01 ފެބުރުއަރީ 2019
އަމީނިއްޔާ ސްކޫލުގެ ދޮރާށިން ވަދެގެން ދިޔައީ ޑޮކްޓަރުންނާއި އިންޖީނިއަރުންނާއި ވަކީލުން ފަދަ އޭރުގެ މޮޅެތި ދަރިވަރުންނެވެ. ގައުމުގެ އިސް މަގާމުތައް އަދާކުރަމުން އަންނަ މީހުންނެވެ. އަމީނިއްޔާގައި އުފާވެރި ދުވަސްތަކެއް ހޭދަކޮށް، މަސައްކަތުގެ ދާއިރާ އަށް ވަން އިލްމުވެރިންނެވެ.
އަމީނިއްޔާ ސްކޫލުގެ ދޮރާށިން ވަދެގެން ދިޔައީ ޑޮކްޓަރުންނާއި އިންޖީނިއަރުންނާއި ވަކީލުން ފަދަ އޭރުގެ މޮޅެތި ދަރިވަރުންނެވެ. ގައުމުގެ އިސް މަގާމުތައް އަދާކުރަމުން އަންނަ މީހުންނެވެ. އަމީނިއްޔާގައި އުފާވެރި ދުވަސްތަކެއް ހޭދަކޮށް، މަސައްކަތުގެ ދާއިރާ އަށް ވަން އިލްމުވެރިންނެވެ.
ރާއްޖޭގެ އެންމެ ދުވަސް ވީ ތިން ވަނަ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމާ ގުޅޭ ގޮތުން އަމީނިއްޔާގެ ގޯތިތެރޭގައި، މިދިއަ ބުދަދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ ސްކޫލުގެ ކުރީގެ ދަރިވަރު އަދި މިހާރުގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ. އޭގެ އިތުރުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ދައުލަތަށް އެކި ހިދުމަތްތައް ކޮށްދެއްވި އަމީނިއްޔާގެ އަލިގަދަ އެތައް ތަރިންނެއް ބައިވެރިވެވަޑައިގެންނެވި އެވެ.
އޭގެ ތެރެއިން އެއް ބޭފުޅަކީ ތައުލީމީ ހިދުމަތްތެރިޔާ ޑރ. އާމާލް އަލީ އެވެ. ދަރިވަރެއްގެ އިތުރުން އުމުރުގެ ބޮޑު ބައެއް ވަޒީފާގައި ވެސް އޭނާ ހޭދަކުރެއްވީ އެ ސްކޫލުގަ އެވެ. އޭނާގެ ހަނދާންތައް، ރަސްމިއްޔާތަށް ފަހު، "މިހާރު" އަށް ހިއްސާކުރެއްވި އެވެ.
އަމީނިއްޔާގެ އަލި މަސް ޔޫބީލް ފާހަގަކުރަން ފެށުމުގެ ގޮތުން ބޭއްވި ހަފުލާގައި ކުރީގެ ދަރިވަރުން ބައިވެރިވަނީ --ފޮޓޯ: ހުސައިން ވަހީދު/މިހާރު
"ގާތްގަނޑަކަށް 40 އަހަރު ހޭދަކުރުވުނު އަމީނިއްޔާގައި. ޓީޗަރަކަށް ވެ ހުރެ ކިޔަވަން ދިޔަސް އެނބުރި ގުޅެނީ އަމީނިއްޔާއާ. ސުޕަވައިޒަރަކާ ހަމައަށް ދެވުނު. އެސިސްޓެންޓް ޕްރިންސިޕަލާ ހަމައަށް ދެވުނު. ޕްރިންސިޕަލްގެ މަގާމާ ހަމައަށް ދެވުނު،" އާމާލް ވިދާޅުވި އެވެ.
"އަމީނިއްޔާގެ ހަޔާތަކީ އަޅުގަނޑުގެ ހަޔާތުގެ ބޮޑު ބައި. އަމީނިއްޔާއަށް އޮންނަ އިހުސާސްތައް ވަރަށް ފުން."
އޭނާ ވިދާޅުވީ 1980ގެ އަހަރުތަކުގައި އަމީނިއްޔާގައި ކިޔަވާވިދާޅުވި އިރު އެއްކޮށް އުޅުނު މީހުންނާ މިހާރު ވެސް ވަރަށް ގާތް ކަމަށެވެ. ސްކޫލުން ދިމާވި ރައްޓެހިންނަކީ ހަޔާތުގެ މުހިއްމު ބައެއް ކަމަށް ސިފަކުރެއްވި އެވެ. އެކަންކަމުގެ އިތުރުން ގައުމުގެ ހުންގާނުގައި އަމީނިއްޔާއިން ކިޔެވި ދަރިވަރުން ތިބުމުން ލިބިވަޑައިގަންނަވާ ހިތްހަމަޖެހުން މާ ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.
އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުން ފެށުމުގެ ގޮތުން ބޭއްވި ހާއްސަ ހަފްލާ --ފޮޓޯ: ހުސައިން ވަހީދު/މިހާރު
އަމީނިއްޔާގެ މިހާރުގެ ޕްރިންސިޕަލް އަދި ކުރީގެ ދަރިވަރު ނާޒްލީން ވާފިރު، އޭނާގެ ސްކޫލު ދައުރުގެ ވާހަކަތައް ވިދާޅުވަމުން ސިފަކުރެއްވީ އެއީ "ފޮނި މާޒީއެއް"ގެ ގޮތުގަ އެވެ.
"ހަނދާން ނައްތާލެވޭނެ ކަންކަމެއް ނޫން އެއީ،" ނާޒްލީން ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި އޭނާ ވާހަކަ ދައްކަވަމުން، އަމީނިއްޔާގެ އަނބުގަހާއި ޖަނބުރޯލު ގަހަށް ބޫޓާއި ފައިވާން އުކި ހަނދާނުގެ ވާހަކަތައް ފެށުމާ އެކު އެއްވެ ތިބި އެންމެންގެ މެދުގައި ފޯރި ހިފި އެވެ. އެހެންކަމުން އެ ދެ ގަހަކީ އޭރުގެ ދަރިވަރުންގެ ވެސް ފޮނި ހަނދާނެއްކަން ޔަގީނެވެ.
މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އަކީ ވެސް އަމީނިއްޔާގެ ކުރީގެ ދަރިވަރެކެވެ. ގްރޭޑު 5-10 އާ ހަމައަށް އެ ސްކޫލުން ކިޔަވާ ވިދާޅުވިއިރު، އޭރުގެ ގިނަ ހަނދާންތަކެއް އަބަދުވެސް އާލާވެ އެވެ.
އަމީނިއްޔާ އަލިމަސް ޔޫބީލްގެ ލޯގޯ މުބާރާތުން އެއް ވަނައަށް ދިޔަ ދަރިވަރަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިނާމު ދެއްވަނީ --ފޮޓޯ: ހުސައިން ވަހީދު/މިހާރު
"ވަރަށް އުފާވެރި ހަނދާންތަކެއް ހުރިހާ ދިމާލަކުން ވެސް ފެންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އައިޝަތު އަލީގެ ފުރަތަމަ ވަޒީފާ ވެސް ލިބުނީ އަމީނިއްޔާ އިންނެވެ. އެގޮތުން ޓީޗަރެއްގެ ގޮތުން އެ ސްކޫލްގައި އޭނާ މަސައްކަތްކުރެއްވި އެވެ.
"އެގޮތުން ވެސް ވަރަށް ހާއްސަ ތަނެއް އަމީނިއްޔާ ސްކޫލަކީ. ވަރަށް އުފާވޭ 75 އަހަރު ވެގެން ދާއިރު މި މަގާމުގައި ހުރެވުނީމަ،" އައިޝަތު ވިދާޅުވި އެވެ.
އަމީނިއްޔާގައި ދެ ޖިންސް އެއްކޮށްލައިގެން ކިޔަވައިދޭން 2010 ގައި ފެށުމުގެ ކުރިން އެއީ ހަމައެކަނި އަންހެން ކުދިންނަށް ހާއްސަ ސްކޫލެކެވެ. އެހެންކަމުން ރާއްޖެ ދުށް އިލްމީ އަދި އެކި ދާއިރާތަކުގެ އިސް މަގާމުތައް ފުރި ގިނަ އަންހެނުން ނިސްބަތްވީ އެ ސްކޫލަށެވެ.
އަމީނިއްޔާއަށް 75 އަހަރު ފުރޭނީ ނޮވެމްބަރު 28 ގަ އެވެ. އެކަން ފާހަގަކުރަން މުޅި އަހަރަށް ބަހާލައިގެން ތަފާތު ހަރަކާތްތައް ބާއްވަން ވަނީ ނިންމައިފަ އެވެ.
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!
އަމީނިއްޔާއަށް 75: އެތައް ބައެއްގެ އުފާވެރި މާޒީއެއް
އަމީނިއްޔާގެ އަލިމަސްޔޫބީލް ފާހަގަކުރަން ފުޓްބޯޅަ މެޗެއް
ސީއެޗްއެސްއީގެ ކުރީގެ އިމާރާތް އަމީނިއްޔާއަށް ދީފި
އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރަން 1.3 ބިލިއަން
އަމީނިއްޔާގެ ސްމާޓް އިނޮވޭޝަން ފެއާ ފަށައިފި
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ތައުލީމީ ދާއިރާއަށް އަލުން ވަނުމަށް ޝައުގުވެރިވެއްޖެ