Roadha Mihaaru
ބީޖީއާ އެއްވަރުވެ އީގަލްސް އަށް އުނދަގޫތަކެއް

ބީޖީއާ އެއްވަރުވެ އީގަލްސް އަށް އުނދަގޫތަކެއް

26 އޯގަސްޓް 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ، ރެލިގޭޝަން ޒޯނުގައި އޮތް ބީޖީ ސްޕޯޓްސްއާ ލަނޑެއް ނުޖެހި އެއްވަރުވެ، ލީގުގެ ރޭހުގައި ކުރިއަށް ދިއުމަށް ކްލަބް އީގަލްސް އަށް އުނދަގޫތަކެއް ކުރިމަތިވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ، ރެލިގޭޝަން ޒޯނުގައި އޮތް ބީޖީ ސްޕޯޓްސްއާ ލަނޑެއް ނުޖެހި އެއްވަރުވެ، ލީގުގެ ރޭހުގައި ކުރިއަށް ދިއުމަށް ކްލަބް އީގަލްސް އަށް އުނދަގޫތަކެއް ކުރިމަތިވެއްޖެ އެވެ.

މިރޭގެ މެޗުން އީގަލްސް އެއްވަރުވުމުން މާޒިޔާ އަށް ވަނީ ލީގުގެ އެއް ވަނައިގައި ލީޑުފުޅާކުރަން ފުރުސަތު ލިބިފަ އެވެ. މާދަމާ ހަވީރު ވެލެންސިއާ އަތުން މާޒިޔާ މޮޅުވެއްޖެނަމަ ލީގުގެ އެއް ވަނައިގައި މާޒިޔާ އަށް ހަ ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ. މާޒިޔާ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ 14 މެޗުން 31 ޕޮއިންޓާ އެކު އެވެ. އީގަލްސް އަށް 15 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު، ލީގުގެ ފުލުގައި އޮތް ބީޖީ ވަނީ 15 މެޗުން އަށް ޕޮއިންޓް ހަމަކޮށްފަ އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ދެ ވަނަ ބުރުގެ ފަހު މެޗުން މާޒިޔާ އަތުން ބަލިވެ، އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ ނިމުމެއް އައިސްފަ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ބީޖީންނެވެ. މެޗުގެ އަށް ވަނަ މިނިޓްގައި ބީޖީގެ ނައިޖީރިއާ މިޑްފީލްޑަރު ޑެނިއަލް ފިލަމޮން އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ބީޖީން ރަނގަޅު ކުޅުމަކާ އެކު މެޗު ފެށި ނަމަވެސް އީގަލްސް އިން ވެސް ވަނީ މެޗުގެ ތެރެއަށް ވަދެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ 16 ވަނަ މިނިޓްގައި ބީޖީ އޭރިއާ ތެރެއިން އީގަލްސްގެ އަންސަރު އިބްރާހިމް (އަންކޮ) ނަގައިިދިން ހުރަހަކުން ރިސްޓޭ ނައޮމޯވް އޯވަހެޑް ކިކަކުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މެޗުގެ 22 ވަނަ މިނިޓްގައި ބީޖީގެ ކެޕްޓަން އިބްރާހިމް ޝިޔާމް (ދޮނާ) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ބިދޭސީ ކުޅުންތެރިއާ އޮސާގީ އަޑެލޭކޭ ނަގައިދިން ހުރަހަކުން އީގަލްސް އޭރިއާ ތެރޭގައި ހުސްކޮށްހުރެ ދޮނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

އީގަލްސްގެ މެސެޑޯނިއާ ފޯވާޑް ރިސްޓޭ (ކ) އޯވަހެޑް ކިކަކުން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސްގެ މެސެޑޯނިއާ ފޯވާޑް ރިސްޓޭ (ކ) އޯވަހެޑް ކިކަކުން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސް އަށް ކުޅޭ މިސްރުގެ ފޯވާޑް މުސްތަފާ ސެޑިކް ނެތުމުން މިރޭ އެ ޓީމުގެ އެޓޭކްގައި މައްސަލަތަކެއް ދިމާވި އެވެ. މެޗުގެ 30 ވަނަ މިނިޓްގައި އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އަރިމަތިން އަހުމަދު ރިޒުވާން (ރިޒޭ) ނަގައިދިން ހުރަހަކުން އޭރިއާ ބޭރުން އިންމަ ފޮނުވާލި ބާރު ޝޮޓު ދިޔައީ ދަނޑިކައިިރިން ބޭރުންނެވެ.

ދެ ވަނަ ހާފް ފެށިގެން ބީޖީގެ ފަރާތުން ފެނުނީ ލަސް ކުޅުމެކެވެ. މި ހާފްގައި ދެ ޓީމަށް ލަނޑު ޖަހަން މާ ހުސް ފުރުސަތުތަކެއް ނުލިބެ އެވެ. މެޗުގެ 56 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ރިސްޓޭ ފޮނުވާލި ބޯޅަ ބީޖީގެ ޕާކިސްތާން ކީޕަރު ހަނިފް ސާގިބް ވަނީ މަތަކޮށްފަ އެވެ.

އޭގެ ތިން މިނިޓް ފަހުން ބީޖީގެ ދޮނާ ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އީގަލްސް އޭރިއާ ތެރެއިން ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ދޮނާ ފޮނުވާލި ބޯޅަ އީގަލްސްގެ ސްރީލަންކާ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފަހު 20 މިނިޓް ތެރޭގައި އީގަލްސް އިން ވަނީ ބީޖީ ހާފްގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފަ އެވެ. އެހެން ނަމަވެސް ގޯލަށް ނުރައްކާ ކުރެވޭވަރުގެ މާ ގިނަ ހަމަލާއެއް ފޮނުވާނުލެވުނެވެ. އެންމެ ރަނގަޅު ހަމަލާއެއް އުފެއްދީ ރިޒޭ އެވެ. މެޗު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ބީޖީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ރިޒޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭނީ ނިއު ރޭޑިއަންޓާއި މާޒިޔާ އެވެ. މާދަމާރޭ ކުޅޭ މެޗުގައި ވިކްޓަރީ ބައްދަލުކުރާނީ ވެލެންސިއާއާ އެވެ.