Roadha Mihaaru
ބީޖީ އަތުން އީގަލްސް މޮޅުވެ، މާޒިޔާގެ ލީޑު ކުޑަވެއްޖެ

ބީޖީ އަތުން އީގަލްސް މޮޅުވެ، މާޒިޔާގެ ލީޑު ކުޑަވެއްޖެ

03 އޯގަސްޓް 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ބީޖީ ސްޕޯޓްސް އަތުން 3-1 އިން މޮޅުވެ ލީގު އެއް ވަނައިގައި އޮތް މާޒިޔާއާ އެއް ޕޮއިންޓް ގާތަށް ކްލަބް އީގަލްސް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ބީޖީ ސްޕޯޓްސް އަތުން 3-1 އިން މޮޅުވެ ލީގު އެއް ވަނައިގައި އޮތް މާޒިޔާއާ އެއް ޕޮއިންޓް ގާތަށް ކްލަބް އީގަލްސް ޖެހިލައިފި އެވެ.

މިއަދު ހަވީރު ވިކްޓަރީއާ 3-3 އިން އެއްވަރުވި މާޒިޔާ ލީގުގެ އެއް ވަނައިގައި އޮތީ 10 މެޗުން 21 ޕޮއިންޓާ އެކު އެވެ. މިރޭގެ މޮޅާ އެކު ދެ ވަނައިގައި އީގަލްސް އޮތީ 20 ޕޮއިންޓް ހޯދައިގެންނެވެ. މިރޭގެ މެޗުން ބަލިވި ބީޖީ އޮތީ ލީގުގެ އެންމެ ފުލުގައި ތިން ޕޮއިންޓާ އެކު އެވެ.

މެޗުގެ ފުރަތަމަ ހާފް އެއްކޮށް ކޮންޓްރޯލް ކޮށްގެން ކުޅެ ގިނަ ހަމަލާ އުފެއްދީ އީގަލްސް އިންނެވެ. މުޅި މެޗުގައި އީގަލްސްގެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ މިސްރުގެ މުހައްމަދު ސެޑިކާއި މެސެޑޯނިއާ ފޯވާޑް ރިސްޓޭ ނައުމޯވް އަދި އަހުމަދު ރިޒުވާން (ރިޒޭ) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި އީގަލްސް އިން ލީޑު ނެގީ 14 ވަނަ މިނިޓްގައި އަހުމަދު ޒާދު ޖެހި ލަނޑުންނެވެ. ޒާދު މި ލަނޑު ޖެހީ ރިޒޭ ނަގައިިދިން ކޯނަރަކުން ރިސްޓޭ ބޮލުންް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

އީގަލްސް އިން ލަނޑަށް ފަހު ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެ ޓީމަށް ލީޑުފުޅާކޮށްދިނީ މެޗުގެ 29 ވަނަ މިނިޓްގައި ސެޑިކް އެވެ. ބީޖީގެ ތިން ކުޅުންތެރިންގެ ތެރެއިން ދެމިގަތުމަށް ފަހު ރިޒޭ ދިން ބޯޅަ އަކުން އޭރިއާ ތެރެއަށް ވަދެ ސެޑިކް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ބީޖީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އީގަލްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ބީޖީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އީގަލްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ހާފް ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހަން އީގަލްސް އަށް އިތުރު ފުރުސަތުތަކެއް ލިބުނެވެ. އެންމެ ހުސް ފުރުސަތެއް ލިބުނީ ރިޒޭ އާއި އަހުމަދު ނައުފަލް އަށެވެ. ބީޖީ އޭރިއާ ތެރެއިން ރިޒޭ ފޮނުވާލި ހަމަލާ ދަނޑި ކައިރިން ބޭރުން ދިޔައިރު، ނައުފަލް އަށް ލިބުނު ފުރުސަތު އޭނާ ލަސްކޮށްލުމުގެ ސަބަބުން ބޯޅަ އެންމެ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

ދެ ވަނަ ހާފް ފެށިގެން ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ބީޖީން މެޗުގެ ތެރެއަށް ވަނުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެ ޓީމުގެ އެޓޭކްތައް ހިފެހެއްޓުމަށް އީގަލްސް އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ.

އީގަލްސްގެ ތިން ވަނަ ލަނޑު 69 ވަނަ މިނިޓްގައި ކާމިޔާބުކުރީ މެޗުގެ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުބީން އިބްރާހިމް (މުއްކި) އެވެ. މުއްކި މި ލަނޑު ޖެހީ ރިސްޓޭ ތަނަވަސްކޮށްދިން ބޯޅައަކުންނެވެ.

މެޗުގެ ފަހު 20 މިނިޓްގައި ބީޖީން ވަނީ އީގަލްސް ހާފް ތެރޭގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ބީޖީން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމާ ގުޅުނު ބިދޭސީ ފޯވާޑް ޑޭވިޑް އޮސާގީ އަޑަލޭކޭ އެވެ.

ބީޖީ އަށް ލިބުނު ހިލޭ ޖެހުމަކުން އީގަލްސް އޭރިއާ ތެރެއިން ލިބުނު ބޯޅަ އަޑެލޭކޭ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ލީގުގައި މާދަމާ ވެސް ދެ މެޗެއް ކުޅޭނެ އެވެ. ހަވީރު ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާއިރު، ރޭގަނޑު ކުޅޭ މެޗުގައި ޓީސީ ނުކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.