Roadha Mihaaru
އީގަލްސް އެއްވަރުވިއިރު ޓީސީ މޮޅުވެއްޖެ

އީގަލްސް އެއްވަރުވިއިރު ޓީސީ މޮޅުވެއްޖެ

20 ސެޕްޓެމްބަރ 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީއާ ލަނޑެއް ނުޖެހި އީގަލްސް އެއްވަރުވިއިރު، ރޭ ކުޅުނު މެޗުން ބީޖީ އަތުން 4-1 އިން ޓީސީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީއާ ލަނޑެއް ނުޖެހި އީގަލްސް އެއްވަރުވިއިރު، ރޭ ކުޅުނު މެޗުން ބީޖީ އަތުން 4-1 އިން ޓީސީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

އީގަލްސް އަށް މި މެޗުން މޮޅުނުވެވުމުން ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަަގަން މާޒިޔާ އަށް ވަނީ ފުރުސަތު ލިބިފަ އެވެ. މާޒިޔާ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ 16 މެޗުން 37 ޕޮއިންޓާ އެކު އެވެ. މާޒިޔާ މިރޭ ކުޅޭނީ ވިކްޓަރީއާ ދެކޮޅަށެވެ. ދެ ވަނައިގައި އީގަލްސް އޮތީ 17 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޓީސީ އަށް 17 މެޗުން ލިިބިފައިވަނީ 30 ޕޮއިންޓެވެ.

އިއްޔެ ހަވީރު ޔުނައިޓެޑް ވިކްޓަރީ އާއި އީގަލްސް ކުޅުނު މެޗުގައި ވާދަވެރި ކުޅުމެއް ފެނުނުއިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. މި މެޗުން ތިން ޕޮއިންޓް ނުލިބި އެއް ޕޮއިންޓުން ފުއްދާލަން ޖެހުމުން އީގަލްސް އަށް ވަނީ ލީގު ހޯދުމުގެ ރޭހުގައި އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.

އީގަލްސްގެ ސެޑިކް (ކ) ބޯޅަ ފޮނުވާލާއިރު ޔުނައިޓެޑް ވިކްޓަރީ މަޒުހަރު ބަލަހައްޓައިގެން.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސްގެ ސެޑިކް (ކ) ބޯޅަ ފޮނުވާލާއިރު ޔުނައިޓެޑް ވިކްޓަރީ މަޒުހަރު ބަލަހައްޓައިގެން.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބީޖީ ކޮޅަށް ރޭގެ މެޗުގައި ޓީސީގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 22 ވަނަ މިނިޓްގައި އަލީ ނާފިއު (ކަޅޭ) އެވެ. ދެ ވަނަ ފެށިގެން ހަތް މިނިޓް ތެރޭ ބީޖީ އަށް އެއްވަރުކޮށްދިނީ އަހުމަދު އުސާމް އެވެ.

ޓީސީ އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. މެޗުގެ 56 ވަނަ މިނިޓްގައި ސެންޓޭ މި ލަނޑު ޖެހީ ބީޖީގެ ކީޕަރު ހަނީފް ސާގިބްް ކައިރިން ނައްޓާލުމަށް ފަހު އެވެ. ޓީސީގެ ތިން ވަނަ ލަނޑު މެޗުގެ 72 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޓީމުގެ ކެޕްޓަން ޔާމިން އިބްރާހިމް އެވެ.

މެޗުގެ އިތުރު ވަގުތުގައި ޓީސީގެ ހަތަރު ވަނަ ލަނޑު ޖެހީ ސެންޓޭ އެވެ. ޓީސީ ހާފްގެ ތެރެއިން ބޯޅަ ހިފައިގެން ގޮސް ސެންޓޭ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މި މެޗުގައި ޖެހި ދެ ލަނޑާ އެކު ލަނޑު ލިސްޓުގެ ކުރީގައި ސެންޓޭ އޮތީ 20 ލަނޑު ހަމަކޮށްގެންނެވެ. ދެ ވަނައިގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އޮތީ 18 ލަނޑު ޖަހައިގެންނެވެ.

ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ނިއު ބައްދަލުކުރާނީ ވެލެންސިއާއާ އެވެ. މިރޭ ވިކްޓަރީ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.