Roadha Mihaaru
ސީއެޗްއެސްއީގެ ކުރީގެ އިމާރާތް އަމީނިއްޔާއަށް ދީފި

ސީއެޗްއެސްއީގެ ކުރީގެ އިމާރާތް އަމީނިއްޔާއަށް، އަންނަ އަހަރު ކިޔަވައިދޭނީ އެއް ދަންފަޅިއަށް

18 އޮކްޓޯބަރ 2023

ސީއެޗްއެސްއީގެ ކުރީގެ އިމާރާތް އަމީނިއްޔާ ސްކޫލަށް ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސީއެޗްއެސްއީގެ ކުރީގެ އިމާރާތް އަމީނިއްޔާ ސްކޫލަށް ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ސީއެޗްއެސްއީގެ ކުރީގެ އިމާރާތް އަމީނިއްޔާ ސްކޫލަށް ދޭން ނިންމީ އެ ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް ކަމަށެވެ.

ސީއެޗްއެސްއީގެ އިމާރާތް މަރާމާތު ކުރުމަށްފަހު އަންނަ ޖެނުއަރީ މަހު ފަށާ ދިރާސީ އަހަރުގެ ދެވަނަ ޓާމާއެކު އަމީނިއްޔާ ސްކޫލް ވެސް އެއްދަންފަޅިއަށް ބަދަލުކޮށްގެން ކިޔަވައިދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލް ކަމަށްވާ ސީއެޗްއެސްއީގެ އިމާރާތް އަމީނިއްޔާއަށް ދޭން ނިންމިއިރު، އެ އިމާރާތް ބޭނުންކުރުން މިދިޔަ އޮގަސްޓް މަހު އޮތީ ހުއްޓާލައިފަ އެވެ. އެ ސްކޫލް މިހާރު ހިންގަނީ ހުޅުމާލޭގައި ހެދި އާ އިމާރާތުގަ އެވެ.

އަމީނިއްޔާ ސްކޫލްގައި ކިޔަވާ ކުދިންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވެ، ޖާގައިގެ ދަތިކަން ބޮޑުވުމުން އެ ސްކޫލުގައި ކުރިން ބޭނުންކުރި ބާ ކްލާސް ރޫމްތައް ތަޅާލައި އަދި އާ އިމާރާތެއް ވެސް މި ފަހުން ހެދި އެވެ. އަށް ބުރީގެ އެ އިމާރާތް ބޭނުން ކުރަން ފެށީ 2018 ވަނަ އަހަރެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މީގެ ކުރިން ވަނީ އަމީނިއްޔާ ހިމެނޭގޮތަށް މާލޭގެ އެންމެ ބޮޑު ތިން ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވެފައިވަނީ މަޖީދިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލްގެ އިތުރުން އަމީނިއްޔާ ސްކޫލްގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

"ޕްލޭންގައި އެބަހުރި މަޖީދިއްޔާ، އިސްކަންދަރު އަދި އަމީނިއްޔާ އެއްދަންފަޅިއަށް ހެދުމަށް. ސީއެޗްއެސްސީއަށް އެބަ ހަދަން ހުޅުމާލޭގައި އާ އިމާރާތެއް. ހުޅުމާލެއަށް ބަދަލުކުރެވުނީމަ މާލޭގައި ހުރި ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ. އެކަހަލަ ޕްލޭންތަކެއް އެބަ ގެންގުޅެން،" އޭނާ ވިދާޅުވި އެވެ.