނާގެ އަނބިކަނބަލުން ޒީނާޒު، ސިންގަޕޫރުގެ ރައީސް ހަލީމާ (މ) އާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: އެމްސީއައި ސިންގަޕޫރު

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ މައުސޫމާއި އޭނާގެ އަނބިކަނބަލުން ޒީނާޒު، ސިންގަޕޫރުގެ ރައީސް ހަލީމާ (މ) އާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: އެމްސީއައި ސިންގަޕޫރު

މައުސޫމް ވަނީ ކުރިއެކޭ އެއްފަދައިން ރާއްޖެ އާއި ސިންގަޕޫރުގެ ޒަމާންވީ ގުޅުން ދަމަހައްޓައި ކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި މައުސޫމް ސިންގަޕޫރުގެ ސަފީރަކަށް ހަމަޖައްސާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހެވެ.

ރާއްޖެ އާއި ސިންގަޕޫރުން ސިޔާސީ ގުޅުން ގާއިމްކުރީ ފެބްރުއަރީ 20، 1975 ގަ އެވެ.