Roadha Mihaaru
ސޯލްޝެއާ އަށް ކްލޮޕް ތައުރީފުކޮށްފި

ސޯލްޝެއާ އަށް ކްލޮޕް ތައުރީފުކޮށްފި

22 ފެބުރުއަރީ 2019

މެންޗެސްޓާ (ފެބްރުއަރީ 22) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ނިސްބަތްވަނީ އެންމެ މަތީ ފަންތިއަށް ކަމަށް ބުނެ އޭނާ އަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ތައުރީފުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ފެބްރުއަރީ 22) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ނިސްބަތްވަނީ އެންމެ މަތީ ފަންތިއަށް ކަމަށް ބުނެ އޭނާ އަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ތައުރީފުކޮށްފި އެވެ.

އަންނަ އާދިއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް ނުކުންނާނީ ރަށުން ބޭރުގައި ސޯލްޝެއާގެ ޔުނައިޓެޑާ ދެކޮޅަށެވެ. ސްކައި ސްޕޯޓްސް އަށް ކްލޮޕް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ސޯލްޝެއާއާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަން ހޯސޭ މޮރީނިއޯ އަށް ގެއްލުނީ ލިވަޕޫލް އަތުން ލީގުގައި ބަލިވި މެޗަށް ފަހު އެވެ. މޮރީނިއޯ ވަކިކޮށް ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗުކަމަށް ގެނައީ މި ސީޒަނުގެ ނިޔަލަށެވެ. ސޯލްޝެއާގެ ކޯޗުކަމުގައި މިހާތަނަށް ޔުނައިޓެޑް ބަލިވީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން އެކަންޏެވެ. ޕްރިމިއާ ލީގުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗުން ވަނީ މޮޅުވެފަ އެވެ.

"އަހަންނަކީ ވެސް ކޯޗެއް. އަހަރެމެންނަށް ފަސޭހައެއް ނޫން ކޮންމެ ޓީމަކާ ހަވާލުވެފައި ޖާދޫ ހަދަން. އެކަމަކު ރަނގަޅު ކުޅުންތެރިން ތިބި ޓީމެއްގައި ހާލަތު ދަންނަ މޮޅު ކޯޗެއް އައިސްފިނަމަ ތަފާތު ދެއްކޭނެ. އެ ގޮތަށް ބަލާއިރު ޔުނައިޓެޑްގައި ސޯލްޝެއާ އެ ކުރަނީ ފުރިހަމަ މަސައްކަތެއް،" ކްލޮޕް ބުންޏެވެ. "ސޯލްޝެއާ ކުރީ ކޮންމެ ކޯޗަކަށް ވާނެ ކަމެއް ނޫން. ޕްރެޝަރާ އޭނާ ކުރިމަތިލީ ވަރަށް އެނގިގެން ވަރަށް މޮޅަށް."

އެންމެ ފަހުން ލިވަޕޫލާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުތަކުގައި މޮރީނިއޯ އެ ޓީމު ލައްވައި ކުޅުވާފައިވަނީ ޑިފެންސިވް ގޭމެއް ކަމަށާއި އެކަމަކު ސޯލްޝެއާގެ ކޯޗުކަމުގައި މިހާރު ޔުނައިޓެޑުން ކުޅެނީ އެޓޭކިން ފުޓްބޯޅަ ކަމަށް ވެސް ކްލޮޕް ބުންޏެވެ.

"އަހަރެމެންނަށް މި ފަހަރު ފެންނާނެ އަނެއްކާ ތަފާތު ޔުނައިޓެޑްގެ ސިސްޓަމެއް. އެ ޓީމަށް އެޓޭކިން ފުޓްބޯޅަ ކުޅެވޭކަން މިހާރު ފެނިއްޖެ،" ކްލޮޕް ބުންޏެވެ.

ލީގުގެ އެއް ވަނަ މަގާމަށް އަރަން މި މެޗު ލިވަޕޫލަށް މުހިއްމުވާ ގޮތަށް ގަދަ ހަތަރެއްގެ ތެރޭގައި އޮންނަން މި މެޗުން ޕޮއިންޓް ހޯދުން ޔުނައިޓެޑަށް ވެސް އޮތީ މަޖުބޫރުވެފައި ކަމަށާއި މިއީ ބެލުންތެރިންނަށް ކަމުދާނެ މެޗެއް ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.