Roadha Mihaaru

ނިއު ރޭޑިއަންޓުގެ ވައިސް ޗެއާމަނަކަށް އެމްއޭސީއެލްގެ ޑީއެމްޑީ ލަމްއާނާ

ނިއު ރޭޑިއަންޓްގެ ވައިސް ޗެއާމަނަކަށް، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން މިއަދު އައްޔަން ކޮށްފި އެވެ.

ނިއު ރޭޑިއަންޓްގެ ވައިސް ޗެއާމަނަކަށް ލަމްއާނާ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

11 އޯގަސްޓް 2025

ނިއު ރޭޑިއަންޓްގެ ވައިސް ޗެއާމަނަކަށް، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން މިއަދު އައްޔަން ކޮށްފި އެވެ.

ރާއްޖޭގައި އެންމެ ކާމިޔާބު އެއް ކްލަބުގެ މަގާމުގައި އޮތް ނިއުގެ ޗެއާމަން އަހުމަދު މުބީން "މިހާރު" އަށް ވިދާޅުވީ ލަމްއާން، ނައިބު ރައީސްގެ މަގާމަށް އައްޔަންކުރީ އަސާސީ ގަވާއިދުން އެކްސްކޯ އަށް ލިބޭ ބާރުގެ ދަށުން ކަމަށެވެ.

ނިއުގެ ނައިބު ރައީސުންގެ މަގާމުގައި މިހާރު ތިން ބޭފުޅަކު ތިއްބަވަ އެވެ. އެއީ އެފްއޭއެމްގެ މިހާރުގެ ލީޑާޝިޕްގައި ވެސް ނައިބު ރައީސްކަން ކުރައްވާ މުޖުތަބާ ޖަލީލާއި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު އިބްރާހިމް (ކައްޕި) އެވެ. ކައްޕި އަކީ އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް ވެސް މެ އެވެ. އަދި މުޖުތަބާއަކީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރެވެ.

މުބީން ވިދާޅުވީ، މުޖުތަބާ އާއި ކައްޕި އެފްއޭއެމްގެ މަގާމަށް ވަޑައިގަތުމުން، ނިއުގެ މަސައްކަތުގައި އެ ބޭފުޅުންނަށް ބައިވެރިވެވަޑައިގެންނެވޭ މިންވަރު މިހާރު ވަރަށް ކުޑަ ކަމަށެވެ.

ނިއުގެ އާ ނައިބު ރައީސް ލަމްއާން: އޭނާ މަގާމަށް އައްޔަން ކުރީ އެކްސްކޯއިން ފާސްކޮށްގެން --- ފޮޓޯ: ނއިު

ނިއުގެ އާ ނައިބު ރައީސް ލަމްއާން: އޭނާ މަގާމަށް އައްޔަން ކުރީ އެކްސްކޯއިން ފާސްކޮށްގެން --- ފޮޓޯ: ނއިު

"އެފްއޭއެމްގެ ރައީސް [އަހްމަދު ތޯރިގް] ޓޮމްއާ އަޅުގަނޑު ބައްދަލުކުރިން. ވިދާޅުވި މުޖޭ އާއި ކައްޕި އެފްއޭއެމްގެ މަސައްކަތުގައި މަސްއޫލުވުން މި ވަގުތު މާ ބޭނުންތެރިއޭ،" މުބީން ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑަށް އެބަ ބޭނުންވޭ ނައިބު ރައީސުން ކްލަބްގެ މަސައްކަތުގައި ބައިވެރިވެވޭނެ. އެގޮތުން ލަމްއާންގެ ނަން އަޅުގަނޑުމެން އެކްސްކޯ އަށް ހުށަހަޅައިގެން ނައިބު ރައީސްކަމަށް އައްޔަން ކުރީ. އަސާސީ ގަވާއިދުގައި އެ ބާރު އެކްސްކޯ އަށް އެބައޮތް ލިބިދީފައި."

ދާދި ފަހުން ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި މުބީން ވިދާޅުވި ގޮތުގައި މި ވަގަތު އޭނާ ފުލުޓައިމްކޮށް ހުސްވެވަޑައިގެން ހުންނެވީ ކްލަބްގެ މަސައްކަތްތަކަށެވެ.

ނިއުގެ ބޯޑުގެ ބައެއް މެންބަރުންނާ އެކު ލަމްއާން އާއި މުބީން --- ފޮޓޯ: ނިއު

ނިއުގެ ބޯޑުގެ ބައެއް މެންބަރުންނާ އެކު ލަމްއާން އާއި މުބީން --- ފޮޓޯ: ނިއު

މުބީން ވިދާޅުވިގޮތުގައި، ނިއުގެ މަސައްކަތްތަކުގައި ހިއްސާވާނެ އިތުރު އެހެން ބޭފުޅަކު ވެސް މަގާމަށް އަދި ގެންނަވާނެ އެވެ.

"އަޅުގަނޑުގެ ވިސްނުން އެބަހުރި އިތުރު ބޭފުޅަކު ވެސް ވައިސް ޗެއާމަން ކަމަށް ގެނައުމަށް. ބޭނުމަކީ ކްލަބްގެ މަސައްކަތްތަކަށް ކޮންޓްރިބިއުޓްކޮށް، މި މަސައްކަތުގައި ބައިވެރިވޭނެ އިތުރު ބޭފުޅަކު ގެނައުން،" މި މަހު އެފްއޭއެމުން އެކުލަވާލި ގޯލްޑަން ޖުބްލީގެ ވައިސް ޗެއާމަންގެ މަގާމު ވެސް އަދާކުރައްވާ މުބީން ވިދާޅުވި އެވެ.

ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ނިއު ރޭޑިއަންޓް އޮތީ ދެވަނަ ޑިވިޝަނުގަ އެވެ. އެއްވަނަ ޑިވިޝަނަށް އަރަން އެ ޓީމުން މިދިޔަ ދެ އަހަރު ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވި އެވެ.