Roadha Mihaaru
ދަރިވަރުންނަށް ހުރިހާ ގޮތަކުން ވެސް ގެއްލުން

ދަރިވަރުންނަށް ހުރިހާ ގޮތަކުން ވެސް ގެއްލުން

14 ފެބުރުއަރީ 2021

"ކޮންމެ ދުވަހަކު ސްކޫލަށް ދެވޭނީ ކޮން އިރަކުން؟" ސްކޫލަށް ނުގޮސް މަޑުކުރަން ޖެހޭ ކޮންމެ ދުވަހަކު ދަރިފުޅު ސުވާލު ކުރެ އެވެ. އޭނާގެ އެ ސުވާލަކީ ނުކިޔެވިގެން ކުރާ ޝަކުވާއެއް ނޫނެވެ. ގޭގައި ވެސް ކިޔެވެ އެވެ. އޮންލައިންކޮށް ވެސް އެތައް ދުވަހެއް ވަންދެން ކިޔެވި އެވެ. އެކަމަކު ޝަކުވާ އާއި ސުވާލުތައް ގިނަވަނީ ސްކޫލަށް ދިއުމަކީ ހަމައެކަނި ކިޔެވުމަށް ކުރާ ކަމަކަށް ނުވާތީ އެވެ. އެއީ ކުދިންތައް ބައްދަލުވެ، އެކި ކަންކަމުގައި އުޅެން ލިބޭ މުޅިން ތަފާތު މާހައުލެކެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

"ކޮންމެ ދުވަހަކު ސްކޫލަށް ދެވޭނީ ކޮން އިރަކުން؟" ސްކޫލަށް ނުގޮސް މަޑުކުރަން ޖެހޭ ކޮންމެ ދުވަހަކު ދަރިފުޅު ސުވާލު ކުރެ އެވެ. އޭނާގެ އެ ސުވާލަކީ ނުކިޔެވިގެން ކުރާ ޝަކުވާއެއް ނޫނެވެ. ގޭގައި ވެސް ކިޔެވެ އެވެ. އޮންލައިންކޮށް ވެސް އެތައް ދުވަހެއް ވަންދެން ކިޔެވި އެވެ. އެކަމަކު ޝަކުވާ އާއި ސުވާލުތައް ގިނަވަނީ ސްކޫލަށް ދިއުމަކީ ހަމައެކަނި ކިޔެވުމަށް ކުރާ ކަމަކަށް ނުވާތީ އެވެ. އެއީ ކުދިންތައް ބައްދަލުވެ، އެކި ކަންކަމުގައި އުޅެން ލިބޭ މުޅިން ތަފާތު މާހައުލެކެވެ.

ކިޔަވައިދިނުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ރޭ ވިދާޅުވީ ކުދިން ސްކޫލަށް ދަނީ އެކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅޭ ވަރަށް ގިނަ ޒަރޫރީ ބޭނުންތަކެއް ފުއްދުމަށް ކަމަށެވެ.

"އެކުދިންގެ ހެދި ބޮޑުވުމާއި އެކުދިންގެ ނަފްސާނީ ތަރައްގީ އާއި އެކުދިންގެ ޖަޒުބާތީ ތަރައްގީ އާއި އެކުދިންގެ އުފާވެރިކަމާއި މި ހުރިހާ ކަމެއް ގުޅިފައި ވަނީ ސްްކޫލް މާހައުލުގެ ތެރެއާ ކަމަށް ވާތީވެ،" ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި މީޑިއާ ބްރީފިންގައި އާތިޔާ ވިދާޅުވި އެވެެ.

އޭނާ އެ ވިދާޅުވި ވާހަކައިގެ ހަގީގަތް އޮތީ އެ ވިދާޅުވި ގޮތަށް ކަން، ބެލެނިވެރިއެއްގެ ހައިސިއްޔަތުން، މިދިޔަ އަހަރު ތަޖުރިބާ ކުރެވުނެވެ. ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ސްކޫލްތައް ދިގު މުއްދަތަކަށް ބަންދުުކުރުމުން ދެ ކުދިން ވެސް ތިބެން ޖެހުނީ ގޭގަ އެވެ. އާއްމުކޮށް ކޮންމެ ދުވަހަކު ބައްދަލުވާ ކްލާސްމޭޓުުންނާއި ދެކެފަރިތަަ އެހެން ކުދިންނާ ބައްދަލުނުވެ ހޭދަކުރަން ޖެހުނު އެ ދިގު މުއްދަތުގައި ނަފްސާނީ ގިނަ މައްސަލަތަކެއް ދިމާވި އެވެ.

ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑް އޮތް މާލެއިން، އެއަށް ވުރެ ރައްކާތެރި ރަށަކަށް ބަދަލުވުމުން ވެސް ތިބެން ބޭނުންވީ ކޮޓަރީގެ ހަތަރު ފާރުގެ އެތެރޭގަ އެވެ. އައުޓްޑޯ ކުޅިވަރުތަކަށް ދާން ނަފްސާނީ ގޮތުން އުނދަގޫވި އެވެ.

"ކުދިން އުޅޭތީ ޕާކަށް ދާހިތް ނުވަނީ. މިހާރު ވަރަށް އުނދަގޫވޭ އެހެން ކުދިން އުޅެންޏާ،" މާލޭގެ ލޮކްޑައުންގެ ދުވަސްތަކަށް ފަހު ރަށަށް އައިސް، ބޭރަށް ނުކުމެ އުޅެން ލިބުނު ފުރުސަތު ބޭނުންކުރަން ބުނީމާ ވެސް ކުދިން ދިނީ މި ޖަވާބެވެ.

އޮންލައިންކޮށް ކިޔަވަން ޖެހުމަކީ ކުދިންނަށް ނަަފްސާނީ މައްސަލަތަކުގެ އިތުރުން، ކިޔެވުމުގައި ވެސް މައްސަލަތައް ކުރިމަތިވާ ކަމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ސްކްރީނެއްގެ ފަހަތުގައި ތިބެ ކިޔަވަން ޖެހުމުން ކިޔެވުމުގެ މަތިން ކުދިން ފޫހިވެ އެވެ.

"އެކުދިން ދެން އަނބުރާ އަލުން ކިޔަވަން ބޭނުމެއްނުވޭ،" ދިރާސާތަކާ ހަވާލާދެއްވައި އާތިޔާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުމުގެ ހާލަތު ގޯސްވާން ފެށުމާ އެކު ސްކޫލްތައް ބަންދުނުކޮޮށްގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފެށި އެވެ. އެގޮތަށް ކަންތައް ކުރަން ނުޖެހޭ ސަބަބަކީ، އަތިއްޔާ ވިދާޅުވި ގޮތުގައި، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އެންމެ ރަނގަޅަށް އަމަލުކުރަނީ ވެސް ސްކޫލްތައް ކަމަށް ވާތީ އެވެ.

ސްކޫލްތައް ރައްކާތެރި

ރޭގެ މީޑިއާ ބްރީފިންގައި އާތިޔާ ވިދާޅުވީ ސްކޫލްތަކުގެ މާހައުލު ރައްކާތެރި ކަމަށާއި ކޮވިޑް ފެތުރޭތީ ބަންދުކުރުމަށް ފަހު ސްކޫލްތައް އަލުން ހުޅުވީ ގިނަ ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ. އެގޮތުން ދަރިވަރުން ސްކޫލަށް ވަނުމުގެ ކުރިން އެކުދިންގެ ހުން ބެލުމާއި ކްލާސްތަކަށް ދިއުމުގެ ކުރިން އަތް ދޮވުމުގެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ.

ކްލާސްރޫމްތަކުގައި ކުދިން ތިބެނީ ތިން ފޫޓް ދުރުގަ އެވެ. އެ ދުރުމިނުގައި ވެސް ތިބެނީ މާސްކް އަޅައި ރައްކާތެރިވެގެންނެވެ. ކޮންމެ ދެ ސެޝަނެއްގެ ދެމެދު ކްލާސްރޫމްތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވެސް ރަނގަޅަށް ކުރެ އެވެ.

އާތިޔާ ވިދާޅުވީ ސްކޫލްތަކުން އެ ގައިޑްލައިނަށް އަމަލުކުރާކަން ކަށަވަރުކުރަން މާލޭގެ ގާތްގަނޑަކަށް ހުރިހާ ސްކޫލެއް މީގެ 10 ވަރަކަށް ދުވަސް ކުރިން އިންސްޕެކްޓްކޮށްފައިވާ ކަމަށެވެ.

"މިދެންނެވި އިންސްޕެކްޝަނުން ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ކަމަކީ ދަރިވަރުންނަށް ކަނޑައެޅިފައި ހުރި ސަލާމަތީ ފިޔަވަޅުތަކަށް ދަރިވަރުން ވަރަށް ރަނގަޅަށް ބޯލަނބާކަން. އަދި އެ ކުދިންނަށް މި ހުރިހާ ކަންތައްތަކެއް ވަރަށް ރަނގަޅަށް އެނގި އެކުދިން މިކަންކަމަށް އަހުލުވެރިވެ، އެކުދިންނަށް މިކަން ވަރަށް ރަނގަޅަށް ބެލެނިވެރިންނާއި ސްކޫލްތަކުން ކިޔައިދޭކަން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު މާލެ ސަރަހައްދުގައި އަަނެއްކާވެސް ގްރޭޑް 1-6 ގެ ދަރިވަރުންނަށް ސްކޫލް މިވަނީ ބަންދުކުރަން ޖެހިފަ އެވެ. އަނެއްކާވެސް އެތައް ހާސް ކުދިންނަކަށް ވަރަށް ބޮޑު ގެއްލުމެކެވެ. އެ ގެއްލުމުން އަަރައިގަންނާނެ ގޮތެއް ވެސް އަދި ނޭނގެ އެވެ.