Roadha Mihaaru
އަމީނިއްޔާގެ އަލިމަސް ޔޫބިލް ކުލަގަދަކޮށް ފާހަގަކުރަނީ

އަމީނިއްޔާ ސްކޫލުގެ އަލިމަސް ޔޫބިލް ކުލަގަދަކޮށް ފާހަގަކުރަނީ

30 ޖެނުއަރީ 2019

ރާއްޖޭގައި ތިން ވަނަ އަށް އެންމެ ދުވަސްވީ ސްކޫލު، އަމީނިއްޔާގެ އަލިމަސް ޔޫބިލް ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ތިން ވަނަ އަށް އެންމެ ދުވަސްވީ ސްކޫލު، އަމީނިއްޔާގެ އަލިމަސް ޔޫބިލް ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފި އެވެ.

އެ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމާ ގުޅޭގޮތުން މިރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މުސްކުޅި ދަރިވަރުންނަށް ހާއްސަކޮށްގެން ސްކޫލުގެ ގޯތިތެރޭގައި ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ އެ ސްކޫލުން ކިޔަވައިވިދާޅުވި އަދި ތައުލީމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ފަސްޓްލޭޑީ ފަޒްނާ އަހުމަދެވެ.

އަމީނިއްޔާ ސްކޫލަށް 75 އަހަރުފުރުމާ ގުޅޭގޮތުން ބޭއްވި ފުރަތަމަ ހަރަކާތުަގައި ފަސްޓްލޭޑީ ފަޒްނާ އަދި އަމީނިއްޔާގެ ޕްރިންސިޕަލް ނާޒްލީން ބައިވެރިވެވަޑައިގަންނަަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަމީނިއްޔާ ސްކޫލަށް 75 އަހަރުފުރުމާ ގުޅޭގޮތުން ބޭއްވި ފުރަތަމަ ހަރަކާތުަގައި ފަސްޓްލޭޑީ ފަޒްނާ އަދި އަމީނިއްޔާގެ ޕްރިންސިޕަލް ނާޒްލީން ބައިވެރިވެވަޑައިގަންނަަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެ ހަފުލާގައި ވަނީ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ހެދި ލޯގޯ ދައްކާލައިފަ އެވެ. ލޯގޯ މުބާރާތުން އެންމެ މޮޅު ލޯގޯއަށް ހޮވުނީ، އަމީނިއްޔާގެ ގްރޭޑު އަށެއްގައި ކިޔަވަމުން އަންނަ ނުފާއީލް އަހުމަދު ނަޒީފު ޑިޒައިންކުރި ލޯގޯ އެވެ. އޭގެ އިތުރުން އަލިމަސްޔޫބީލަށް ހާއްސަކޮށްގެން ތައްޔާރުކުރި ލަވަ ވެސް ވަނީ އިއްވާލައިފަ އެވެ.

އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު "މިހާރު" އަށް ވިދާޅުވީ ސްކޫލުގެ އަހަރީ ދުވަހަކީ ސްކޫލުގެ ބޮޑު ޗުއްޓީތެރޭގައި ހިމެނޭ ނޮވެމްބަރު 28 އަށް ވުމުން އަލިމަސްޔޫބިލްގެ ހަރަކާތްތައް މުޅި އަހަރަށް ބަހާލާފައިވާ ކަމަށެވެ. އެހެންވެ މުސްކުޅި ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންގެ ބައިވެރިވުމާއެކު ގިނަ ކަންތައްތަކެއް ކުރަން ނިންމާފައިވާކަން ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ބޮޑު ދުވުމަކާއި ފެތުމުގެ ހަރަކާތެއް ހިމެނެ އެވެ.

އަމީނިއްޔާ ސްކޫލަށް 75 އަހަރުފުރުމާ ގުޅޭގޮތުން ބޭއްވި ފުރަތަމަ ހަރަކާތުަގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަމީނިއްޔާ ސްކޫލަށް 75 އަހަރުފުރުމާ ގުޅޭގޮތުން ބޭއްވި ފުރަތަމަ ހަރަކާތުަގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނާޒްލީން ވިދާޅުވީ ޓޯޓަލް ފިޓްނެސް ގްރޫޕު (ޓީއެފްޖީ) އާ ގުޅިގެން ބާއްވާ ދުވުން ވެގެންދާނީ، ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމަށެވެ. އެއީ އަމީނިއްޔާއިން ކިޔެވި އެތައް ހާސް ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންގެ އިތުރުން ބެލެނިވެރިންގެ ވެސް ބައިވެރިވުން އޮންނާނެތީކަން ފާހަގަކުރެއްވި އެވެ. އެކަންކަމުގެ އިތުރުން ދަރިވަރުންގެ ޔުނީފޯމު ބަދަލުކުރުމަށް ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނަށް ހާއްސަކޮށްގެން ސާވޭއެއް ފަށާނެ ކަމަށް ނާޒްލީން ވިދާޅުވި އެވެ.

އަމީނިއްޔާ ސްކޫލަށް 75 އަހަރުފުރުމާ ގުޅޭގޮތުން ބޭއްވި ލޯގޯ ހެދުމުގެ މުބާރާތުގައި، އެންމެ މޮޅު ފަސް ލޯގޯ ހެދި ދަރިވަރުންނާއެކު ފަސްޓްލޭޑީ ފަޒްނާ ފޮޓޯއަކަށް ހުއްޓިވަޑައިގެން . --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދާނެ ހަރަކާތްތަކާ މެދު މުސްކުޅި ދަރިވަރުންގެ ހިޔާލު ހޯދުމަށް ބޭއްވި ހަރަކާތަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބުނުކަމަށް އޭނާ ވިދާޅުވި އެވެ. އެ ހަރަކާތުގައި ހާހެއްހާ މީހުން ބައިވެރިވިއިރު ކުރިއަށްގެންދާނެ ހަރަކާތްތައް އެއްކޮށް ނިންމާނީ މުސްކުޅި ދަރިވަރުންގެ ވެސް ހިޔާލާ އެކު ކަމަށް ވިދާޅުވި އެވެ.