Roadha Mihaaru
ސީއެޗްއެސްއީ ހުޅުމާލެ އަށް ބަދަލުކުރަނީ

ސީއެޗްއެސްއީ ހުޅުމާލެ އަށް ބަދަލުކުރަނީ

15 ޖެނުއަރީ 2020

މާލޭގައި ހިންގަމުން އަންނަ ސީއެޗްއެސްއީގެ އިމާރާތް ހުޅުމާލެ އަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގައި ހިންގަމުން އަންނަ ސީއެޗްއެސްއީގެ އިމާރާތް ހުޅުމާލެ އަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

މާލޭގައި މަތީ ސާނަވީ އަށް ކިޔަވައިދޭ ސަރުކާރުގެ ހަމަ އެކަނި ސްކޫލު ހުޅުމާލެ އަށް ބަދަލުކޮށް، ކިޔަވައިދޭން ފަށާނީ އެނގިފައިވާ ގޮތުގައި 2022 ވަނަ އަހަރެވެ. އެހެންވެ، އަންނަ މާޗު/އޭޕްރީލް މަހު އެ ސްކޫލުގައި އޭ ލެވެލަށް ކިޔަވަން ފަށާ ދަރިވަރުންނަކީ، މިހާރުގެ އިމާރާތުގައި ކިޔަވާނެ އެންމެ ފަހު ބެޗެވެ.

ހާހަކަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ ސީއެޗްއެސްއީގެ އާ އިމާރާތް އަޅަން ހަމަޖައްސާފައި ވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކް ކައިރީގަ އެވެ.

މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަަހެއް އަދި ނުލިބެ އެވެ.

ސީއެޗްއެސްއީ ހުޅުމާލެ އަށް ބަދަލުކުރަން ނިންމިއިރު، އެތަނުގައި އަށް ބުރީގެ އިމާރާތެއް އަޅަން 33 މިލިއަން ރުފިޔާއަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ އެޑިއުކޭޝަން މިނިސްޓްރީން އޮކްޓޫބަރު 17، 2019 ގައި ހަވާލުކުރި އެވެ. ނަމަވެސް އެ އިމާރާތް އެޅުމުގެ މަސައްކަތްތައް މިހާރު ވަނީ ހުއްޓާލައިފަ އެވެ.

ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރުމެވެ. ނަމަވެސް އެގޮތަށް ކިޔަވައިދޭނެ ޖާގައެއް ސީއެޗްއެސްއީގަައެއް ނެތެވެ. ހުޅުމާލެ އަށް ބަދަލުކުރަން ނިންމި އެއް ސަބަބަކީ ވެސް އެއީ އެވެ.

މީގެ 41 އަހަރު ކުރިން ކިޔަވައިދޭން ފެށި ސީއެޗްއެސްއީގައި މިވަގުތު 21 ކްލާސްރޫމް އެބަހުއްޓެވެ.