Roadha Mihaaru
ސިންގަޕޫރު ސަފީރަކަށް ލުވެއިޒު، ޖެނީވާ މިޝަނަށް ސަލްމާ

ސިންގަޕޫރުގެ ސަފީރަކަށް ލުވެއިޒު، ޖެނީވާ މިޝަނަށް ސަލްމާ އައްޔަންކުރަން ރުހުން ހޯދަން ފޮނުވައިފި

13 މާޗް 2024

ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރުކަމަށް މުހައްމަދު ލުވޭޒު އަދި ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންގެ ދާއިމީ ސަފީރުކަމަށް ޑރ. ސަލްމާ ރަޝީދު އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ދެ ބޭފުޅުންގެ ނަން ފޮނުއްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރުކަމަށް މުހައްމަދު ލުވޭޒު އަދި ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންގެ ދާއިމީ ސަފީރުކަމަށް ޑރ. ސަލްމާ ރަޝީދު އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ދެ ބޭފުޅުންގެ ނަން ފޮނުއްވައިފި އެވެ.

އޭގެ ތެރެއިން ޑރ. ސަލްމާއަކީ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާ އަށް ކުރިމަތިލައްވާ ސަރުކާރުގެ ކެންޑިޑޭޓު އަސްމާ ރަޝީދުގެ އެއްބަނޑުއެއްބަފާ ކޮއްކޮ އެވެ. އަދި ޑރ. ސަލްމާއަކީ ޔޫއޭއީގެ ސަފީރުކަމަށް އައްޔަން ކުރައްވަން ރައީސް ނިންމަވާފައިވާ މުހައްމަދު ހުސައިން ޝަރީފު (މުންދު)ގެ ބޮޑުދައިތަ އެވެ.

ސިންގަޕޫރު ސަފީރު ކަމަށް އައްުޔަން ކުރަން ފޮނުވި މއ. ދިލާސާގެ މުހައްމަދު ލުވެއިޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަންސްގެ މަގާމުގެ އިތުރުން އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކައުންސިލްގެ މެމްބަރުކަން ވެސް ލުވެއިޒު ކުރެއްވި އެވެ.

ޔާމީންގެ ސަރުކާރުން އެ ދުވަސްވަރު ހިންގި އިގުތިސާދީ ބޮޑެތި މަޝްރޫއުތައް ވިލަރެސް ކުރުމުގައި ރައީސް އޮފީހުގެ ފަރާތުން އިސްކޮށް ހުންނެވީ ވެސް ލުވެއިޒެވެ.

ޔާމީން ވެރިކަމުގައި ބީއެމްއެލް ބޯޑު މެންބަރު ކަން ވެސް ކުރެއްވި ލުވޭޒް ވަނީ މި ސަރުކާރުންގެ އިންތިގާލީ މަރުހަލާގައި ބަޖެޓު އެކުލަވާލަން ރައީސް މުއިއްޒު ކަނޑައެޅުއްވި ބަޖެޓު ކޮމެޓީގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. އަދި ރައީސް މުއިއްޒުގެ ކެމްޕެއިންގެ ބައެއް ކަންކަމުގައި ވެސް އަމަލީ ގޮތުް އޭނާ އިސްކޮށް ހަރަކާތްތެރިވެވަޑައިގަތެވެ.

ލުވެއިޒާއި ސަލްމާގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ފޮނުވިކަން މަޖިލިހުގެ މިއަދުގެ ޖަލްސާގައި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާންކުރެއްވި އެވެ.