Roadha Mihaaru
ކޭން ސޭޓު މަރުވެއްޖެ

ކޭން ސޭޓު މަރުވެއްޖެ

13 ފެބުރުއަރީ 2019

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުރިން ފުޓްބޯޅަ އާއި ވޮލީބޯޅަ ކުޅެ އަދި އެ ކްލަބަށް އެތައް ގޮތަކުން ހިދުމަތްކުރި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖަލީލް (ކޭން ސޭޓް) މިރޭ މަރުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުރިން ފުޓްބޯޅަ އާއި ވޮލީބޯޅަ ކުޅެ އަދި އެ ކްލަބަށް އެތައް ގޮތަކުން ހިދުމަތްކުރި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖަލީލް (ކޭން ސޭޓް) މިރޭ މަރުވެއްޖެ އެވެ.

އޭނާ މަރުވީ އެތެރެހަށީގެ ސީރިއަސް ސިއްހީ މައްސަލަތަކެއް ދިމާވެ، ކޮލަމްބޯގެ ހޮސްޕިޓަލެއްގައި އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށެވެ. މީގެ ދުވަސްކޮޅެއް ކުރިން އޭނާ އާއިލާއާ އެކު ލަންކާ އަށް ދިޔައީ އާދައިގެ މަތިން ޑޮކްޓަރަށް ދައްކައި ލުމަށެވެ. އެކަމަކު ޓެސްޓްތައް ހެދިއިރު، ހާލަތު ގޯސްކަން އެނގުމުން ވަގުތުން ފަރުވާ ދޭން ފެށީ އެވެ.

"ކޭންސިން" ގެ ނަމުން އެންމެ ކުރިން މަޝްހޫރުވި ޖަލީލް ކުޅިވަރުގައި އެންމެ ފުރަތަމަ ފާހަގަވީ އަށްޑިހައިގެ އަހަރުތަކުގައި ނިއުގެ ވޮލީބޯޅަ ޓީމުންނެވެ. ސައްޔިދު އަލީ މެން ފަދަ އޭރުގެ ތަރިންނާ އެކު ނިއު އަށް ކުޅެ، އޭނާގެ ބާރު ޝޮޓްތަކުން އެ ޓީމު މެޗުތަކުން މޮޅުކޮށްދިނެވެ.

ކޭން ސޭޓަށް މިދިޔަ އަހަރު ހަމަލަދިނުމުން ލިބުނު ގެއްލުންތަކާ ގުޅިގެން ބޮލުގައި ބެންޑޭޖު އަޅާފައި. އޭނާ ފަހުން ހަރަކާތްތެރިވީ ވިޔަފާރީގެ ތެރޭގައި.

ކޭން ސޭޓަށް މިދިޔަ އަހަރު ހަމަލަދިނުމުން ލިބުނު ގެއްލުންތަކާ ގުޅިގެން ބޮލުގައި ބެންޑޭޖު އަޅާފައި. އޭނާ ފަހުން ހަރަކާތްތެރިވީ ވިޔަފާރީގެ ތެރޭގައި.

ފުޓްބޯޅައިގައި އޭނާ އަކީ ބިރުކުޑަ، ވަރުގަދަ ކުޅުމެއް ދެއްކި ފޯވާޑެކެވެ. ނިއުއާ އޭރު އާދަޔާހިލާފު ވާދަވެރިކަމެއް އޮތް ވިކްޓްރީގެ ގޯލްކީޕަރު މައުރޫފް އަހުމަދު (މާއްޓޭ) އެންމެ ޖެހިލުންވާ ފޯވާޑަކީ އޭނާ އެވެ. އަތުގައި ބޯޅަ އޮއްވާ އައިސް ޖެހިގަތުމާއި ބޯޅަ ފޮނުވާލާ ވަގުތު ދޭތެރެއަށް ވަނުން އިދިކޮޅު ކީޕަރަށް ޕްރެޝަރުތައް އޭނާ ކުރި އެވެ.

"އޭނާ އަކީ ބިރު ގަންނަ ކުޅުންތެރިއެއް ނޫން. ކޮންމެ ވަގުތަކު ވެސް އައިސް ބޯޅަ އަށް އަރާފާނެ. އެހާ ވެސް ޕްރެޝަރުގައި އަޅުގަނޑުމެން ކުޅުނީ. ވިކްޓްރީގެ ޔޫތު ކުޅުންތެރިންނަށް މިއަދު އޭރުގެ ވާހަކަތައް ކިޔައިދިން އިރު ވެސް ކޭން ކުޅުނު ގޮތުގެ ވާހަކަތައް ކިޔައިދިނިން،" މާއްޓޭ ބުންޏެވެ.

އެކަމަކު އެންމެ ގިނަ ބަޔަކު ހަނދާން ހުންނާނީ ވެލެންސިއާ ކޮޅަށް ކޭން ޖެހި ގޯލެވެ. ގޯލްކީޕަރު ކުރިއަށް ނުކުމެ ހުއްޓާ ލިބުނު ބޯޅަ ގޯލަށް އަމާޒުކޮށްލުމަށް ފަހު، އޭނާ ހުރީ ބަލަހައްޓައިގެންނެވެ. އެދިޔަ ގޮތަށް ބޯޅަ އޮހުނީ ގޯލުގެ ތެރެއަށެވެ. އެ ގޯލް ޖެހިއިރު އޭނާގެ ހަރަކާތްތައް ހުރި ގޮތުން ގިނަ ބަޔަކަށް އެކަން މަޖާވެ، އެ ގޯލު ގިނަ ބަޔެއްގެ ސިކުނޑީގައި ހަރުލާފައި ހުރީ އެވެ.

ކޭން ވަނީ ނިއުގެ ވޮލީ ޓީމު އޭނާގެ އަމިއްލަ ޓީމެއް ފަދައިން ހަރަދުކޮށްގެން ވަރަށް ގިނަ ދުވަހު ގެންއުޅެފަ އެވެ. ފުޓްބޯޅަ ޓީމަށް ވެސް ވަރަށް ބޮޑަށް އެހީވި އެވެ. ފަހުން ވެސް ބައެއް ކުޅުންތެރިން ގަންނަން އޭނާ އަތުން ބޮޑު ހަރަދެއްކޮށްފައިވެ އެވެ.

ކޭން (ކޮޅަށް ވ-4) ގައި: އޭނާ ނިއުގެ ފުޓްބޯޅަ ޓީމަށް ވެސް ދެ ތިން އަހަރަކު ކުޅުނު.

ކޭން (ކޮޅަށް ވ-4) ގައި: އޭނާ ނިއުގެ ފުޓްބޯޅަ ޓީމަށް ވެސް ދެ ތިން އަހަރަކު ކުޅުނު.

ހާއްސަކޮށް ނިއު އިން 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދައި، ފުޓްބޯޅައިން ރާއްޖޭގެ ކްލަބެއް ހޯދި އެންމެ ބޮޑު ކާމިޔާބީ ހާސިލްކުރިއިރު އެ ޓީމަށް އެހީވެ ޓީމުގެ ދަތުރުތަކުގައި އޮފިޝަލެއްގެ ގޮތުން ބައިވެރިވި އެވެ. ނިއުގެ ޗެއާމަންގެ މަގާމަށް ވެސް ކޭން ގެންނަން އެއް ފަހަރަކު މަސައްކަތްކޮށްފައިވެ އެވެ.

"މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ނިއު އަށް އެހީވި ނިއުގެ ވަރަށް ބޮޑު ފޭނެއް އޭނާ އަކީ. ނިއު ބަލިވަންޏާ އޭނާ ދެރަވެ ކަންބޮޑުވާނެ. އޭނާ ނެތުމަކީ ނިއު އަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް،" ނިއުގެ ކުރީގެ ޗެއާމަން އަލީ އާޒިމް ވިދާޅުވި އެވެ.

ކޭން ވަނީ 2014 ވަނަ އަހަރުގެ އެފްއޭ ކަޕުގެ ޗެމްޕިއަންކަން މާޒިޔާ ހޯދުމުން ރަސްމިއްޔާތެއް ބާއްވައި އެ ކްލަބަށް 20،000 ޑޮލަރު ހަދިޔާކޮށްފަ އެވެ. ނިއު އަށް މަރުދޭ ކޭން، އެ ކްލަބާ ވާދަވެރި ކްލަބަކަށް ރަސްމީކޮށް އެފަދަ އެހީއެއް ދިން ސަބަބެއް ނޭގެ އެވެ. އެކަމަކު ކޭން އަކީ ގިނަ ބަޔަކާ ގުޅުން އޮންނަ އަދި ޖުމްލަކޮށް ފުޓްބޯޅަ އަށް ހުރިހާ ގޮތަކުން ވެސް އެހީވެދިން މީހެކެވެ.

މިދިޔަ އަހަރު ކޭން އަށް ހަމަލާދީ ގިނަ އަދަދެއްގެ ފައިސާތަކެއް ބަޔަކު ފޭރުނު މައްސަލައެއް ފުލުހުން ބަލާފައިވެ އެވެ. އޭނާ އަށް ހަމަލާދީފައި ވަނީ ގިނަ އަދަދެއްގެ ފައިސާތަކެއް ހިފައިގެން ގެ އަށް ވަންނަނިކޮށް އޭނާގެ މޫނަށް ޕެޕާ ސްޕްރޭ ޖެހުމަށް ފަހު އެވެ.