Roadha Mihaaru
މާލޭގެ ސްކޫލްތައް އަންނަ މަހުގެ 3 އާ ހަމައަށް ބަންދު

މާލެ ސަރަހައްދުގެ ސްކޫލްތައް ކުރިއަށް އޮތް ދެ ހަފުތާގައި ވެސް ބަންދު

19 އޯގަސްޓް 2020

މާލޭގެ ސަރަހައްދުގެ ސްކޫލްތައް ކުރިއަށް އޮތް ދެ ހަފުތާގައި ވެސް ނުހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ ސަރަހައްދުގެ ސްކޫލްތައް ކުރިއަށް އޮތް ދެ ހަފުތާގައި ވެސް ނުހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން، އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ސްކޫލްތައް ނުހުޅުވައި، އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު 12 އިން ފެށިގެން ސްކޫލުތައް ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވައި ކިޔަވައިދޭން ފެށީ މިދިޔަ މަހުގެ 1 ގަ އެވެ. ނަމަވެސް މާލޭގައި ކޮވިޑުގެ ކޭސްތައް އަލުން އިތުރުވާން ފެށުމާ އެކު، މާލެ ސަރަހައްދުގެ ސްކޫލުތައް އިތުރު ދެ ހަފުތާ އަށް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން މިނިސްޓްރީން މި މަހުގެ ހަތަރުވަނަ ދުވަހު ނިންމި އެވެ. އޭރު މާލެ ސަރަހައްދުގައި ކިޔަވައިދޭން ފެށީ ވެސް ގްރޭޑު 9 އިން ފެށިގެން މައްޗަށެވެ. އެހެން ގްރޭޑުތަކުގެ ދަރިވަރުންނަށް، މިދިޔަ މާޗު މަހުން ފެށިގެން ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ. އެކަމަކު، ރަށްރަށުގެ ސްކޫލުތަކުގައި ކުރިއެކޭ އެއްގޮތަށް ގްރޭޑު 1-12 އާ ހަމައަށް ކިޔަވައިދެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޓުވީޓް

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި، މާލެ ސަރަހައްދުގެ ސްކޫލު ނުހުޅުވަން ނިންމި ނިންމުން ދެ ހަފުތާ ފަހުން މުރާޖައާ ކުރާނެ އެވެ.

"ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން، މާލެ ސިޓީތަކުގައި ކުރިއަށް އޮތް ދެ ހަފުތާގެ (އޮގަސްޓް 23 ން ސެޕްޓެމްބަރު 3) ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި،" މިނިސްޓްރީގެ ޓްވީޓުގައި ބުންޏެވެ.

މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ދިން ލުއިތަކާއެކު، ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ، ދިވެހިންގެ މެދުގައި އެ ބަލި ފެތުރުން ދަނީ އާންމުވަމުންނެވެ. ނަމަވެސް ސްކޫލްތަކާ ގުޅުން ހުރި ކްލަސްޓާއެއް ނެތް ކަމަށް އެޗްޕީއޭ އިން ކުރިން ބުނެފައި ވެ އެވެ. އެގޮތުން އިއްޔެ އިތުރު 170 މީހުން ޕޮޒިޓިވްވިއިރު އޭގެ ކުރީ ދުވަހު 124 މީހުން ޕޮޒިޓިވްވެފައިވެ އެވެ.