Roadha Mihaaru
ލިވަޕޫލާ ކުރިމަތިލާނީ ފާގަސަންގެ ވިސްނުމުގައި: ސޯލްޝެއާ

ލިވަޕޫލާ ކުރިމަތިލާނީ ފާގަސަންގެ ވިސްނުމުގައި: ސޯލްޝެއާ

24 ފެބުރުއަރީ 2019

މެންޗެސްޓާ (ފެބްރުއަރީ 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ޒަމާންވީ ވާދަވެރިޔާ ލިވަޕޫލާ ދެކޮޅަށް މިރޭ ނުކުންނައިރު، ގެންގުޅޭނީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަންގެ ވިސްނުން ކަމަށް އެ ޓީމުގެ މިހާރުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ފެބްރުއަރީ 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ޒަމާންވީ ވާދަވެރިޔާ ލިވަޕޫލާ ދެކޮޅަށް މިރޭ ނުކުންނައިރު، ގެންގުޅޭނީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަންގެ ވިސްނުން ކަމަށް އެ ޓީމުގެ މިހާރުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

މި ސީޒަނުގައި ލިވަޕޫލް ދަނޑުގައި ޔުނައިޓެޑް ބަލިވިއިރު އެ ޓީމުގެ ކޯޗަކަށް ހުރީ ހޯސޭ މޮރީނިއޯ އެވެ. އެ މެޗަށް ފަހު މޮރީނިއޯ މަގާމުން ވަކިކުރިއިރު، އޭގެ ފަހުން ޔުނައިޓެޑާ ހަވާލުވި ސޯލްޝެއާގެ ކޯޗުކަމުގައި އެ ޓީމުން ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.

ސޯލްޝެއާ ބުނީ މިއަދުގެ މެޗަށް ނުކުންނައިރު އޭނާގެ ހަނދާނުގައި ހުންނަނީ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުތަކަށް ފާގަސަން ޓީމު ތައްޔާރުކުރާއިރު ހުންނަ ވިސްނުން ކަމަށެވެ.

"މިއީ ވަރަށް ހާއްސަ މެޗެއް. އަހަރެން ހަނދާނުގައި ހުރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭއިރު ފާގަސަން ޓީމަށް ވިސްނައިދޭ ގޮތް. ޓީމު ތައްޔާރުކުރާ ގޮތް. ލިވަޕޫލާ ދެކޮޅަށް ކުޅޭ ކޮންމެ މެޗެއްގައި ޓްރޮފީއެއް ނުލިބުނަސް މިއީ ސަޕޯޓަރުންނާ ކުޅުންތެރިންނަށް ހާއްސަ މެޗެއް،" ސޯލްޝެއާ ބުންޏެވެ. "ފަހަރުގައި ފާގަސަން ބޭނުންނަމަ ހަމަ އަހަރެން މަރުހަބާ ކިޔާނަން ޓީމަށް މެޗުގެ ކުރިން ހިތްވަރުދޭން ޗޭންޖިން ރޫމަށް އަންނަން."

ލީގުގެ ތާވަލަށް ބަލާއިރު މިއަދުގެ މެޗުގެ މުހިއްމުކަން ދެ ޓީމަށް ވެސް ބޮޑެވެ. މެޗުން ޕޮއިންޓެއް ހޯދައިގެން ލިވަޕޫލަށް އަލުން ލީގުގެ އެއް ވަނަ އަށް އެރޭނެ އެވެ. އަނެއްކޮޅުން ގަދަ ހަތަރެއްގެ ތެރޭގައި އޮންނަން މި މެޗުގެ ތިން ޕޮއިންޓް އެ ޓީމަށް މުހިއްމެވެ.

"މިއީ ލިވަޕޫލަށް ވެސް އަދި ޔުނައިޓެޑަށް ވެސް ޕޮއިންޓް ހޯދުން މުހިއްމު މެޗެއް. އަހަރެމެން ރަށުން ބޭރުގައި ކުޅެގެން ޓޮޓެންހަމް، އާސެނަލް އަދި ޗެލްސީ ބަލިކޮށްފިން. މީގައި ދެން އޮތީ އެއް ފިޔަވަޅު ކުރިއަށް އެޅުން. ލިވަޕޫލް ބަލިކުރެވިއްޖެނަމަ އެކަން ކުރެވުނީ،" ސޯލްޝެއާ ބުންޏެވެ.

އަނިޔާގެ ސަބަބުން، އެންމެ ފަހުން ޔުނައިޓެޑް ކުޅުނު މެޗުތަކުގައި ނުފެނުނު ޖެސޭ ލިންގާޑާއި އެންތަނީ މާޝިއަލް މިރޭގެ މެޗުގައި ކުޅެފާނެ ކަމަށް ސޯލްޝެއާ ވަނީ ބުނެފަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މިއީ ލީގު ހޯދުމަށް ލިވަޕޫލުން ކުޅޭނެ އެންމެ މުހިއްމު މެޗުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި ނަމަވެސް އޭނާގެ ނަޒަރުގައި އެހެން އޮތް މެޗެއް ނޫން ކަމަށެވެ.

"ޔުނައިޓެޑް އަތުން ތިން ޕޮއިންޓް ހޯދިޔަސް އަހަރެމެންނަށް ލިބެނީ ހަމައެކަނި ތިން ޕޮއިންޓް. މި މެޗުން ލީގުގެ ވަކި މަގާމެއް ކަނޑައެއް ނޭޅޭނެ. އެއީ އަހަރެމެން އަދި އެބައޮތް ޓޮޓެންހަމާއި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ވެސް. އެކަމަކު މި ވަގުތަށް ބަލާއިރު މި މެޗުގެ ޕޮއިންޓް މުހިއްމުވާ އޮތީ އެންމެ ސަބަބެއް އެއީ ކުރިއަށް ދިއުން،" ކްލޮޕް ބުންޏެވެ.

މި ފަހަރު ލީގުގައި މިހާތަނަށް ލިވަޕޫލް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ މެންޗެސްޓާ ސިޓީ މިދިޔަ މަހު ކުޅުނު މެޗުންނެވެ. އެކަމަކު ގަދަ ހަތަރެއްގައި އެ ވަގުތެއްގައި އޮތް ޓީމެއް އަތުން އެންމެ ފަހުން ރަށުން ބޭރުގައި ކުޅުނު ހަތް މެޗުން ވެސް ލިވަޕޫލަށް މޮޅެއް ނުހޯދެ އެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 7:05 ގައި ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގަ އެވެ. ކިޔުންތެރިންގެ ނަޒަރުގައި މިރޭގެ މެޗުން މޮޅުވާނީ ކޮން ޓީމެއް ހެއްޔެވެ؟