Roadha Mihaaru
އަންހެނުންނަށް ލިބެން ޖެހޭ މާލީ މިނިވަންކަމުގެ ވާހަކަ!

މާލީ ގޮތުން އަންހެނުންނަށް ލިބެން ޖެހޭ މިނިވަންކަމުގެ ވާހަކަ!

03 ޑިސެމްބަރ 2019

މާލީ ގޮތުން އަންހެނުން މިނިވަން އަދި ފުދުންތެރި ބަޔަކަށް ވުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް، ފެމެލީ ޕްރޮޓެކްޝަން އެޖެންސީން މިދިޔަ އަންގާރަ ދުވަހު ކުރި ޓްވީޓަށް މީހަކު ޖަވާބު ދިނީ ގިނަ ވާހަކަތަކެއް ކިޔައިދޭ ފޮޓޯއަކުންނެވެ. ދުވުމުގެ ރޭހަކަށް އަންހެނުންނާއި ފިރިހެނުން ތައްޔާރުވެގެން ތިބި އިރު، ފިރިހެން މީހާ ކުރިއަށް ދާން އޮތް މަގު ސާފެވެ. އެކަމަކު އަންހެން މީހާގެ ކުރިމަތީގައި އަތުރާލާފައި ހުރީ، ގޭތެރޭގައި އޭނާ އަދާކުރަން ޖެހޭ ވާޖިބުތަކެވެ. ދޮވެ އިސްތިރިކުރުމާއި ކެއްކުމާއި ފޮޅާ ސާފުކުރުމެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލީ ގޮތުން އަންހެނުން މިނިވަން އަދި ފުދުންތެރި ބަޔަކަށް ވުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް، ފެމެލީ ޕްރޮޓެކްޝަން އެޖެންސީން މިދިޔަ އަންގާރަ ދުވަހު ކުރި ޓްވީޓަށް މީހަކު ޖަވާބު ދިނީ ގިނަ ވާހަކަތަކެއް ކިޔައިދޭ ފޮޓޯއަކުންނެވެ. ދުވުމުގެ ރޭހަކަށް އަންހެނުންނާއި ފިރިހެނުން ތައްޔާރުވެގެން ތިބި އިރު، ފިރިހެން މީހާ ކުރިއަށް ދާން އޮތް މަގު ސާފެވެ. އެކަމަކު އަންހެން މީހާގެ ކުރިމަތީގައި އަތުރާލާފައި ހުރީ، ގޭތެރޭގައި އޭނާ އަދާކުރަން ޖެހޭ ވާޖިބުތަކެވެ. ދޮވެ އިސްތިރިކުރުމާއި ކެއްކުމާއި ފޮޅާ ސާފުކުރުމެވެ.

"މި ތަސްވީރުން ވަރަށް ރަނގަޅަށް ތި ވާހަކަ ބުނެދެ އެވެ،" ފޮޓޯއާ އެކު އޭނާ ދިން ޖަވާބުގައި ބުނެފައި ވެ އެވެ.

ގޭތެރޭގެ ޒިންމާތަކާ ހެދި، އާމްދަނީ ހޯދުމަށް މަސައްކަތް ނުކުރެވުމަކީ އިގްތިސޯދީ ގޮތުން އަންހެނުން ކުރިއަށް ދިޔުމަށް އޮތް ހުރަހެކެވެ. އެކަމަކު ގިނަ މީހުންގެ ނަޒަރުގައި މާލީ ގޮތުން މިނިވަން ބަޔަކަށް އަންހެނުން ނުވަނީ، ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ "ޕެޓްރިއާކަލް" ނުވަތަ ހުރިހާ ބާރެއް ފިރިހެން މީހާގެ މައްޗަށް އޮންނަ ވިސްނުމުގެ ސަބަބުންނެވެ.

ފަންނު އެކްސްޕޯގެ ސްޓޯލެއްގައި އަންހެނަކު އޭނާގެ އުފެއްދުންތައް ދައްކާލަނީ: ހުނަރު ހުރި ނަމަވެސް ވިޔަފާރީގެ މައިދާނުގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް ގިނަ

ފަންނު އެކްސްޕޯގެ ސްޓޯލެއްގައި އަންހެނަކު އޭނާގެ އުފެއްދުންތައް ދައްކާލަނީ: ހުނަރު ހުރި ނަމަވެސް ވިޔަފާރީގެ މައިދާނުގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް ގިނަ

އެ މީހުންގެ ނަޒަރުގައި ގެއަށް ވައްދާ ފައިސާ ބަލަހައްޓައި، އެ މެނޭޖް ކުރަން ޖެހޭނީ ފިރިހެނުންނެވެ. ދެމަފިރިން ވަޒީފާ އަދާކުރި ނަމަވެސް، ހަރަދު ކުރާނެ ކަންކަން ކަނޑައަޅައި، ފައިސާ ބެލެހެއްޓުމުގެ ޒިންމާ ނަގާނީ ފިރިމީހާ އެވެ. އެންމެ ކުރިއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ މި ވިސްނުމަކީ، މާލީ ގޮތުން މިނިވަން ވުމަށް އަންހެނުންނަށް އޮތް އެންމެ ބޮޑު ހުރަހެވެ.

"އަހަރެން ކިޔެވި އިރު، ގްރޭޑް އަށަަކަށް ބަދަލުވެ ސްޓްރީމް ޚިޔާރުކުރުމުގެ މަރުހަލާގައި ބެލެނިވެރިން ބާރު އެޅީ ސައިންސް ނުވަތަ އާޓްސް ނެގުމަށް. އެ މީހުން ދެކޭ ގޮތުގައި ހިސާބު އެއީ ފިރިހެން ކުދިންގެ އެއްޗެއް. ހިސާބުކިތާބާއި ވިޔަފާރި އާއި ފައިސާގެ ކަންކަން ކުރަން ޖެހޭނީ ފިރިހެނުން،" އުމުރުން 35 އަހަރުގެ އައިޝަތު މާހިރާ ބުންޏެވެ.

މިހާރު ކުންފުންޏެއްގެ އެންމެ މަތީ ހަރުފަތުގައި ހުރި ނަމަވެސް، އެ މަގާމަށް އަންނަން އޭނާ ކުރަން ޖެހުނު ދަތުރު އުނދަގުލެވެ. އެންމެ ބޮޑު ސަބަބަކަށް ވީ، މާހިރާގެ ބަހުން ނަމަ، "ވިޔަފާރިވެރިންގެ ތެރޭގައި އަންހެނަކަށް ވުމެ"ވެ. ފައިސާގެ ބޮޑެތި މުއާމަލާތްތަކާއި ބޮޑެތި ޑީލްތަކާ ކުރިމަތިލުމުގެ ހިތްވަރު ނުހުންނާނެ ކަމަށް ދުށުމެވެ. އެންމެ ބޮޑު ކަމަކަށް، ފައިސާ މެނޭޖްކުރަން އަންހެނަކު ހަވާލުވުމެވެ.

ހަމައެކަނި އަންހެނަކަށް ވީތީ ވެސް، ވަޒީފާގެ މާހައުލުގައި ތަފާތު ކުރުންތައް އިންތިހާއަށް ކުރިމަތިވި އެވެ.

"ކެއްކުމާއި ދަރިން ބެލެހެއްޓުމަކީ ވެސް އަންހެނުންގެ މަސްއޫލިއްޔަތެއް. އެކަމަކު އެކަން ކުރަމުން ވެސް އަންހެނުންނަށް އެހެން މަސައްކަތްތައް ކުރެވިދާނެ،" މާހިރާ ބުންޏެވެ.

"އަސްލު މީހުންނަށް ހީވެފައި އޮންނަނީ ވިޔަފާރި އާއި ފައިސާ ބެލެހެއްޓުމަކީ ފިރިހެނުންގެ ކަމެކޭ. އެއީ އެންމެ ކުރިއްސުރެ އޮންނަ ގޮތް."

ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ފައިސާ ބަލަހައްޓައި، މެނޭޖްކުރާ ބައެއްގެ ގޮތުގައި މުޖުތަމައުން ބޮޑަށް ބަލައިގަންނަނީ ފިރިހެނުން ނުވަތަ އާއިލާގައި ބޮޑަށް ހުންނަ ފިރިހެން މީހާ އެވެ. ފައިސާއާ ބެހޭ ކަންކަމުގައި ގޮތް ނިންމައި، އަބަދުވެސް އެންމެ ފަހު ބަސް ބުނާ ބައެއްގެ ގޮތުގައި ތިބެން ޖެހޭނީ ފިރިހެނުންނެވެ. އަންހެނުންނަށް ވެސް ގިނަ ފަހަރަށް ގަބޫލު ކުރެވިފައި އޮންނަނީ އެއީ ރަނގަޅު ގޮތް ކަމަށް ޔުމްނާ ވިދާޅުވި އެވެ.

ރޯނުވެށުމަށްޓަކައި ދެ އަންހެނަކު މަގުމަތީގައި ހުރި ޖޯލިފަށްޗެއްގައި އިށީނދެލައިގެން. އާމްދަނީ ހޯދަން ކުރާ މި ފަދަ މަސައްކަތްތައް ގައުމީ އުފެއްދުންތެރިކަމުގައި ނުހިމެނޭ .---މިހާރު ފޮޓޯ: ހުސައިން ވަހީދު

ރޯނުވެށުމަށްޓަކައި ދެ އަންހެނަކު މަގުމަތީގައި ހުރި ޖޯލިފަށްޗެއްގައި އިށީނދެލައިގެން. އާމްދަނީ ހޯދަން ކުރާ މި ފަދަ މަސައްކަތްތައް ގައުމީ އުފެއްދުންތެރިކަމުގައި ނުހިމެނޭ .---މިހާރު ފޮޓޯ: ހުސައިން ވަހީދު

މުޖުތަމައުގެ މި ވިސްނުން ބަދަލު ކުރަން ޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ދިރިއުޅުމުގެ މި ފަދަ ކަންކަމުގައި ބަސް ބުނުމުގެ އިހްތިޔާރު، އެއީ މަންމަ، އަންހެން ދަރިފުޅު ނުވަތަ އަނބިމީހާ ކަމުގައި ވިޔަސް އޮންނަން ޖެހޭނެ ކަމަށެވެ. އަދި އާއިލާގެ އަންހެން މީހާގެ ބަހަށް ދެން ތިބޭ މީހުން އިހްތިރާމް ކުރަން ޖެހޭނެ ކަން ވެސް އޭނާ ވިދާޅުވި އެވެ.

ލޯނެއް ނުލިބޭ، ކުރިއަށް ދާނެ މަގެއް ނެތް

ރާއްޖޭގައި މަސައްކަތް ކުރާ އުމުރުފުރާގެ 263،311 މީހުން އުޅޭއިރު އޭގެ ތެރެއިން 70 ޕަސެންޓަކީ ފިރިހެނުންނެވެ. ނަމަވެސް އާމްދަނީ ހޯދުމަށް ކޮންމެވެސް ކަހަލަ މަސައްކަތެއް ނުކުރާ އަންހެނަކު މިހާރު މަދުވާނެ އެވެ. ތަފާތު ނަންނަމުގައި ޕޭޖުތައް ހަދައިގެން އޮންލައިން ވިޔަފާރި ކުރުމާއި ކޭކު އެޅުމާއި މޭކަޕް ކުރުމާއި ރޯނު ވެށުމާއި ފަންގި ވިނުން ފަދަ ކިތަންމެ ކަމެއް އެ މީހުން ކުރެ އެވެ. އަންހެނުންގެ އެ މަސައްކަތްތައް ތަފާސްހިސާބުތަކުން ނުދައްކަނީ އެއީ މުސާރަ ނުލިބޭ ނުވަތަ އިންފޯމަލް ސެކްޓާގެ ތެރޭގައި ހިމެނޭ ކަންކަމަށް ވާތީ އެވެ.

30-20 އަހަރު މަސައްކަތްކޮށް ރިޓަޔާ ކުރަން ބަލާލާއިރު ކިތަންމެ ގިނަ ދުވަހު މަސައްކަތް ކުރި ނަމަވެސް، ޕެންޝަނެއް ނުލިބޭ. އަންޕެއިޑް މީހުން ވީމައި، އެ ފުރުސަތު ވެސް އޮންނަނީ ގެއްލިފައި- ޖެންޑާ

ކިތަންމެ އުފެއްދުންތެރި ނަމަވެސް، އަންހެނުން ކުރާ މި ފަދަ މަސައްކަތްތައް ކުރިއެރުވޭނެ މާ ބޮޑު ވަސީލަތްތަކެއް ނުހުރެ އެވެ. ޕްރޮޕަޓީއެއް ނުވަތަ މޯގޭޖް ކުރާނެ އެއްޗެއް ނެތުމުން ބޭންކް ލޯނެއް ނުލިބެ އެވެ. އެހެން ގޮތަކުން ވެސް އެ ވިޔަފާރިއަށް އިންވެސްޓް ކުރާނެ ބަޔަކު ނުތިބެ އެވެ. އެހެންވެ، ފުރުސަތު ލިބުނު ނަމަވެސް، މާލީ ދަތިތަކާ ހުރެ އެ ވިޔަފާރި ކުރިއަށް ގެންދިޔުމަކީ އަންހެނުންނަށް ބޮޑު ގޮންޖެހުމެކެވެ.

ޔުމްނާ ވިދާޅުވި ގޮތުގައި މާލީ ގޮތުން އަންހެނުން މިނިވަން ބަޔަކަށް ވެވޭނީ، އެ މީހުން ކުރާ މަސައްކަތްތައް ރަސްމީ ސިފައެއްގައި ބަލައިގަނެގެންނެވެ. މަހު މުސާރަ ނުލިބުނު ކަމުގައި ވިޔަސް، އެ މީހުންނަށް ލިބޭ އާމްދަނީ ވެސް، ގައުމުގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި ގުނައިގެން ކަމަށް ވިދާޅުވި އެވެ.

"[މިސާލަކަށް] 20-30 އަހަރު މަސައްކަތްކޮށް ރިޓަޔާ ކުރަން ބަލައިލާއިރު ކިތަންމެ ގިނަ ދުވަހު މަސައްކަތް ކުރި ނަމަވެސް، ޕެންޝަނެއް ނުލިބޭ. އަންޕެއިޑް މީހުން ވީމައި، އެ ފުރުސަތު ވެސް އޮންނަނީ ގެއްލިފައި،" އޭނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ އިންފޯމަލް ސެކްޓަރުގެ ތެރޭގައި ހިމެނޭ މީހުން ވެސް ޕެންޝަން ސްކީމުގެ ތެރޭގައި ހިމެނުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ކުރިއެރުވުމަށް ސަރުކާރުން މި އަހަރު އުފެއްދި އެސްއެމްއީ ބޭންކުން ލޯނު ދޫކުރުމުގައި ވަކި ބައެއް އަންހެނުންނަށް ހާއްސަކޮށްފައިވުމުން، އެއީ ވެސް ލިބޭނެ ފަސޭހައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސާ ރައްކާކުރުމުގެ ވިސްނުމެއް ނެތް

ގޮންޖެހުންތަކާ އެކު ވެސް، އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ އަންހެނުންގެ އަދަދު މަދެއް ނޫނެވެ. ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން، މިހާރު ގިނައީ ދެމަފިރިން ވެސް މަސައްކަތް ކުރާ އާއިލާތަކެވެ. އެކަމަކު ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި، ދެމަފިރިންގެ ތެރެއިން އެންމެ ފުރަތަމަ ހުސްވަނީ އަންހެން މީހާގެ އަތުގައި ހުންނަ ފައިސާ އެވެ.

ފަންނު އެކްސްޕޯގައި އަންހެނަކު އޭނާގެ އަތްތެރިކަމުގެ ހުނަރު ދައްކާލަނީ: ވިޔަފާރީގެ މައިދާނުގައި އަންހެނުންނަށް ކުރިއަށް ދެވޭނެ ގޮތްތައް ހޯދައިދޭން ޖެހޭ

ފަންނު އެކްސްޕޯގައި އަންހެނަކު އޭނާގެ އަތްތެރިކަމުގެ ހުނަރު ދައްކާލަނީ: ވިޔަފާރީގެ މައިދާނުގައި އަންހެނުންނަށް ކުރިއަށް ދެވޭނެ ގޮތްތައް ހޯދައިދޭން ޖެހޭ

ޔުމްނާ ވިދާޅުވީ އާމްދަނީ ހޯދުމަށް އަންހެން މީހާ ކޮންމެ މަސައްކަތެއް ކުރި ނަމަވެސް އޭނާ ހޯދާ ފައިސާ އެއްކޮށްހެން ހޭދަކޮށްލަނީ ގޭތެރޭގެ ހަރަދުތަކަށް ކަމަށެވެ. ބޭންކުގައި ފައިސާ ރައްކާކުރުމުގެ ވިސްނުން ނުހުންނަ ކަމަށާއި އެއީ މާލީ ގޮތުން އަންހެން މީހާގެ ފުދުންތެރިކަން ކުޑަވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުުރިއްސުރެ އޮންނަ ވިސްނުމަކީ އަންހެނުންގެ ދައުރު އޮންނަން ވާނީ ގޭތެރޭގައި ކަމާއި އެހެންވީމައި، ލިބޭ ފައިސާ ވެސް ހަރަދުކުރަން ވާނީ ހަމައެކަނި ގެ ބަލަހައްޓަން ކަމަށް. އެކަމަކު ކޮންމެވެސް މިންވަރަކަށް ނަމަވެސް އަންހެން މީހާ ފައިސާ ރައްކާކުރާ ނަމަ، އެއީ އޭނާއަށް ލިބޭނެ ވަރަށް ބޮޑު ފުދުންތެރިކަމެއް،" ޔުމްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޭތެރޭގެ ހަރަދުތައް ބޮޑުވެ، ފަހަށް ރައްކާ ނުކުރެވުނު ނަމަވެސް، އެ ފައިސާ ހަރަދުކުރުމުގައި ދެމަފިރިން އެއްވަރަކަށް ހިއްސާވުން މުހިއްމު ކަމަށެވެ.

"މިސާލަކަށް ތިމަންނަގެ ކަމަކީ ކުދިންނަށް ބޭނުންވާ އެއްޗެހި ހޯދުމޭ، އަންހެން މީހާގެ ކަމަކީ ގެއަށް ބޭނުންވާ ހަރަދުތައް ކުރުމޭ. ދެ މީހުން އެއްވަރަށް އެކަމުގައި ހިއްސާވެ، ބަހާލައިގެން ހަރަދު ކުރާނަމަ އެއީ އާއިލާއަށް ވެސް ލިބޭނެ ހިތްހަމަ ޖެހުމަކަށް ވާނެ،" ޔުމްނާ ވިދާޅުވި އެވެ.