Roadha Mihaaru
އައިއެސް ނައްތާލުމުގެ އެންމެ ފަހުގެ ހަމަލާތައް ފަށައިފި

އައިއެސް ނައްތާލުމުގެ އެންމެ ފަހުގެ ހަމަލާތައް ފަށައިފި

02 މާޗް 2019

ބަޣޫޒް (މާޗް 2) - އިސްލާމިކް ސްޓޭޓް (އައިއެސް) މުޅިން ނައްތާލުމަށް އެންމެ ފަހުގެ ހަމަލާތައް ފަށައިފި ކަމަށް އެމެރިކާގެ މަދަދު ލިބޭ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣޫޒް (މާޗް 2) - އިސްލާމިކް ސްޓޭޓް (އައިއެސް) މުޅިން ނައްތާލުމަށް އެންމެ ފަހުގެ ހަމަލާތައް ފަށައިފި ކަމަށް އެމެރިކާގެ މަދަދު ލިބޭ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ބުނެފި އެވެ.

އައިއެސްގެ މަދު ހަނގުރާމަވެރިންތަކެއް މިހާރު ތިބީ ސީރިއާގެ އިރުން އިރާގުގެ ބޯޑަރާ ގުޅިފައި އޮންނަ ބާޣޫޒް އަވަށުގަ އެވެ. އެސްޑީއެފް އިން އެ އަވަށް ވަށާލައިގެން ތިބޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި އަވަށުން އާއްމުން ނުކުތުމަށް ވަނީ ފުރުސަތު ދީފަ އެވެ. އެ މުއްދަތުގައި ވަނީ ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަ ކުދިން އަވަށުން ނުކުމެފަ އެވެ. އަވަށުން ނުކުތް މީހުންގެ ތެރޭގައި ހިމެނިގެން ފިލަން އުޅުނު އައިއެސްގެ ބައެއް ހަނގުރާމަވެރިން ވަނީ ހިފަހައްޓައިފަ އެވެ. އެސްޑީއެފް އިން ވަނީ ބަޣޫޒުން ނެރުނު 20،000 އާއްމުން ވަގުތީ ކޭމްޕްތަކަށް ބަދަލުކޮށްފަ އެވެ.

އެސްޑީއެފްގެ ތަރުޖަމާން މުސްތަފާ ބާލީ ވިދާޅުވީ ބާޣޫޒަށް ފަހުގެ ހަމަލާތައް ދޭން އިއްޔެ ފެށީ އާއްމުންގެ އެންމެ ފަހު ގްރޫޕް އެ އަވަށުން ނުކުތުމުން ކަމަށެވެ. އެންމެ ފަހުގެ ހަމަލާތައް ކުރިއަށްދާނީ ކިހާ ދުވަހަކަށް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ނަމަވެސް އެސްޑީއެފް އިން ބުރާސްފަތި ދުވަހު ބުނެފައި ވަނީ ހަމަލާތައް ފަށާތާ ހަފުތާއެއްގެ ތެރޭގައި އައިއެސްގެ ކަންތައް ނިންމާލާނެ ކަމަށެވެ. ބަޣޫޒުގައި ތިބި އައިއެސްގެ ހަނގުރާމަވެރިންގެ އަދަދެއް ނޭނގެ އެވެ.

މީގެ ފަސް އަހަރު ކުރިން އައިއެސްގެ އެންމެ ބާރުގަދަ ދުވަސްވަރު ސީރިއާގެ ހުޅަނގާއި އިރާގުގެ އިރުމަތީގެ ހިސާބުތަކުން އައިއެސްގެ ކޮންޓްރޯލުގެ ދަށަށް 88،000 އަކަ ކިލޯ މީޓަރު (34،000 އަކަ މޭލު)ގެ ސަރަހައްދެއް ގެންދިޔަ އެވެ. އެސްޑީއެފް އިން ބުނީ އައެސްގެ ބާރުގެ ދަށުގައި މިހާރު އޮތީ އަކަ ކިލޯ މީޓަރެއްގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ކުޑަ ސަރަހައްދެއް ކަމަށެވެ.