Roadha Mihaaru
ގާނޫން ތަންފީޒު ކުރޭތޯ ބަލަން ޖެންޑާ އިން އޮފީސްތަކަށް

ގާނޫން ތަންފީޒު ކުރޭތޯ ބެލުމަށް ޖެންޑާ އިން މުއައްސަސާތަކަށް

18 ފެބުރުއަރީ 2019

ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި ކުންފުނިތަކުން، އަންހެނުންނާ ގުޅޭ ގާނޫނު ތަންފީޒު ކުރާ މިންވަރު ބެލުމަށް، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އެ ތަންތަނަށް ޒިޔާރަތް ކުރައްވަން ފައްޓަވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި ކުންފުނިތަކުން، އަންހެނުންނާ ގުޅޭ ގާނޫނު ތަންފީޒު ކުރާ މިންވަރު ބެލުމަށް، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އެ ތަންތަނަށް ޒިޔާރަތް ކުރައްވަން ފައްޓަވައިފި އެވެ.

ޖެންޑާ އިން ބުނިގޮތުގައި ގާނޫނުން ލިބިދޭ އަންހެނުންގެ ހައްގުތައް ތަންފީޒު ކުރާ މިންވަރު ބެލުމަށް މިނިސްޓަރު މިހާތަނަށް ވަނީ ކަސްޓަމްސް އާއި އެސްޓީއޯ އާއި އެލައިޑް އިންޝިއުރެންސަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ ވެރިންނާއި އަންހެން މުވައްޒަފުންނާ ބައްދަލުކޮށްފަ އެވެ.

މިނިސްޓަރު ވަނީ އެތަންތަނުގެ ވެރިންނާ ބައްދަލުކޮށް، ތަނުގައި މަސައްކަތް ކުރާ އަންހެނުންގެ ނިސްބަތް ހޯއްދަވައިފަ އެވެ. އަދި ކަންކަން ނިންމާ ލެވެލްގައި އަންހެނުންގެ ނިސްބަތް މަދު ނަމަ އެކަމާ ސުވާލު ކުރައްވައި، އެކަމުގައި ހުރި ކަންބޮޑުވުންތައް ހޯއްދެވުމަށް ތަނުގެ އަންހެން މުވައްޒަފުންނާ ވެސް ބައްދަލު ކުރެއްވި އެވެ.

މިނިސްޓަރު ޝިދާތާ ޝަރީފް، ސަރުކާރުގެ ބައެއް އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް ވެރިންނާއި މުވައްޒަފުންނާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ޖެންޑާ މިނިސްޓްރީ

މިނިސްޓަރު ޝިދާތާ ޝަރީފް، ސަރުކާރުގެ ބައެއް އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް ވެރިންނާއި މުވައްޒަފުންނާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ޖެންޑާ މިނިސްޓްރީ

ޖެންޑާ މިނިސްޓްރީން ބުނީ، ޖެންޑާ އީކުއަލިޓީގެ ގާނޫނާއި ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރާ މިންވަރު، މިނިސްޓަރު އޮޅުން ފިލުއްވާފައިވާ ކަމަށެވެ. އަދި ވަޒީފާގެ މާހައުލުގައި އަންހެނުންނާ މެދު ކުރެވޭ ތަފާތުކުރުންތަކާއި މަތީ ފެންވަރުގެ މަގާމުތަކަށް އަންހެނުން ދިއުމުގައި ކުރިމަތިވާ ހުރަސްތައް ނައްތައިލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ޝިދާތާ ދެއްވި ކަމަށް ޖެންޑާ އިން ބުންޏެވެ.

"ރާއްޖޭގެ އާބާދީގައި އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް ގާތްގަނޑަކަށް އެއްވަރު. އަދި ތައުލީމް ހާސިލް ކުރާ އަންހެން ކުދިންގެ ނިސްބަތް ފިރިހެން ކުދިންނަށް ވުރެ އިތުރު، އެކަމަކު ވަޒީފާގެ މާހައުލުން މިކަންކަމެއް ނުފެނޭ،" ކަސްޓަމްސްގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

"މިކަންކަން ހައްލުކުރުމަށް، ގާނޫނަށް ބަދަލު ގެންނަން ޖެހޭ ނަމަ އެކަމަށް ވެސް މަސައްކަތް ކުރާނަން."

ޖެންޑާ އީކުއަލިޓީގެ ގާނޫނު މީގެ ދެ އަހަރު ކުރިން އެކުލަވާލި ނަމަވެސް، މިހާތަނަށް އެ ގާނޫނު ތަންފީޒުކޮށްފައި ނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.