Roadha Mihaaru
ބުރުގާ މައްސަލައިގައި ކޮލެޖްތައް ތިން ދުވަހަށް ބަންދު

ބުރުގާ މައްސަލައިގައި ކޮލެޖްތައް ތިން ދުވަހަށް ބަންދު

09 ފެބުރުއަރީ 2022

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ސަރުކާރު ކޮލެޖެއްގައި ކިޔަވާ މުސްލިމް އަންހެން ދަރިވަރުންތަކެއް ބުރުގާ އަޅައިގެން ކޮލެޖަށް ވަނުން މަނާކުރުމާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތައް އިތުރަށް ފުޅާވެ، އެ ސްޓޭޓްގެ ސްކޫލްތަކާއި ކޮލެޖްތައް ތިން ދުވަހަށް ބަންދުކޮށްފި އެވެ.

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ސަރުކާރު ކޮލެޖެއްގައި ކިޔަވާ މުސްލިމް އަންހެން ދަރިވަރުންތަކެއް ބުރުގާ އަޅައިގެން ކޮލެޖަށް ވަނުން މަނާކުރުމާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތައް އިތުރަށް ފުޅާވެ، އެ ސްޓޭޓްގެ ސްކޫލްތަކާއި ކޮލެޖްތައް ތިން ދުވަހަށް ބަންދުކޮށްފި އެވެ.

ކަރްނާޓަކާގެ އެކި ހިސާބުތަކުގައި އިއްޔެ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ ސްޓޭޓްގެ މަތީ ސާނަވީ ސްކޫލްތަކާއި ކޮލެޖްތަކުގެ ކިޔެވުން ބަންދުވާނެ އެވެ. ދެން ކިޔެވުން ފެށޭނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

"ސަރުކާރުން ހިންގާ ކޮލެޖްތަކާ އަދި ސަރުކާރުން އެހީ ދީގެން ހިންގާ ކޮލެޖްތަކުގެ އިތުރުން ސަރުކާރުގެ އެހީއާ ނުލައި ހިންގާ ކޮލެޖްތަކުގެ ޑިޕްލޮމާ ކޯސްތަކާއި ޑިގްރީ ކޯސްތައް އަދި އިންޖިނިއަރިން ކިޔަވައިދޭ ކޮލެޖްތަކުގެ ކިޔެވުން މިއަދުން ފެށިގެން ތިން ދުވަހަށް ބަންދުވާނެ،" ކަރްނާޓަކާ ސްޓޭޓްގެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ކަރްނާޓަކާ ސްޓޭޓްގެ ސިޓީތަކުގެ ތެރެއިން ހަމަނުޖެހުން އެންމެ ބޮޑުވެފައި ވަނީ ބެންގަލޫރުގަ އެވެ. އެ ސިޓީގެ ހުރިހާ ސްކޫލްތަކެއް އިއްޔެ އިން ފެށިގެން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފަ އެވެ.

ބުރުގާ މަނާކުރި މައްސަލައިގައި މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރޭގައި، އެއް ކޮލެޖްގެ ދަރިވަރުންނާއި އަނެއް ކޮލެޖުގެ ދަރިވަރުންނާ ދެމެދު ވެސް އިއްޔެ ކުރިމަތިލުންތައް ހިނގި އެވެ.

ބުރުގާ އަޅައިގެން ކޮލެޖަށް ދިއުމާ ގުޅިގެން، ކަރްނާޓާކާގެ އުޑުޕީ ސިޓީގައި ހުރި ސަރުކާރު ކޮލެޖުން ބޭރުކޮށްލި އަންހެން ކުދިންގެ ތެރެއިން ދެ ކުއްޖަކު މިހާރު ވަނީ މި މައްސަލަ ހައި ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.

ހައި ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމެއްގައި، ފަނޑިޔާރު ކްރިޝްނާ އެސް ޑިކްސިޓް ނެރުއްވި އަމުރެއްގައި އެ ސްޓޭޓްގެ ހުރިހާ ދަރިވަރުންނާއި އާންމުންނަށް ގޮވާލާފައި ވަނީ، ހަމަނުޖެހުން ނުހިންގައި ސުލްހަ އާއި ހަމަޖެހުމަށް އިސްކަން ދިނުމަށެވެ.

"އަހަރެމެން ބަލާނީ ބުއްދީގެ ހަމަތަކަށާއި ގާނޫނު ބުނާ އެއްޗަކަށް. ޖަޒުބާތުތަކަށާއި އަމިއްލަ ހިތްހަމަޖެހުމަކަށް ނޫން. އަހަރެމެން ކުރިއަށް ދާނީ ގާނޫނުއަސާސީ ދައްކާ މަގުން. އަހަރެންގެ ކުރިމަތީގައި ގާނޫނުއަސާސީއަކީ އެންމެ މުގައްދަސް ފޮތާ އެއްފަދަ އެއްޗެއް. އަހަރެން ހުވައިކޮށްގެން މިހުރީ ގާނޫނުއަސާސީ ނަގަހައްޓަން. ޖަޒުބާތުތައް އެއްފަރާތް ކުރަމާ ހިނގާ،" މި މައްސަލައިގައި ވަކާލާތުކުރައްވާ ވަކީލުންނާ މުހާތަބު ކުރައްވައި، އިއްޔެގެ އަޑުއެހުމުގައި ފަނޑިޔާރު ކްރިޝްނާ ވިދާޅުވި އެވެ.

ކަރްނާޓާކާގެ ކޮލެޖްތަކާއި ހައި ސްކޫލްތަކުން، ބުރުގާ އެޅި އަންހެން ކުދިން ކްލާސްތަކަށް ވެއްދުން މަނާކުރަން ފެށީ، އެ ސްޓޭޓްގެ ސަރުކާރުން އެ ގޮތަށް ނިންމުމާ ގުޅިގެންނެވެ. ސްޓޭޓްގެ ސަރުކާރުން ބުނާ ގޮތުގައި ބުރުގާއަކީ ސްކޫލްތަކުގެ ޔުނީފޯމްގެ ބައެއް ނޫނެވެ. އެހެންކަމުން ސްކޫލްތަކަށް ވަދެވޭނީ ޔުނިފޯމާ އެއްގޮތަށް ހެދުން އަޅައިގެން ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

ނަމަވެސް ކޮލެޖްތަކުން ބޭރުކުރި އަންހެން ދަރިވަރުން ބުނާ ގޮތުގައި ބުރުގާ އެޅުމަކީ އެ ގައުމުގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަގީދާގެ މިނިވަންކަމުގެ ދަށުން ލިބިދޭ ހައްގެކެވެ. އެހެންކަމުން އެ ހައްގު ނިގުޅައިގަތުމުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ސްޓޭޓް ސަރުކާރަށް ވެސް އަދި މަރުކަޒީ ސަރުކާރަށް ވެސް ނޯންނާނެ ކަމަށް އެ ދަރިވަރުން ބުނެ އެވެ.