Roadha Mihaaru
ސްކޫލަށް ނުދާން އުޅޭ އެއް ސަބަބަކީ "އެންޒައިޓީ"

ސްކޫލަށް ނުދާން އުޅޭ އެއް ސަބަބަކީ "އެންޒައިޓީ"

03 މާޗް 2019

ދަރިފުޅު ސްކޫލަށް ނުދާން ބަހަނާ ދައްކާ ނަމަ އެކަމާ ސަމާލުވެ، ހަގީގަތް ހޯދަންޖެހެ އެވެ. ބައެއް ކުދިންނަކީ ސްކޫލް މާހައުލު ތެރެއިން ބުލީ ކުރާތީ ވެސް ސްކޫލަށް ދާން ބޭނުން ނުވާ ކުދިންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދަރިފުޅު ސްކޫލަށް ނުދާން ބަހަނާ ދައްކާ ނަމަ އެކަމާ ސަމާލުވެ، ހަގީގަތް ހޯދަންޖެހެ އެވެ. ބައެއް ކުދިންނަކީ ސްކޫލް މާހައުލު ތެރެއިން ބުލީ ކުރާތީ ވެސް ސްކޫލަށް ދާން ބޭނުން ނުވާ ކުދިންނެވެ.

ފަހުގެ ދިރާސާއެއްގައި ބުނާ ގޮތުން ދަރިފުޅު ސްކޫލަށް ނުދާން އުޅޭ ސަބަބަކީ އެންޒައިޓީ އަށް ވެސް ވެދާނެ އެވެ.

ޗައިލްޑް އެންޑް އެޑޯލަސެންޓް މެންޓަލް ހެލްތު ޖާނަލްގައި ޝާއިއުކޮށްފައިވާ އެކްޒެޓާ މެޑިކަލް ސްކޫލް ޔުނިވަސިޓީގެ ދިރާސާގައި ބުނީ ސްކޫލަށް ނުދާން ބައެއް ކުދިން ބޭނުންނުވާ މައިގަނޑު އެއް ސަބަބުގެ ގޮތުގައި އެންޒައިޓީ ފާހަގަ ކުރެވޭ ކަމަށެވެ. މިކަމުގެ ސަބަބުން ބިރުގަނެ ޖެހިލުންވުމާއި އެހެން ކުދިންނާ ގުޅުން ބަދަހިކުރަން ވެސް ހުރަސް އަޅަ އެވެ.

މި ދިރާސާ އަށް ވަނީ ސްކޫލަށް ދަރިވަރުން ހާޒިރު ނުވާ ސަބަބު ދެ ކެޓަރީއަކަށް ބަހާލައިފަ އެވެ. އެއް ބަޔަކީ ބަލިވުން ކަހަލަ ހާލަތެއްގައި ސްކޫލަށް ހާޒިރު ނުވުމެވެ. އަނެއް ގޮތަކީ ވަކި ސަބަބެއް އެންގުމަކާ ނުލައި ދަރިވަރުން ސްކޫލަށް ހާޒިރު ނުވުމެވެ. މި ކެޓަރަގީ އަށް ބަލާއިރު، އޭގެ ތެރެއިން ގިނަ ކުދިންނަކީ "އިމޯޝަނަލް ސްޓްރެސް" އާ ހެދި ސްކޫލަށް ހާޒިރު ނުދާ ކުދިންނެވެ. އަދި މިފަދަ މައްސަލަތަކަށް ބެލެނިވެރިންގެ މެދުގައި ހޭލުންތެރިކަން ކުޑަ ކަމަށް ދިރާސާގައި ބުންޏެވެ.

ދިރާސާގައި ބުނީ ސްކޫލަށް ނުދާން ބަހަނާ ދައްކާ ކުދިންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖެހިލުންވުމާއި ބިރުގަތުމާއި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވުން ކަމަށެވެ.

"އެހެންވީމާ އެންޒައިޓީ އަކީ ކުރިއާލައި ދެނަގެން އެކަމާ ދެކޮޅަށް މަސައްކަތްކުރަން ޖެހޭ ކަމެއް. ދަރިވަރުންގެ ފަރާތުން މިފަދަ މައްސަލަތައް ފެންނަ ނަމަ އެއީ އެ ކުއްޖެއްގެ ކިޔެވުމަށް ވެސް އަސަރުކޮށް، އިޖުތިމާއީ ގޮތުން ވެސް އެކަހެރިކޮށްލަން މަގުފަހިވާ ކަމަކަށް ވެދާނެ،" ދިރާސާގައި ޓީމުގައި އިސްކޮށް މަސައްކަތްކުރެއްވި ކެޓީ ފިނިން ވިދާޅުވި އެވެ.

ބައެއް ކުދިން ސްކޫލަށް ނުދާން ތަފާތު ބަހަނާތައް ދައްކާ: ސަބަބު ދެނެގަންނަން ޖެހޭ.

ބައެއް ކުދިން ސްކޫލަށް ނުދާން ތަފާތު ބަހަނާތައް ދައްކާ: ސަބަބު ދެނެގަންނަން ޖެހޭ.

އޭނާ ވިދާޅުވި ގޮތުގައި ދަރިންގެ ފަރާތުން އެންޒައިޓީގެ އަލާމާތްތައް ފެނި އެކަމަށް ފަރުވާ ކުޑަކޮށްލުމަކީ ފަހުން މާ ބޮޑަށް ހިތާމަ ކުރަން ޖެހޭ ކަމަކަށް ވެދާނެ އެވެ. އެހެންވެ ދަރިފުޅުގެ ފަރާތުން އެންޒައިޓީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ އެކަމަށް ފަރުވާ ހޯދުން ވީހާ ވެސް އަވަސް ކުރަން ޖެހޭ ކަމަށް ކެޓީ ވިދާޅުވި އެވެ.

ޕްރޮފެސަރު ތަސްމީން ފޯޑް ވިދާޅުވި ގޮތުގައިި އެންޒައިޓީ ކަހަލަ މައްސަލަތަކަށް ސްކޫލްތައް އަހުލުވެރިވުމަކީ ވެސް މުހިިއްމު ކަމެކެވެ.

"ސްކޫލްތަކުގައި އެބަ ޖެހޭ މިކަހަލަ މައްސަލަތައް ބަލާނެ ހެލްތު ޕްރޮފެޝަނަލްސްގެ އެހީ ލިބޭނެ އިންތިޒާމުތަކެއް ވެސް ހަމަޖައްސަން. ހަމައެއާ އެކު ސްކޫލްތަކުގެ މުވައްޒަފުން ވެސް މިކަހަލަ މައްސަލަތަކަށް ލޯ ހުޅިވިފައި ތިބުމަކީ މުހިއްކު ކަމެއް." އޭނާ ވިދާޅުވި އެވެ.