Roadha Mihaaru
ފަހަތުން އަރައި ހޯދި ލީގު ތަށި ސިޓީ އިން އުފުލާލައިފި

ފަހަތުން އަރައި ހޯދި ލީގު ތަށި ސިޓީ އިން އުފުލާލައިފި

22 މެއި 2023

މެންޗެސްޓާ (މެއި 21) - އަމިއްލަ ދަނޑުގައި 1-0 އިން ޗެލްސީ ބަލިކޮށް، މެންޗެސްޓާ ސިޓީ އިން އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި މިރޭ އުފުލާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (މެއި 21) - އަމިއްލަ ދަނޑުގައި 1-0 އިން ޗެލްސީ ބަލިކޮށް، މެންޗެސްޓާ ސިޓީ އިން އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި މިރޭ އުފުލާލައިފި އެވެ.

ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގެ 12 ވަނަ މިނިޓުގައި ސިޓީގެ ހަމައެކަނި ގޯލު ޖަހައިދިނީ އާޖެންޓީނާއާ އެކު، މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ.

ޗެމްޕިއަންސް ލީގު ފައިނަލްގައި 2021 ވަނަ އަހަރު ޗެލްސީ އިން ސިޓީ ބަލި ކުރި ފަހުން، މިހާތަނަށް ސިޓީއާ ދެކޮޅަށް ޗެލްސީ ކުޅުނު ހަ މެޗުން ވެސް ވަނީ ގޯލެއް ނުޖެހި ބަލިވެފަ އެވެ. ލީގުގައި ޗެލްސީ އަށް ބާކީ ދެ މެޗު އޮތް އިރު އެ ޓީމު އޮތީ ތާވަލްގެ 12 ވަނައިގަ އެވެ.

މިރޭގެ މެޗަށް ފަހު ސިޓީގެ ސަޕޯޓަރުން ކުރިމަތީގައި ވަނީ ޓީމުގެ ކުޅުންތެރިންނަށް ރަން މެޑަލާ އެކު ޓްރޮފީ ހަވާލު ކޮށްފަ އެވެ.

މެޗަށް ފަހު ސިޓީގެ ސަޕޯޓަރުން ދަނޑަށް އަރައި އުފާފާޅުކުރުމުގައި.-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ސިޓީގެ ސަޕޯޓަރުން ދަނޑަށް އަރައި އުފާފާޅުކުރުމުގައި.-- ފޮޓޯ: އޭއެފްޕީ

އެ މެޗު ކުޅުމުގެ ކުރިން ވެސް ސިޓީ އަށް އޮތީ ޗެމްޕިއަންކަން ޔަގީން ވެފަ އެވެ. އެއީ ދެވަނައިގައި އޮތް އާސެނަލް ރޭ ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވުމުންނެވެ. ސިޓީ އަށް ލީގުގައި ބާކީ ދެ މެޗު އޮތް އިރު ވަނީ 88 ޕޮއިންޓް ހޯދައިފަ އެވެ. އާސެނަލް އަށް އެންމެ މެޗެއް ބާކީ އޮތްއިރު ލިބިފައި ވަނީ 81 ޕޮއިންޓެވެ.

މިދިޔަ އޭޕްރީލް މަހާ ހަމައަށް ވެސް ލީގުގެ އެއްވަނައިގައި އޮތީ އާސެނަލް އެވެ. ނަމަވެސް އެ މަހު އާސެނަލްގެ ފޯމު ދަށްވެ މަހުގެ ފަހު މެޗުގައި ސިޓީ އަތުން ބަލިވެ، އެ ޓީމަށް އެއްވަނަ ގެއްލުނީ އެވެ. އޭގެ ފަހުން އާސެނަލް ދެ މެޗުން ބަލިވެފައި ވާއިރު، ސިޓީ ވަނީ އެންމެ ފަހުން ކުޅުނު 12 މެޗުން ވެސް މޮޅުވެފަ އެވެ. ލީގުގައި ސިޓީ އެންމެ ފަހުން ބަލިވީ ފެބްރުއަރީ މަހު ޓޮޓެންހަމް ހޮޓްސްޕާ އަތުންނެވެ.

ސިޓީ އިން މިރޭ އުފުލައިލީ ހަތްވަނަ ޕްރިމިއާ ލީގު ތައްޓެވެ. އެއާ އެކު އެ ޓީމުން ވަނީ ނުވަ ވަނަ ފަހަރަށް އިނގިރޭސި އެއްވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފަ އެވެ.

ފަހުގެ ތާރީހުގައި އިނގިރޭސި ފުޓްބޯޅަ ޑޮމިނޭޓް ކުރަމުން އަންނަ ސިޓީ އިން ވަނީ ފާއިތުވި ހަ ސީޒަންގެ ތެރެއިން ފަސް ވަނަ ޕްރިމިއާ ލީގު ޓްރޮފީ ހޯދައިފަ އެވެ. ފަސް ތަށި ވެސް އުފުލައިލީ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުންނެވެ.

މިދިޔަ ދެ ސީޒަނުގައި ވެސް ލީގު ޗެމްޕިއަނުންނަކީ ސިޓީ އެވެ. މީގެ ކުރިން 1992 ވަނަ އަހަރު ޕްރިމިއާ ލީގަށް ރިބްރޭންޑް ކުރީއްސުރެ ޖެހިޖެހިގެން ތިން ފަހަރު ލީގު ކާމިޔާބު ކުރުމުގެ ރެކޯޑް އޮތީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ އަތުގަ އެވެ. އެކަމަކު، މި ސީޒަންގައި ސިޓީ އިން ވަނީ ޔުނައިޓެޑްގެ ރެކޯޑާ އަރާ ހަމަކޮށްފަ އެވެ.

ސިޓީ އިން އަންނަނީ މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގާއި އިނގިރޭސި އެފްއޭ ކަޕްގެ ތައްޓަށް ވެސް ވާދަކުރަމުންނެވެ. އެފްއޭ ކަޕްގެ ފައިނަލުގައި އަންނަ މަހުގެ ތިން ވަނަ ދުވަހު ސިޓީ ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. ހަފުތާއެއް ފަހުން ޗެމްޕިއަންސް ލީގު ފައިނަލްގައި ކުޅޭނީ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށެވެ.