Roadha Mihaaru
ޗެލްސީން ސާރީ އަށް އިތުބާރުކުރަން ޖެހޭ: ގާޑިއޯލާ

ޗެލްސީން ސާރީ އަށް އިތުބާރުކުރަން ޖެހޭ: ގާޑިއޯލާ

23 ފެބުރުއަރީ 2019

މެންޗެސްޓާ (ފެބްރުއަރީ 23) – ނަތީޖާތައް ދަށްވެ ވަޒީފާ ގެއްލުމުގެ ބިރާ ކުރިމަތިލާން ޖެހިފައިވާ ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ އަށް އެ ކްލަބުން އިތުބާރުކުރުމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ގޮވާލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެންޗެސްޓާ (ފެބްރުއަރީ 23) – ނަތީޖާތައް ދަށްވެ ވަޒީފާ ގެއްލުމުގެ ބިރާ ކުރިމަތިލާން ޖެހިފައިވާ ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ އަށް އެ ކްލަބުން އިތުބާރުކުރުމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ގޮވާލައިފި އެވެ.

ގާޑިއޯލާ އަކީ ސާރީ އިޓަލީގެ ނަޕޯލީ އަށް ކޯޗުކޮށްދިން ދުވަސްވަރުން ފެށިގެން އޭނާ އަށް ވަރަށް ތާއީދުކުރާ ކޯޗެކެވެ. އެކަމަކު ނަޕޯލީގައި ކުޅުވި ކުޅުން ޗެލްސީގައި ތަކުރާރުކުރަން ސާރީ އަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ލީގު ކަޕް ފައިނަލުގައި މާދަމާރޭ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަކީ ފެންވަރު ސާބިތުކޮށްދޭން ސާރީ އަށް ލިބޭނެ ފަހު ފުރުސަތެވެ.

ގާޑިއޯލާ ބުނީ ސިޓީގައި އޭނާ ހޭދަކުރި ފުރަތަމަ ސީޒަނާއި ޗެލްސީން ފެންނަ މަންޒަރުތަކާ ވަރަށް ތަފާތު ކަމަށެވެ. އެގޮތުން ސިޓީން އޭނާއާ މެދު އޭރު ސުވާލު ނުއުފައްދާ ކަމަށާއި އަދި މިވެނި މެޗަކުން ބަލިވެއްޖެއްޔާ އޭނާ ވަކިކުރާނެޔޭ ނޫސްތަކުގައި ނުލިޔާ ކަމަށެވެ.

"އަހަރެން ހައިރާންވި އެންޓޯނިއޯ ކޮންޓޭ ޗެލްސީ އަށް ލީގު ކާމިޔާބުކޮށްދިނުމަށް ފަހު ޖެހިގެން އައި ސީޒަނުގެ ކުރީކޮޅު މެޗެއް ނޫނީ ދެ މެޗުން ބަލިވީމާ އޭނާ ވަކިކުރަން ގޮވުމުން. އަހަރެން ހިތަށް އެރި، ދެ ތިން މަސް ކުރިން އޭނާ ލީގު ކާމިޔާބުކުރި ނޫންހޭ،" ޗެލްސީގައި އޮތް ކޯޗުން ވަކިކުރުމުގެ ސަގާފަތަށް ފާޑުކިޔަމުން ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ބައެއް ފަހަރު ހާލަތު ގޯސްވެ އެކަމަށް ވަގުތު ބޭނުންވާ ކަމަށާއި ސާރީ އަށް ވެސް ފުރަތަމަ ސީޒަނުގައި ދިމާވަމުން އެ ދަނީ އެފަދަ ގޮތެއް ކަމަށެވެ.

ސިޓީން ވަނީ ޕްރިމިއާ ލީގުގައި މިމަހު ކުރީކޮޅު ޗެލްސީ އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފަ އެވެ. އެކަމަކު ގާޑިއޯލާ ބުނީ އެއީ ޗެލްސީގެ ސީދާ ފެންވަރު އެނގުނު ނަތީޖާއެއް ނޫން ކަމަށެވެ.

"ޗެލްސީއަށް ޕްރެޝަރު އޮތް. ރަނގަޅަށް ކުޅުނު ވެސް މެ. އެކަމަކު އަހަރެމެން ލިބުނު ހަތަރެއް ނުވަތަ ފަސް ފުރުސަތުގެ ބޭނުން އަހަރެމެން ހިފީ،" ގާޑިއޯލާ ބުންޏެވެ. "އެ މެޗު އަހަރެމެން ރިވިއުކުރި އިރު ފެނުނު ޗެލްސީން ވެސް ރަނގަޅު ކަންތައްތަކެއްކޮށްފައި ހުރިތަން."

ލީގު ކަޕުގެ ފައިނަލުގައި ޗެލްސީ އާއި ސިޓީ ކުޅޭ މެޗު އޮންނާނީ މާދަމާރޭ ރާއްޖެ ގަޑިން 9:30 ގައި ވެމްބްލީ ސްޓޭޑިއަމުގަ އެވެ.