23 އޮކްޓޯބަރ 2016
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ މާޒިޔާ އިން ފަހު މެޗުގައި މިރޭ ކްލަބް އީގަލްސް އަތުން 2-1 އިން މޮޅުވެ، ލީގުގެ އައްޑަނަ އުފުލާލައިފި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ މާޒިޔާ އިން ފަހު މެޗުގައި މިރޭ ކްލަބް އީގަލްސް އަތުން 2-1 އިން މޮޅުވެ، ލީގުގެ އައްޑަނަ އުފުލާލައިފި އެވެ.
މާޒިޔާ އިން ލީގު ނިންމާލީ 47 ޕޮއިންޓާ އެކު އެވެ. ލީގުގެ ދެ ވަނަ މަގާމް 42 ޕޮއިންޓާ އެކު ޓީސީ ސްޕޯޓްސް ކްލަބް ހޯދިއިރު ތިން ވަނަ އަކީ 38 ޕޮއިންޓާ އެކު އީގަލްސް އެވެ.
މާޒިޔާ އިން ފުރަތަމަ ފަހަރަށް ލީގުގެ ޗެމްޕިއަން ހޯދިއިރު އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ލީގުގެ އައްޑަނަ ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ މިނިސްޓަރުގެ ނައިބް އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ.
މާޒިޔާގެ ކުޅުންތެރިންނާއި އޮފިޝަލުން ލީގުގެ އައްޑަނައާ އެކު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މާޒިޔާ އާއި އީގަލްސް އަށް ވެސް މުހިއްމު ކަމެއް ނެތް މިރޭގެ މެޗުގައި، ދެ ޓީމުގެ ފަރާތުން ވެސް އުފެއްދުންތެރި އެޓޭކިން ގޭމެއް ވަނީ ފެނިފަ އެވެ. މެޗުގެ ލީޑު ނެގީ 25 ވަނަ މިނެޓުގައި މާޒިޔާ އިންނެވެ. ހާފުގެ މެދުތެރެއިން މުހައްމަދު އުމެއިރު ނެގި ހުރަސް އޭރިއާ ތެރޭ ހުރެ ގޯލަށް ވައްދާލީ އަސަދުﷲ އެވެ.
އޭގެ މިނެޓެއް ފަހުން އީގަލްސް އިން ވަނީ މެސެޑޯނިއާ ފޯވާޑް ރިސްޓޭ ނައުމޯފްގެ ލަނޑުން އެއްވަރުކޮށްފަ އެވެ. އޭނާ ގޯލް ޖެހީ ވެސް އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅައެއް ބޮލުން ގޯލް ތެރެއަށް ވައްދާލައިގެންނެވެ.
1 - މާޒިޔާ: 47 ޕޮއިންޓް
2 - ޓީސީ ސްޕޯޓްސް ކްލަބް: 42 ޕޮއިންޓް
3 - ކްލަބް އީގަލްސް: 38 ޕޮއިންޓް
4 - ޔުނައިޓެޑް ވިކްޓަރީ: 23 ޕޮއިންޓް
5 - ނިއު ރޭޑިއަންޓް: 23 ޕޮއިންޓް
6 - ކްލަބް ވެލެންސިއާ 20 ޕޮއިންޓް
7 - ވިކްޓަރީ: 19 ޕޮއިންޓް
8 - ބީޖީ ސްޕޯޓްސް: 17 ޕޮއިންޓް
ފުރަތަމަ ހާފުގެ ފަހު ފަސް މިނެޓުގެ ތެރޭގައި ދެ ޓީމުގެ ފަރާތުން ވެސް ނުރައްކާތެރި ހަމަލާތަކެއް ފެނުނެވެ. އެގޮތުން 41 ވަނަ މިނެޓުގައި އީގަލްސްގެ މުސްތަފާ ސެޑިކް، މާޒިޔާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ކަނަށް އަމާޒުކުރި ބޯޅަ، މާޒިޔާގެ ގޯލްކީޕަރު އިމްރާން މުހައްމަދު މަތަކުރި އެވެ.
އޭގެ ފަހުން މާޒިޔާގެ އުމެއިރު އަދި އަހުމަދު އިމާޒް (އާއްކޮ) ފޮނުވާލި ދެ ބޯޅަ ސަލާމަތްކުރީ އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ. މީގެ ތެރެއިން އުމެއިރު ގޯލަށް ނުރައްކާކުރީ ހިލޭ ޖެހުމަކުންނެވެ.
މާޒިޔާ އިން ދެ ވަނަ ހާފު ފެށީ ވެސް ހަމަލާއަކާ އެކު އެވެ. އީގަލްސްގެ ޑިފެންޑަރެއް ކައިރިން ދެމި ގަތުމަށް ފަހު އަސަދުﷲ އޭރިއާ ތެރެއަށް ހުސްކޮށް ވަދެ ފޮނުވާލި ބާރު ބޯޅަ ސުޖަން މަތަކުރި އެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން އަސަދުﷲ ވަނީ މާޒިޔާ އަށް ލީޑު ނަގައިދީފަ އެވެ. މި ފަހަރު އޭނާ ގޯލް ޖެހީ އުމެއިރު ކޯނަރަކުން ނެގި ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ.
މާޒިޔާގެ ކުޅުންތެރިން އެ ޓީމުގެ ކޯޗު އަލީ ސުޒޭން އުރާލައިގެން. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މެޗުގެ ފަހު ވަގުތު މާޒިޔާ އަށް ތަފާތު ބޮޑުކުރަން ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު އަލީ އަޝްފާގް (ދަގަނޑޭ) އަށް އީގަލްސްގެ ބަދަލު ގޯލްކީޕަރު މުހައްމަދު ޝަފީއު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަސަދުﷲ ޖެހުމުން ދިޔައީ ގޯލް މަތިންނެވެ.
މިރޭގެ މެޗުގައި ޖެހި ދެ ގޯލާ އެކު ޖުމްލަ 26 ލަނޑު ހަމަކޮށް އަސަދުﷲ އޮތީ ލަނޑު ލިސްޓުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި 29 ލަނޑާ އެކު އޮތީ މިއަދު ހަވީރު ކްލަބް ވެލެންސިއާ ކޮޅަށް ހެޓްރިކެއް ހެދި ޓީސީ ސްޕޯޓްސް ކްލަބުގެ އަލީ ފާސިރު (ސެންޓޭ) އެވެ.
ގްރީން ބަލިކޮށް އީގަލްސްއިން މާޒިޔާއާ ކައިރިކޮށްފި
މޮޅު ކުޅުންތެރިޔާ ހުއްޓުވުނީ އެންމެ މޮޅު ކީޕަރަށް!
އީގަލްސް މޮޅުވެ، މާޒިޔާއާ ގާތަށް ޖެހިލައިފި
ފަހު ބުރުގެ ކުރިން: މިއީ ތިން ޓީމުގެ ރޭހެއްތަ؟
ފުރަތަމަ ބުރުން އެއް ވަނަ މާޒިޔާ އަށް
ނިއު ބަލިކޮށް އީގަލްސް އިން މާޒިޔާއާ ޕޮއިންޓަކާ ގާތަށް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މާޒިޔާ ފަސްވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފި
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު