Roadha Mihaaru
އައިއެސްގެ 5600 މީހުން ވަނީ އެނބުރި ގޮސްފައި

އައިއެސްގެ 5،600 މީހުން ވަނީ އެ މީހުންގެ ގައުމުތަކަށް އެނބުރި ގޮސްފައި

25 އޮކްޓޯބަރ 2017

ދިމިޝްގު (އޮކްޓޯބަރު 25) - ސީރިއާ އާއި އިރާގުން އިސްލާމިކް ސްޓޭޓް (އައިއެސް) އިން ހިފި ބިންތައް އެ މީހުންގެ އަތުން ގެއްލުމާ އެކު އައިއެސްގެ 5،600 ހަނގުރާމަ ވެރިން އެނބުރި އެ މީހުންގެ ގައުމުތަކަށް ގޮސްފައިވާ ކަމަށް ސެކިއުރިޓީ އެނަލިލިސް ގްރޫޕަކުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (އޮކްޓޯބަރު 25) - ސީރިއާ އާއި އިރާގުން އިސްލާމިކް ސްޓޭޓް (އައިއެސް) އިން ހިފި ބިންތައް އެ މީހުންގެ އަތުން ގެއްލުމާ އެކު އައިއެސްގެ 5،600 ހަނގުރާމަ ވެރިން އެނބުރި އެ މީހުންގެ ގައުމުތަކަށް ގޮސްފައިވާ ކަމަށް ސެކިއުރިޓީ އެނަލިލިސް ގްރޫޕަކުން ބުނެފި އެވެ.

އެމެރިކާގެ ސޫފާން ސެންޓަރުން ބުނީ އައިއެސްގެ ބިންތައް ގެއްލުމާ އެކު 33 ގައުމެއްގެ މީހުން އެނބުރި އެ މީހުންގެ ގައުމުތަކަށް ގޮސްފައިވާ ކަމަށެވެ. ސޫފާން ސެންޓަރުން އެ މައުލޫމާތު ހޯދާފައި ވަނީ ސަރުކާރުގެ ރެކޯޑްތަކަށް ބިނާކޮށެވެ.

އިރާގާއި ސީރިއާގައި އައިއެސްގެ ޚިލާފަތު 2014 ވަނަ އަހަރު އިއުލާންކުރުމާ އެކު 100 އަށް ވުރެ ގިނަ ގައުމުން 40،000 އަށް ވުރެ ގިނަ ހަނގުރާމަވެރިން އައިއެސްއާ ގުޅެން އެ ދެ ގައުމަށް ގޮސްފައިވެ އެވެ. އިރާގާއި ސީރިއާގައި އައިއެސްގެ ބާރުގެ ދަށުގައިވާ ތަންތަން ހިފިއިރު އައިއެސްއާ ގުޅިގެން ހަނގުރާމަ ކުރަމުން ދިޔަ އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

ސީރިއާގައި އައިއެސްގެ ވެރިރަށުގެ ގޮތުގައި ބެލި ރައްގާ މިދިޔަ ހަފުތާގައި ވަނީ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ހިފައިފަ އެވެ. އަދި އިރާގުގައި އައިއެސްގެ ވެރިރަށުގެ ގޮތުގައި ބެލި މޫސަލް ވަނީ ޖޫން މަހު ހިފައިފަ އެވެ.

ސޫފާން ސެންޓަރުން ބުނީ އައިއެސްއާ ގުޅިގެން ހަނގުރާމަ ކުރަން ޔޫރަޕުން 5،000 މީހުން އިރާގާއި ސީރިއާ އަށް ދިޔަ ކަމަށެވެ. މީގެ ތެރޭން 2،000 މީހުން ވަނީ އަނބުރާ އެ މީހުންގެ ގައުމުތަކަށް ގޮހެވެ.